ރ. މީދޫގައި ބޭއްވި "އިތާ، އިންޓާ ރިސޯޓް ވޮލީބޯޅަ މުބާރާތް 2025"ގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޖޯލި ބީންއިން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ޖޯލި ހޯދީ ފައިނަލުގައި ކުޑަފުއްޓާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު ފައިނަލް މެޗުގެ ސެޓުތައް ޖޯލި ބީން ކާމިޔާބުކުރީ 22-25، 21-25 އަދި 23-25 ގެ ނަތީޖާއަކުންނެވެ.
ފައިނަލް މެޗަށް ފަހު މުބާރާތުގެ ޑްރީމް ޓީމު ވަނީ ހޮވާފައެވެ. އެ ކުޅުންތެރިންނަކީ ބެސްޓް އައުޓްސައިޑް ހިޓާ ޝެހާން (ޖޯލި ބީއިން)، ބެސްޓް އައުޓްސައިޑް ހިޓާ ގަޔާން (ކުޑަފުށި)، ބެސްޓް މިޑްލް ބްލޮކަރު ލަހިރު (ޖޯލި ބީއިން)، ބެސްޓް މިޑްލް ބްލޮކަރު އަސްލަމް (ޖޯލި ބީއިން)، ބެސްޓް ސެޓަރު މަހޭޝް (ޖޯލި ބީއިން) އަދި ބެސްޓް އޮޕޮޒިޓް ޕްލޭޔާ އަކީ ދިމިތު (ކުޑަފުށި) އެވެ.
މުބާރާތުގެ އެންމެ މޮޅު ލިބެރޯއަކަށް ކޯރާކޯރާ މޯލްޑިވްސްގެ ހާއްޕެ ހޮވުނުއިރު، ބެސްޓް ސަޕޯޓާސް ޓީމުގެ އިތުރުން ފެއާޕްލޭ ޓީމަކަށް ހޮވުނީ ކުޑަފުއްޓެވެ.
މީގެ އިތުރުން، މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ އާރަށުގެ އަޝްފާނެވެ. އެންމެ މޮޅު ކޯޗަކީ ޖޯލި ކޯޗު ޝަރަފެވެ. އެންމެ މޮޅު ކުޅުންތެރިއަކީ ޖޯލި ބީއިންގެ ޝެހާންއެވެ.
ރ.މީދޫގައި މި މުބާރާތް ކުރިއަށްދިޔައީ 15 އޮގަސްޓް އިން 29 އޮގަސްޓްގެ ނިޔަލަށެވެ. މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
މި މުބާރާތަކީ ވޮލީގައި ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު މުބާރާތްތަކުގެ ތެރެއިން އެއް މުބާރާތެވެ. މި މުބާރާތުގެ ހުރިހާ މެޗެއް ސަން ޕްލޭއިން ވަނީ ގެނެސްދީފައެވެ.