ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ހަތިޔާރު ބަހައްޓައި އަމާންދިނުމަށް ދެކޮޅު ހަދައިފިނަމަ، ޣައްޒާގެ ބައެއް ސަރަހައްދުތައް ހިފަން ފެށުމަށް އިސްރާއީލުގެ މާލީ ވަޒީރު ބެޒާލެލް ސްމޮޓްރިޗް ގޮވާލައިފިއެވެ.
ގާތްގަނޑަކަށް ތިން އަހަރުވެފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހަމާސްއާ އެކު އެއްބަސްވުމެއް ހަދަން އަޑުގަދަކޮށް ދެކޮޅު ހައްދަވާފައިވާ ކަނާތުފިޔައިގެ ސްމޮޓްރިޗް ވަނީ މި އަހަރު ނިމޭއިރު މުޅި ޣައްޒާ ހިފުމަށް ރާވަފައިވާ ޕްލޭނެއް ވެސް ގުދުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުށަހަޅާފައެވެ.
އެ ހުށަހެޅުމުގެ ދަށުން ހަމާސްއިން ރަހީނުކޮށްފައިވާ ރަހީނުން މިނިވަންކޮށް، ހަތިޔާރު ބެހެއްޓުމަށް އެންމެ ފަހު ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.
އެކަމާ ހަމާސްއިން ދެކޮޅު ހަދާނަމަ އިސްރާއީލުން ކޮންމެ ހަފުތާއަކު ސަރަހައްދެއް ހިފައި، ހަތަރު ހަފުތާއިން ޣައްޒާގެ ބޮޑު ބައެއް އިސްރާއީލުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެންދާނެ ކަމަށް ސްމޮޓްރިޗް ވިދާޅުވިއެވެ.
ފަލަސްތީނުގެ ރައްޔިތުން ފުރަތަމަ ފޮނުވާލާނީ ޣައްޒާގެ ދެކުނަށް ކަމަށާއި، އޭގެ ފަހުން އިސްރާއީލުން އެ ސަރަހައްދުގެ އުތުރާއި މެދުތެރެ ވަށާލައިގެން އެތަނުގައި ބާކީ ތިބި ހަމާސް ހަނގުރާމަވެރިން ބަލިކޮށް، ފުރިހަމަ ކޮންޓްރޯލު ހޯދާނީ ކަމަށް ވެސް ސްމޮޓްރިޗްގެ އެ ހުށަހެޅުމުގައިވެއެވެ.
އޭނާ ވަނީ އެ ހުށަހެޅުން މިހާރުން މިހާރަށް ފާސްކުރުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގޮވާލާފައެވެ.
ސްމޮޓްރިޗް އެގޮތަށް ބުނީ ޣައްޒާ ސިޓީގެ ކޮންޓްރޯލް އަތުލުމަށް އަމާޒުކޮށްގެން އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ.
ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތުން ވަނީ އެ ހުށަހެޅުން ކުށްވެރިކޮށް، އެއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ ސިޔާސަތަށް ފާޅުގައި ތާއީދުކުރުން ކަމަށް ބުނެފައެވެ.
ސްމޮޓްރިޗަކީ 2005 ވަނަ އަހަރު އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ފަލަސްތީނުން ފޭބުމުން، އަނެއްކާ ވެސް އެ ސަރަހައްދުގައި އިސްރާއީލުން އާބާދުވުމަށް ފާޅުގައި ތާއީދުކުރި އިސްރާއީލުގެ ވެރިކަންކުރާ ކޯލިޝަންގެ ކަނާތުފިޔައިގެ ބައެއް މެމްބަރުންގެ ތެރެއިން އެކަކެވެ.