ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތް، ހަމާސްގެ އަސްކަރީ ވެރިޔާ ޔަހުޔާ ސިންވާރު އަވަހާރަކޮށްލުމުން އެ މަގާމާ ހަވާލުވި މުޙައްމަދު ސިންވާރު ވެސް އަވަހާރަކޮށްލިކަން އެ ޖަމާއަތުން އިއުލާންކޮށްފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 16ގައި ހަމާސްގެ ވެރިޔަކަށް އިސްވި މުހައްމަދު ސިންވާރު އަވަހާރަކޮށްލި ކަމަށް މީގެ ކުރިން ވާހަކަދެކެވުނެވެ. އެއީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.
އޭގެ ފަހުން ތިން މަސް ވެފައިވާއިރު، ހަމާސްއިން ސޯޝަލް މީޑިއާގައި ހިއްސާކުރި، ސިންވާރު ފެންނަ ފޮޓޯއެއްގެ ކެޕްޝަންގައި ވަނީ އޭނާއަކީ ޝަހީދެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް އެ ޖަމާއަތުން ހާމަކޮށްފައިނުވެއެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާގެ މޭސްތިރި ކަމަށްވާ ޔަހްޔާ ސިންވާރު އަވަހާރަކޮށްލީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހެވެ.
އެއަށްފަހު، މިދިޔަ މެއި މަހުގެ 13ގައި އިސްރާއީލުގެ މީޑިއާތަކުން ވަނީ، ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްއަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ސިންވާރު އަވަހާރަކޮށްލާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.
އިސްރާއީލުގެ ޗެނަލް 12އިން ބުނިގޮތުގައި ސިންވާރު އާންމުކޮށް އުޅުއްވީ، ހަމާސް އިން ރަހީނުކޮށްފައިވާ އިސްރާއީލު މީހުން ތިބި ތަންތަނުގައެވެ. އަދި އޭނާއަށް ހަމަލާދިނީ ރަހީނުން ނެތި ހަމާސްގެ ކޮމާންޑަރުންގެ ބަޔަކާ ބައްދަލުކުރެއްވި ވަގުތެއްގައެވެ.
މުހައްމަދު ސިންވާރު އޭނާގެ ބޭބެއާއެކު ހަމާސްއާ ގުޅިވަޑައިގަތީ 1980ގެ އަހަރުތަކުގެ ފަހުކޮޅެވެ. އެ ޖަމާއަތް ފުރަތަމަ އުފެދުނީ މުސްލިމް ބްރަދަހުޑްގެ ބައެއްގެ ގޮތުގައެވެ. ސިންވާރު ގުޅިވަޑައިގަތީ ގައްސާމް ބްރިގޭޑްސްގެ ނަމުން މަޝްހޫރު އެ ޖަމާއަތުގެ އަސްކަރީ ގޮތްޕާއެވެ.