ޗައިނާގެ ވީ-ޑޭ ފާހަގަކުރުމަށް ޓަކައި އެ ގައުމަށް ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ މަހުގެ ކުރީކޮޅު ވަޑައިގަންނަވާނެކަން، އެ ގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ޗައިނާގެ ގްލޯބަލް ޓެލެވިޝަން ނެޓްވޯކް (ސީޖީޓީއެން) އިން ޗައިނާގެ ފޮރިން މިނިސްޓަރުގެ ނައިބު ހޮންގް ލެއިއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، 26 ގައުމެއްގެ ލީޑަރުން ހިމެނޭހެން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ މަހުގެ ތިންވަނަ ދުވަހު އެ ގައުމަށް ވަޑައިގަންނަވާނެ ކަމަށް ވެއެވެ.
ރައީސްގެ އިތުރުން ޗައިނާއަށް ވަޑައިގަންނަވާ ވެރިންގެ ތެރޭގައި، އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން އާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ހިމެނޭ ކަމަށް، އެ ރިޕޯޓުގައި ވެއެވެ.
ސީޖީޓީއެންއިން އިތުރަށް ބުނީ، ޗައިނާގެ ސަރުކާރުގެ ދައުވަތަށް އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި ބޮޑުވަޒީރުންގެ ނައިބުންނާއި އިސް ފަންތީގެ ބޭފުޅުން ވަޑައިގަންނަވާނެ ކަމަށެވެ. އަދި ޗައިނާގެ ނަސްރުގެ ދުވަސް ފާހަގަކުރުމަ ށްޓަކައި އޭރު ހިނގި ހަނގުރާމައިގައިގެ ތެރޭ މަރުވި މީހުންގެ އާއިލާތަކަށް ދައުވަތު ދީފައިވާ ކަމަށް ހޮންގް ވިދާޅުވިކަމަށް އެ ރިޕޯޓުގައި ވެއެވެ.
ރައީސް އެންމެ ފަހުން ޗައިނާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ. ވެރިކަމަށް ވަޑައިގަތުމަށް ފަހު އެމަނިކުފާނު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅުކުރެއްވި ގައުމުތަކުގެ ތެރޭ ޗައިނާ ހިމެނެއެވެ.
ޗައިނާގެ ނަސްރުގެ ދުވަސް، ނުވަތަ ވީ ޑޭ ފާހަގަކުރަނީ ޗައިނާ-ޖަޕާނު ހަނގުރާމައިގައި 1945ވަނަ އަހަރު ޗައިނާއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުންނެވެ.
ދެވަނަ ޗައިނާ-ޖަޕާނު ހަނގުރާމަ ފެށީ 1937ވަނަ އަހަރުގައެވެ. 1945ގެ ނިޔަލަށް ހިނގި އެ ހަނގުރާމައިގައި 14 މިލިއަނާއި 20 މިލިއަނާ ދެމެދުގެ އަދަދަކަށް ޗައިނާ މީހުން ވަނީ މަރުވެފައެވެ.