ނޫސްވެރިން އެކްރެޑިޓްކުރަން ބްރޯޑްކޮމުން އާ އުސޫލެއް އެކުލަވާލައިފި

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންތަކެއް --- ފޮޓޯ/ ރައީސް އޮފީސް

ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަށް އެކްރެޑިޓްކުރުމާ ބެހޭ އުސޫލެއް، ބްރޯޑްކާސްޓް ކޮމިޝަނުން އެކުލަވާލައިފިއެވެ.

އެ ކޮމިޝަނުން ބުނީ މިއީ މިދިޔަ އަހަރު ހެދި އުސޫލެއް ކަމަށާއި ގެޒެޓުކުރީ މި އަހަރު ކަމަށެވެ. އެހެންވެ މިހާރު އަންނަނީ މިއަށް އަމަލުކުރަމުންނެވެ.

މި އުސޫލުގެ މައިގަނޑު މަޤްޞަދަކީ، ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަކީ ތަމްރީނު ލިބިފައިވާ ފަރާތްތަކެއްކަން ކަށަވަރުކޮށް، ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެވެ.

އޭގެ ތެރޭގައި، ނޫސްވެރިންގެ ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ބާރުއެޅުމާއި، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތަޢުލީމާއި ތަޖުރިބާ ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން، ނޫސްވެރިންގެ ދަފްތަރެއް އެކުލަވައިލުމާއި، ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަށް ފާސް ދޫކުރުން ވެސް މި އުސޫލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި އުސޫލުގެ ދަށުން އެކްރެޑިޓްކުރެވޭ ފަރާތްތައް

  • އެޑިޓަރުން
  • ރިޕޯޓަރުން/ނޫސްވެރިން
  • ޕްރެޒެންޓަރުން
  • ލިޔުންތެރިން
  • ކޮލަމިސްޓުން
  • ފޮޓޯ ޖާނަލިސްޓުން/ފޮޓޯގްރާފަރުން
  • ވީޑިއޯ ޖާނަލިސްޓުން/ވީޑިއޯގްރާފަރުން

އެކްރެޑިޓްކުރުމަށް ހުށަހަޅާ ފަރާތްތަކުން، ބްރޯޑްކާސްޓިން ނުވަތަ ނޫސްވެރިކަމުގެ ދާއިރާއިން މަދުވެގެން އެމްކިއުއޭ ލެވެލް ތިިނެއް ފުރިހަމަކޮށްފައިވުން ނުވަތަ ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާންޖެހޭނެ ކަމަށް އުސޫލުގައިވެއެވެ.

އަދި ފާއިތުވި ފަސް އަހަރު ދުވަހު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ ފަރާތެއް ކަމުގައި ވާންޖެހޭނެ ކަމަށް އުސޫލުގައިވެއެވެ.

އެކްރެޑިޓްކޮށް ކާޑު ދޫކުރެވޭނީ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް، ކުޑަކުދިންނާއި އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރުން، ޤުދުރަތީ ކާރިސާތަކާއި ހިތާމަވެރި ހާދިސާތައް ކަވަރުކުރުން، ހަލަބޮލި ހާލަތުތައް ކަވަރުކުރުން އަދި އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިންތަކާ ގުޅޭ ތަމްރީނުތައް ފުރިހަމަކުރާ ފަރާތްތަކަށެވެ. މި ތަމްރީނުގެ ފީއަކީ 100 ރުފިޔާ ކަމަށް ވެއެވެ.

އެކްރެޑިޓެޑް ޕްރެސް ފާސްގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. މުއްދަތު ހަމަވުމުގެ 30 ދުވަހުގެ ކުރިން ކާޑު އައުކުރުމަށް އެދި ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށް އުސޫލުގައިވެއެވެ.

ކާޑު ބާތިލުކުރެވޭނެ ހާލަތްތަކުގެ ތެރޭގައި ޖިނާޢީ ކުށެއް ސާބިތުވުން، ތަކުރާރުކޮށް އިސްލާހުކުރަން އެންގުމަށްފަހު ވެސް އިސްލާހުނުކުރުން، ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވުން، ނުވަތަ ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއް ހިންގުން ހިމެނެއެވެ.

މިހާރު ވެސް ބްރޯޑްކޮމުން ނޫސްވެރިންނަށް ފާސް ދޫކުރެއެވެ. އަދި މީޑިއާ ކައުންސިލުން ވެސް ފާސް ދޫކުރެއެވެ.

comment ކޮމެންޓް