މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް ހުށަހަޅާ ގިނަ މައްސަލަތައް ގުޅިފައިވަނީ ރަޖިސްޓްރީ ނުކުރާ ނޫސްތަކާ ކަމަށާއި އެ ކޮމިޝަނުގައި އޮތް 68 މައްސަލައެއްގެ ތެރެއިން 54 މައްސަލައެއް ހައްލުކޮށްފައިވާ ކަމަށް އެމްއެމްސީން މިއަދު ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މީޑިއާ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް މުހައްމަދު މިއަދު އާންމުކުރެއްވި ތަފާސްހިސާބުގައިވާ ގޮތުން، މީޑިއާ ކައުންސިލްގެ މިދިޔަ ދައުރުގައި ނުނިމި އޮތް 61 މައްސަލައާއި މި ދައުރުގައި ހުށަހެޅި ހަތް މައްސަލައިގެ ތެރެއިން ކައުންސިލަށް 54 މައްސަލައަކަށް ހައްލު ހޯދައިދެވިފައިވެއެވެ.
މި 68 މައްސަލައިގެ ތެރެއިން 56 މައްސަލައަކީ ރަޖިސްޓްރީނުކުރާ ނޫސްތަކުގެ މައްސަލަތައް ކަމަށާއި، އޭގެ ތެރޭގައި "ދިޔަވަރު"ގެ 48 މައްސަލައަކާއި "ދުންމާރި"ގެ ދެ މައްސަލައަކާއި "ދޮންއަމާ"ގެ ދެ މައްސަލައެއް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިއެއް: ނޫސްތަކާ ގުޅޭ ގޮތުން އެމްއެމްސީއަށް ހުށަހަޅަފައިވާ 68 މައްސަލައިން، 54 މައްސަލަ ހައްލުކޮށްފައިވާ ކަމަށް ކޮމިޝަނުން ބުނޭ --
-- ސަން ފޮޓޯ/ ފަޔާޒު މޫސާ
އިބްރާހީމް ވިދާޅުވީ، މީޑިއާ ކައުންސިލުން މިހާރު ނުބެލި އޮތީ މިދިޔަ ދައުރުގައި ހުށަހަޅާފައި އޮތް 13 މައްސަލައަކާއި މި ދައުރުގައި ހުށަހަޅައިފައިވާ މައްސަލައެއް އެކަނި ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެމްއެމްސީން ވަނީ 'ދިޔަވަރު' ވެބްސައިޓުން ހަގީގަތާ ޚިލާފު ޚަބަރުތައް ފަތުރަމުންދާތީ އެ ވެބްސައިޓުގެ ލިޔުންތައް ސޯޝަލް މީޑިއާގައި ނުފަތުރަން އިލްތިމާސްކޮށްފައެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެމްއެމްސީއާ ބައްދަލުކުރީ، މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް މަޖިލީހަށް މިހާރު ހުށަހަޅައިފައިވާ ބިލާ ގުޅޭ ގޮތުން ޚިޔާލު ހޯދުމަށެވެ.
އެ ކޮމިޓީގައި އެމްއެމްސީންވަނީ އެ ބިލުގެ ޑްރާފްޓިން މަރުހަލާގައި ކައުންސިލާއި ނޫސްވެރިންނާއި ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާނުކުރާ ކަމަށާއި، ބިލު ހުށަހެޅީ އެކަށޭނަ ދިރާސާއެއް ކުރުމެއް ނެތި ކަމަށް ބުނެފައެވެ.