ފަލަސްތީނު ގައުމީ ޓީމު ރާއްޖޭގައި ކޭމްޕުކުރަން އެދިއްޖެ، އެފްއޭއެމްއިން ސަރުކާރުގެ އެހީއަށް އެދެނީ

ފަލަސްތީނުގެ ޒުވާން ގައުމީ ފުޓުބޯޅަ ޓީމު--

ފަލަސްތީނުގެ ޒުވާން ގައުމީ ޓީމުގެ ތަމްރީނު ކޭމްޕް ރާއްޖޭގައި ބާއްވައިދޭން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެފްއޭއެމްގެ ކިބައިން އެދިއްޖެއެވެ.

އޭއެފްސީގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ފަލަސްތީނުގެ ޒުވާން ގައުމީ ފުޓުބޯޅަ ޓީމު ރާއްޖޭގައި ކޭމްޕުކުރުމަށް ރާއްޖެ އަންނާނީ އަންނަ ނޮވެމްބަރު އަށް ވަނަ ދުވަހުން 19 އަށެވެ.

ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ޓީމުތަކަށް އެ ގައުމުގެ ފަސްގަނޑުގައި މުބާރާތް ކުޅެ ތަމްރީނު ހެދުމުގެ ފުރުސަތު ނުލިބުމުގެ ސަބަބުން އެ ގައުމުން ބަރޯސާވަނީ އެހެން ގައުމުތަކަށެވެ.

އެފްއޭއެމުން ބުނީ ފަލަސްތީނުގެ އެސޯސިއޭޝަނުން އެގޮތަށް އެދިފައިވުމުން އެކަމަށް ސަރުކާރުގެ އެހީތެރިކަމަށް އެދުމަށް ނިންމާފައިވާ ކަމަށެވެ. މިމުއްދަތުގައި ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުން ފަލަސްތީނާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމުން ބުންޏެވެ.

މިއަދު ބޭއްވި އެފްއޭއެމްގެ އެކްސްކޯ ބައްދަލުވުމުގައި ނިންމީ ފަލަސްތީނުގެ ޓީމު ރާއްޖޭގައި ތިބުމުގެ ޚަރަދުތައް ހަމަޖެއްސުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދެން ކަމަށް އެ އިދާރާއިން ބުންޏެވެ.

މީގެއިތުރުން ފަލަސްތީނުގެ ޓީމާ ދެކޮޅަށް ރާއްޖޭން ކުޅޭ އެކުވެރިކަމުގެ ދެ މެޗަށް ސްޕޮންސަރުންގެ އެހީއަށް އެދުމަށް އެކްސްކޯގެ ބައްދަލުވުމުން ނިންމި ކަމަށް އެފްއޭއެމުން ބުންޏެވެ.

އިންޑިއާގައި ކުޅުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕް 17 އަހަރުން ދަށުގެ ކޮލިފައިންގައި ފަލަސްތީނު ހިމެނެނީ ގުރޫޕް ޑީގައެވެ. ފަލަސްތީނާއި އިންޑިއާގެ އިތުރުން އެ ގްރޫޕުގައި ހިމެނެނީ އިރާނާއި ޗައިނީޒް ޓައިޕޭ އަދި ލުބުނާނެވެ. ކޮލިފައިން ކުރިއަށްދާނީ ނޮވެމްބަރު 22-30 ގެ ނިޔަލަށެވެ.

comment ކޮމެންޓް