ފަލަސްތީނުގެ ޒުވާން ފުޓްބޯޅަ ޓީމު ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުސަތު ދޭން ދިވެހި ސަރުކާރުން ނިންމައިފިއެވެ.
މިކަމާ ގުޅިގެން އެފްއޭއެމުގެ ރައީސް އަޙްމަދު ތޯރިގާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު ވަނީ މިއަދު ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ފަލަސްތީނުގެ ގައުމީ ޓީމުގެ އިންތިޒާމުތަކާއި ޚަރަދުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ ގައުމީ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ މަގު ފަހިކޮށްދިނުމަށް ނިންމާފައިވާއިރު، އެފްއޭއެމުން ވަނީ މި ހުށަހެޅުން ލިބުމާއެކު އެންމެ ފަހުން ބޭއްވި އެ އެސޯސިއޭޝަނުގެ އެކްސްކޯ ބައްދަލުވުމުގައި އެ ކޭމްޕުގެ ޚަރަދުތަކާ ގުޅޭގޮތުން ދިވެހި ސަރުކާރާ މަޝްވަރާކުރުމަށް ނިންމާފައެވެ.
"މިއީ ފަލަސްތީނާއި ރައްޖޭގެ ގުޅުން އިތުރަށް ވަރުގަދަވެ، ކުޅިވަރުގެ ކަންކަމުގައި ފަލަސްތީނަށް އެހީވުމަށްޓަކައި ނިންމި މުހިންމު ނިންމުމެއް،" ކުޅިވަރު ވުޒާރާގެ ޕޯސްޓުގައިވެއެވެ.

ފަލަސްތީނުގެ ގައުމީ ފުޓުބޯޅަ ޓީމް --
އޭއެފްސީގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ފަލަސްތީނުގެ ޒުވާން ގައުމީ ފުޓުބޯޅަ ޓީމު ރާއްޖޭގައި ކޭމްޕުކުރުމަށް ރާއްޖެ އަންނާނީ އަންނަ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހުން 19 އަށެވެ.
ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ޓީމުތަކަށް އެ ގައުމުގެ ފަސްގަނޑުގައި މުބާރާތް ކުޅެ، ތަމްރީނު ހެދުމުގެ ފުރުސަތު ނުލިބުމުގެ ސަބަބުން އެ ގައުމުން ބަރޯސާވަނީ އެހެން ގައުމުތަކަށެވެ.
އިންޑިއާގައި ކުޅުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕް 17 އަހަރުން ދަށުގެ ކޮލިފައިންގައި ފަލަސްތީނު ހިމެނެނީ ގުރޫޕް ޑީގައެވެ. ފަލަސްތީނާއި އިންޑިއާގެ އިތުރުން އެ ގްރޫޕުގައި ހިމެނެނީ އިރާނާއި ޗައިނީޒް ޓައިޕޭއާއި ލުބުނާނެވެ. ކޮލިފައިން ކުރިއަށްދާނީ ނޮވެމްބަރު 22-30 ގެ ނިޔަލަށެވެ.