ބައިނަލްއަގުވާމީ ނިންމުތައް ނިންމުމުގައި ތަރައްގީވަމުން އަންނަ ކުދި ގައުމުތައް ހިމެނުމަށް، ޗައިނާގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ޕްލަސް ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، އެ އެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ޗައިނާއާއި ރާއްޖޭގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވި ކަމަށެވެ.
ރާއްޖެއަކީ ވިލުންތެރިި ގައުމެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް ވަނީ، ދިވެހިރާއްޖޭގެ މޫސުމީ ލަނޑުދަނޑިތަކާއި މޯލްޑިވްސް 2.0 ޑިޖިޓަލައިޒޭޝަން މަސައްކަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އޭގެއިތުރަށް، ގްލޯބަލް ގަވަނަންސް އިނީޝިއެޓިވަށް ރާއްޖެއިން ތާއީދުކުރާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް މުއިއްޒު އެސްސީއޯ ޕްލަސް ބައްދަލުވުމުގައި ވާހަކަދައްކަވަނީ: އެމަނިކުފާނު ވަނީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އަލިއަޅުއްވާލައްވާފައި --- ފޮޓޯ/ ރައީސް އޮފީސް
ބައިނަލްއަގުވާމީ ފެންވަރުގެ ނިންމުންތައް ނިންމުމުގެ މަރުޙަލާގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ހިމެނުއްވުމަށް އެ މަނިކުފާނު ގޮވާލެއްވިއިރު، ފަލަސްތީނަށް ތާއިދުކުރުމުގައި ދިވެހީން ސާބިތުކަން މަތީ ދެމި ތިބިކަމަށް އެ ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ. އަދި، ފަލަސްތީނުގެ ޙައްގުގައި ބައިނަލްއަގުވާމީ މުޖުތަމަޢުން ވެސް އެކުގައި މަސައްކަތްކުރުމަށް އެ މަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މި ބައްދަލުވުން އިފުތިތާހުކޮށްދެއްވައި ވާހަކަދެެއްކެވީ ޗައިނާގެ ރައީސް ޝީ ޖިންޕިންއެވެ. އެގޮތުން، އެސްސީއޯގެ އިސްނެގުމުގެ މަތިން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި، އަމާންކަމާއި ހަމަޖެހުމާއި ތަމައްދުނަށް މަސައްކަތްކުރުމުގރ މުހިންމުކަމުގެ މައްޗަށް ޝީ ވަނީ އަލިއަޅުއްވާލައްވާފައެވެ.

ރައީސް މުއިއްޒު އެސްސީއޯ ޕްލަސް ބައްދަލުވުމުގައި: އެމަނިކުފާނު ވަނީ ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މުޖުތަމައުއިން އެކުގައި މަސައްކަތް ކުރަން އިލްތިމާސްކުރައްވާފައި --- ފޮޓޯ/ ރައީސް އޮފީސް
ޗައިނާގެ ރައީސް ވަނީ، ބައިނަލްއަގުވާމީ އެއްބާރުލުމާއި ތަރައްގީއަށް އެދެވޭ ބަދަލުތައް ގެނައުމުގެ އަމާޒުގައި ހުށަހަޅާފައިވާ ބައިނަލްއަގުވާމީ ސިލްސިލާގެ ތެރޭގައި ހިމެނޭ، ގްލޯބަލް ގަވަނަންސް އިނީޝިއެޓިވް (ޖީސީއައި) ތަޢާރަފުކޮށްދެއްވާފައެވެ.
ރައީސް ޝީގެ ދައުވަތަކަށް ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގަތީ ހުކުރު ދުވަހެވެ.
އެ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ވަނީ ޗައިނާގެ ރައީސާ އެކު ވަކިން މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވަވައިފައެވެ. އެ މަޝްވަރާގައި ޗައިނާއިން ވަނީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަން އެހީވާނެކަމުގެ ޔަގީންކަން ދީފައެވެ.
މީގެ އިތުރުން، އެސްސީއޯ ސަމިޓުގެ ހަވާސާގައި ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެކުގައި ތިއްބެވި ފޮޓޯއެއް ވެސް އިއްޔެ މޯދީ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ.
އޭގެފަހުން އެ މަނިކުފާނު މިއަދު ވަނީ، ނޭޕާލްގެ ބޮޑުވަޒީރު ކޭ ޕީ ޝަރްމާ އޮލިއާ ބައްދަލުކުރައްވައި، އިގުތިސާދު ސިންދަފާތުކުރުން ހިމެނޭހެން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކުރައްވާފައެވެ.
ރައީސް އޮފީހުން މީގެ ކުރިން ވަނީ މި ސަމިޓުގެ ހަވާސާގައި މަތީ ފަންތީގެ ގިނަ ބައްދަލުވުންތަކެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ.
އެސްސީއޯއަކީ ޔޫރޭޝިޔާ ސަރަޙައްދުގެ ސިޔާސީ، އިގުތިސާދީ އަދި ދިފާއީ ކަންކަމަށް އަމާޒުކޮށްގެން، އެ ސަރަޙައްދުގެ ހަ ގައުމަކުން އެކުލަވާލާފައިވާ ސަރަޙައްދީ ޖަމިއްޔާއެކެވެ. ކުރިން، 2001 ވަނަ އަހަރު އެ ޖަމިއްޔާ އުފައްދާފައިވަނީ، ޗައިނާ، ރަޝިޔާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާނުންނެވެ.
ޖިއޯގްރަފީއާއި އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު ސަރަހައްދީ ޖަމިއްޔާކަމުގައިވާ އެސްސީއޯގައި މިހާރު 10 މެންބަރު ގައުމު ހިމެނެއެވެ. އަދި އޮބްޒާވަރުންނާއި ޑަޔަލޮގް ޕާޓްނަރުންގެ ގޮތުގައި އިތުރު ގައުމުތައް ހަރަކާތްތެރިވެއެވެ. އެގޮތުން ރާއްޖެއަކީ އެސްސީއޯގެ ޑަޔަލޮގް ޕާޓްނަރެކެވެ.