ފެނަކައިގެ އައު ޗީޕް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމަށް މުހައްމަދު ޖިހާދު އައްޔަނުކޮށްފިއެވެ.
އެ މަގާމަށް ޖިހާދު އައްޔަނުކުރީ އެމަގާމުގައި ހުންނެވި އަބްދުﷲ ވަހީދު ވަކިވުމާ ގުޅިގެނެވެ. ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، އެމަގާމުން ވަހީދު މިއަދު ވަނީ އިސްތިއުފާދެއްވާފައެވެ.
ފެނަކައިން ކުރި ޕޯސްޓެއްގައި އެމަގާމުގައި ހުންނަވައިގެން ވަހީދު ކޮށްދެއްވި މަސައްކަތަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
އޭގެފަހުން ފެނަކައިން ކުރި ޕޯސްޓެއްގައި ވަނީ، އެކުންފުނީގެ ސީއެފްއޯއަކަށް ޖިހާދު އައްޔަނުކޮށްފައިވާކަން އިއުލާނުކޮށްފައެވެ. އެ ޕޯސްޓުގައި ފެނަކައިން ވަނީ، ޖިހާދަށް މަރުހަބާ ކިޔާފައެވެ.
ޖިހާދު މީގެ ކުރިން ހުންނެވީ ފެނަކަގެ ޗީފް ރިސޯސް އޮފިސަރުގެ މަގާމުގައެވެ.
ފާހަގަކުރޭ ގޮތުގައި، މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން ވަނީ، ވީހާވެސް ގިނަ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު ދޭން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޗީފް ފައިނޭންޝަލް އޮފިސަރުން (ސީއެފްއޯ) އަދި ޗީފް އިންޓާނަލް އޮޑިޓަރުން (ސީއައިއޭ) އައްޔަނުކުރުމުގައި ލުއިތަކެއްދީ އާ އުސޫލެއް އާންމުކޮށްފައެވެ.
ސީއެފްއޯއަކީ ކުންފުނީގެ މާލީ ކަންކަމާއި އިސްތިރާޖުތައް ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހޭ ކުންފުނީގެ އެގްޒެކެޓިވް މަގާމެއް އަދާކުރާ ބޭފުޅެކެވެ. އަދި، ސީއެފްއޯ ރިޕޯޓުކުރަން ޖެހޭނީ ހަމައެކަނި ކުންފުނީގެ ބޯޑަށާއި މެނޭޖިން ޑިރެކްޓަރަށް ކަމަށް އުސޫލުގައިވެއެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ސީރިއަސް ކޮރަޕްޝަންތަކެއްގެ ތުހުމަތު ކުރެވޭ ކުންފުންޏަކީ ފެނަކައެވެ. އެ ކުންފުނީގެ ދަރަނި ބޮޑުވެ، ކޮންޓްރެކްޓަރުންނަށް ފައިސާ ނުދިނުމުގެ ގިނަ މައްސަލަތަކެއް ވެސް ފެންމަތިވެފައިވެއެވެ.