އެންމެ ފުރިހަމަ މެހުމާންދާރީ ދަސްވީ، 12 އަހަރުތެރޭ މައިންބަފައިން ގާތުން ފެނުނު ނަމޫނާއިން: ސިޔާމް

ސަން ސިޔާމް ރިސޯޓްތައް ރީބްރޭންޑް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ސަން ސިޔާމް ގުރޫޕުގެ ޗެއާމަން އަދި އެމްޑީ އަޙްމަދު ސިޔާމް މުޙައްމަދު -- ސަން ފޮޓޯ/ މޫސާ ނަދީމް

އެންމެ ފުރިހަމަ މެހުމާންދާރީ އަދާކުރުމުގެ މިސާލު އެ މަނިކުފާނަށް ފެނިވަޑައިގަތީ، އެ މަނިކުފާނުގެ މަންމައާއި ބައްޕަގެ ފަރާތްޕުޅުންކަމަށް ސަން ސިޔާމް ގްރޫޕްގެ ބާނީ އަޙްމަދު ސިޔާމް މުޙައްމަދު މިރޭ ވިދާޅުވެއްޖެއެވެ.

ސަން ސިޔާމް ރިސޯޓްތަކުގެ އާ ބްރޭންޑިން ތައާރަފުކުރުމަށް މިރޭ އޮތް ހަފުލާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވަނީ އާ ބްރޭންޑިން އުފެއްދުމުގައި ހިމެނުއްވި މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ. އަދި މި ބްރޭންޑިންއިން ތަސައްވުރުކޮށްދޭން ބޭނުންވާ ކަންކަމުގެ ތަފުސީލު ވެސް ހިއްސާކުރައްވައިފައެވެ.

އެ މަނިކުފާނު ވިދާޅުވީ މި ބްރޭންޑިންގެ ބިނާއަކީ، ތުއްޕުޅުއިރު އެ މަނިކުފާނުގެ މަންމައާއި ބައްޕަ ދަސްކޮށްދެއްވި ސިފަތައް ކަމަށްވާ، މީހުންނަށް އިޙުތިރާމް އަދާކުރުމާއި ކުލުނުވެރިވުމުގެ ސިފަ ކަމަށެވެ.

"އަޅުގަނޑުގެ އުމުރުން 12 އަހަރުވަންދެން އަޅުގަނޑަށް ދަސްވީ، އަޅުގަނޑުގެ މަންމައާއި ބައްޕަ ކައިރިން މެހުމާނުންނަށް ކަމޭހިތާނެ ގޮތް. މެހުމާނުންނާ ދޭތެރޭ ލޯބިން ކަންތައްތައް ކުރާނެ ގޮތް އަޅުގަނޑަށް ދަސްވެގެން ދިޔައީ. އަޅުގަނޑުމެންނަށް ބައެއް ފަހަރު ކާން ހުންނަ އެއްޗެއް ނުބަހައްޓައި، ބައްޕައާއި މަންމަ އެހެން މީހުންނަށް ހުރިހާ އެއްޗެއް ބަހައިލާ ތަން ވެސް އާދޭ،" އެ ކަމުން ދަސްވީ އެހެން މީހުންނަށް ކުރަންވީ ގަދަރުކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވިއެވެ.

ސަން ސިޔާމް ރިސޯޓުތައް ރީބްރޭންޑް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަން ސިޔާމް ގުރޫޕުގެ ޗެއާމަން އަދި އެމްޑީ އަޙްމަދު ސިޔާމް މުޙައްމަދު -- ސަން ފޮޓޯ/ މޫސާ ނަދީމް

މީގެ އިތުރުން އެހެން ރަށްރަށުން އަންނަ މެހުމާނުންނަށް ވެސް މައިންބަފައިން މެހުމާންދާރީ އަދާކުރީ އެންމެ ފުރިހަމަ ދަރަޖައިގައި ކަމަށް ސިޔާމް ވިދާޅުވިއެވެ.

"މީގެން އަޅުގަނޑަށް ދަސްވީ ހަގީގަތުގައި ހޮސްޕިޓާލިޓީ އަކީ ކޯއްޗެއްކަން،" ސިޔާމް ވިދާޅުވިއެވެ.

އެއާއެކު އެ މަނިކުފާނު ވިދާޅުވީ މިރޭ ސަން ސިޔާމް ރިސޯޓުތަކުގެ އާ ބްރޭންޑިން ތައާރަފުކުރާއިރު، އެ މަނިކުފާނުގެ ރިސޯޓުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް އިހުސާސްވާންވީ އެ ލޯތްބާއި، ގާތްކަމާއި ފުރިހަމަ މެހުމާންދާރީ ކަމަށެވެ. އަދި ސަން ސިޔާމް ބްރޭންޑު އާ ގޮތަކަށް ބައްޓަންވުމުގެ ހަގީގީ ސަބަބަކީ ވެސް އެ މަނިކުފާނު ތުއްޕުޅުއިރު އެ ފަދަ ފުރިހަމަ މެހުމާންދާރީ ފެނިވަޑައިގެންފައިވުން ކަމަށް ވެސް ވިދާޅުވިއެވެ.

"އެހެންވީމާ އޭތި އަޅުގަނޑު މި ސަން ސިޔާމް ބްރޭންޑަށް ގެންނަން ބޭނުންވީ،" ސިޔާމް ވިދާޅުވިއެވެ.

އެ މަނިކުފާނު ވަނީ، ފަތުރުވެރިންނަށް ލިބޭ ޚިދުމަތާއި ތަޖުރިބާއަކީ ހިތުން ފިލާނެ ކަންކަމަށް ނުވާތީ، ހުރިހާ މުވައްޒަފުން ވެސް ފުރިހަމައަށް ޚިދުމަތްތައް ދިނުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ސިޔާމް ވަނީ އެ މަނިކުފާނުގެ ކުންފުންޏަކީ ފަތުރުވެރިކަމުގެ ވިޔަފާރި ހިންގުމުގައި އިސް މަގާމުތަކުގައި ސައްތައިން ސައްތަ ދިވެހީން ތިބި ދިވެހި ކުންފުނިކަން ފާހަގަކުރައްވައިފައެވެ. އަދި އެ މަނިކުފާނު ވަނީ ދިވެހި ޒުވާނުން މަތީ ތައުލީމް ހާސިލްކޮށްގެން މި ދާއިރާގެ މަތީ މަގާމްތަކަށް ކުރިމަތިލުމަށް އެދިވަޑައިގެންފައެވެ.

ސަން ސިޔާމް ރިސޯޓްސްގެ ޑިރެކްޓާ އޮފް މާކެޓިން، ސާރާ ސިޔާމް -- ސަން ފޮޓޯ/ މޫސާ ނަދީމް

މިރޭ ތައާރަފުކުރި ބްރޭންޑިންގެ އިތުރު ތަފުސީލް "ސަން"އާ ހިއްސާކޮށްދެއްވަމުން ސަން ސިޔާމް ރިސޯޓްސްގެ ޑިރެކްޓާ އޮފް މާކެޓިން، ސާރާ ސިޔާމް ވިދާޅުވީ، މިއީ މުޅިން ވެސް ވާހަކަ ކިޔައިދިނުމުގެ މައްޗަށް އެކުލެވޭ ބްރޭންޑިންއެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ވެސް ބޮޑުބެރުޖަހާ ކަމަށާއި ނަމަވެސް "ސަން ސިޔާމް"ގެ މި ބްރޭންޑްގެ ދަށުން ބޭނުންވަނީ މިއަށްވުރެ މާ ބޮޑެތި ކަންކަން ކުރަން ކަމަށް ސާރާ ވިދާޅުވިއެވެ. އަދި މަގުސަދަކީ، މިއުޒިކަލް ހަރަކާތްތަކާއި އިންޓެރެކްޓިވް ތިއޭޓަރުތައް ފަދަ ކަންކަމުގެ ތެރެއިން ރާއްޖޭގެ ތާރީޚާއި ސަގާފަތް ދައްކުވައިދީ، ފަތުރުވެރިންނަށް އެ ކަންކަން ތަޖުރިބާކުރުމަށް ފުރުސަތު ދިނުން ކަމަށް ސާރާ ވިދާޅުވިއެވެ.

ސާރާ ވިދާޅުވީ މި ރީބްރޭންޑިންއަކީ ހަމައެކަނި ފެންނަން ހުންނަ ކަންކަން ބަދަލުކުރުމުގެ ބަދަލުގައި، މުޅިން އާ ތަޖުރިބާތަކެއް ގެނެސްދޭނެ ބްރޭންޑިންއެއް ކަމަށެވެ.

ސިޔާމް ވޯލްޑްގެ މެނޭޖަރު އައުސަމް ވަސީމް (އައުސީ) -- ސަން ފޮޓޯ/ މޫސާ ނަދީމް

"ސަން"އާ ވާހަކަދައްކަވަމުން ސިޔާމް ވޯލްޑްގެ މެނޭޖަރު އައުސަމް ވަސީމް (އައުސީ) ވިދާޅުވީ ދިިވެހީންނަކީ ވަރަށް މުއްސަނދި ސަގާފަތެއް އޮތް ބައެއް ކަމަށާއި، އެހެންވެ، ދުނިޔެއާ ހިއްސާކުރަން ވަރަށް ބައިވަރު ވާހަކަތައް ވެސް ހުރި ކަމަށެވެ.

"އެކަމަކު އެ އެއްޗެހި އަސްލު ޕަބްލިކަށް އެހާ ބޮޑަކަށް ނޫނީ ގެސްޓުންނަށް ވެސް ކިޔައިދެވިފަކާއެއް ނެތް. އެހެންވީމާ އަސްލު ސަން ސިޔާމްގެ ވަރަށް ބޮޑު ކޮމްޕޯނެންޓެއް އެއީ ދިވެހިރާއްޖޭގެ ސަގާފަތާއި ދިވެހިރާއްޖޭގެ ވާހަކަތައް ގެސްޓުންނަށް ކިޔައިދިނުން،" އޭނާ ވިދާޅުވިއެވެ.

އައުސީ ވިދާޅުވީ މިހާރުގެ ފަތުރުވެރިން ބޭނުންވަނީ އެ މީހުން ޒިޔާރާތްކުރާ ގައުމުތަކުގެ ސަގާފަތް ދަސްކުރަން ކަމަށެވެ. އަދި އެ ގައުމަކާ ގުޅިފައި އޮންނަ ވާހަކަތައް އެނގެން ކަމަށެވެ. އެހެންވެ މި ބްރޭންޑިންގެ މުހިންމު އެއް ކޮމްޕޯނެންޓަކީ ރާއްޖޭގެ ސަގާފަތާ ގުޅޭ ވާހަކަތަކާއި ފޯކްލޯ ވާހަކަތައް ކިޔައިދިނުން ކަމަށް އައުސީ ވިދާޅުވިއެވެ.

"އަސްލު ރާއްޖޭގައި ހާދަ ބައިވަރޭ އެކަހަލަ ވާހަކަތައް. އެކަހަލަ ރީތި ވާހަކަތައް. އެކަމު މީހުންނަށް ކިޔައިނުދެވި. އެއީ ވަރަށް މުހިންމު ކަމެއް އަސްލު،" އޭނާ ވިދާޅުވިއެވެ.

އެ ވާހަކަތައް ކިޔައިދިނުމަކީ ސަން ސިޔާމް ރިސޯޓުތަކުން ވަރަށް ޝައުގުވެރިވާ ކަމެއް ކަމަށް އައުސީ ވިދާޅުވިއެވެ.

ސަން ސިޔާމް ރިސޯޓުތަކުގެ ރީބްރޭންޑިންގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އެ ރިސޯޓުތަކަށް ދާ ފަތުވެރިންނަށް ވީހާ ވެސް ބޮޑަށް ދިވެހިވަންތަ ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށެވެ.

ސަން ސިޔާމް ގުރޫޕުގެ ދަށުން, ރާއްޖޭގައި އަންނަނީ ވަރަށް ފެންވަރު ރަނގަޅު ފަސް ރިސޯޓެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޔާމް ވޯލްޑާއި, އިރުފުއްޓާއި ވިލުރީފުގެ އިތުރުން އިރުވެއްޔާއި އޮޅުވެއްޔެވެ. މީގެ އިތުރުން ސްރީ ލަންކާގައި ވެސް ރިސޯޓެއް ހިންގައެވެ.

comment ކޮމެންޓް