'ނުކެވޭހާ ނިކަމެތި'ނުވާ މީހަކު މަދެވެ. ބައްދަލުވާ އެންމެން ދައްކަނީ އެ ވާހަކައެވެ.
ތަކެތީގެ އަގު އަތްނުފޯރާ ވަރަށް މަތިވެއްޖެއެވެ. ބައްދަލުވާ ގިނަ މީހުން އުޅެނީ ދެކޮޅު ނުޖެހިގެންނެވެ. އަތްމަތި ހުސްވެ، ކޮންމެ ވެސް މީހެއް އަތުން 'ކުޑަ ލޯނެއް' ނަގައިގެންނެވެ. ވިޔަފާރިކުރާ މީހެއް ވިއްޔާ 'ލާރިކޮޅު' ނުލިބި ގޮތް ހުސްވެގެންނެވެ. މިއީ މިހާރު އާންމު ޝަކުވާތަކެވެ.
"އަހަރެން އޭލެވެލް ހެދީއިރު ބައްޕަ ފޮނުވާ ޕޮކެޓް މަނީ ބާކީވޭ. މަސް ނިންމާ ކޮޅުގައި ހުސްކޮށްލަން ވެސް އުޅެން. އެކަމަކު، މިހާރު މުސާރައިން ނުވެގެން ސޭވިންސްއިން ވެސް ނަގަންޖެހޭ. ބައެއް މަސްމަހު މީހުން އަތުން ލޯނު ވެސް ނަގަންޖެހޭ،" މިހާރު ޑިގުރީ ނިންމާފައި އަމިއްލަ ކުންފުންޏެއްގެ އެކައުންޓްސްގައި މަސައްކަތްކުރާ 23 އަހަރުގެ ޒުވާނަކު އޭނާގެ ހާލަތު ކިޔައިދިނެވެ.
މީހަކާ ނީންދެއެވެ. ހުހަށް ހުރި ޒުވާނެކެވެ. ދުންފަތުގެ އިސްތިއުމާލު ވެސް ކުރާ މީހެއް ނޫނެވެ. އެކަމަކު، ދެކޮޅެއް ނުޖެހެއެވެ.
ބައްދަލުވާ މީހުންނާ ވާހަކަދައްކާލުމުން އެއީ ހަމައެކަނި އޭނާގެ އިހުސާސެއް ނޫންކަން އެނގެއެވެ. މުޅި އިގުތިސާދު ވެސް ދަށްވީއެވެ. ޑޮލަރެއްގެ އަގު 20 ރުފިޔާއިން މަތިވީއެވެ. އާފަލެއް އަގު 12 ރުފިޔާއާއި 10 ރުފިޔާއާ ދެމެދަށް އުފުލުނީއެވެ. މި ހުރިހާ ކަމެއްގެ ވޭން ތަހަންމަލުކުރަން ޖެހެނީ އާންމު މީހުންނެވެ. ނިކަމެތިންނެވެ. އެކަމަކު، ސަރުކާރުގެ ފޯކަސް ފެންނަނީ 'އެ ނޫން ހުރިހާ ކަމަކަށް' ހުރި ތަނެވެ.
ވިޔަފާރި ދަށް، މިލިއަނުން ދަށް
މިއީ ޔޯލަޔޯލައެއް ނޫންކަން ހިސާބު އަކުރުން ފެންނަން އެބަހުއްޓެވެ. ވިޔަފާރިތައް ދަށްވިކަން މިލިއަން ރުފިޔާއިން އެނގެން އެބަހުއްޓެވެ. ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހާ ހިސާބަށް ޚަރަދާއި އާމްދަނީގެ ހިސާބުތައް ހާމަކޮށްފައެވެ. އެއިން ވެސް އެކަން އެނގެއެވެ. ވިޔަފާރިތައް ދަށްވެ، ވިޔަފާރީގެ އާމްދަނީން ނަގާ ޓެކުހުން ލިބޭ އާމްދަނީ 649.3 މިލިއަން ރުފިޔާ ދަށްވެއްޖެއެވެ. އެހެންވީމާ، ސަރުކާރުގެ ރަސްމީ ހިސާބުތަކުން ވެސް ވިޔަފާރި ދަށްވާކަން އެނގެއެވެ.

އިގުތިސާދީ ވަޒީރު ސައީދު: ވިޔަފާރިތައް ވަނީ ވަރަށް ބޮޑަށް ދަށްވެފައި -- ފޮޓޯ/ އިކޮނަމިކް މިނިސްޓްރީ
މިދިޔަ ހަފުތާގެ ތެރޭގައި ފުވައްމުލަކަށް "ސަން"ގެ ނޫސްވެރިއަކު ކުރި ދަތުރެއްގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ, އެ ރަށުގައި ހިންގާ ކެފޭތަކާއި ރެސްޓޯރެންޓްތަކުން ޚިދުމަތް ހޯދަން ތިބޭ މީހުންގެ އަދަދު މަދުކަމެވެ. މީގެ ކުރިން އެ ރަށަށް ކުރި ދަތުރުތަކުގައި މެންދުރާއި ހަވީރުގެ އިތުރުން ރޭގަނޑުގެ އެތައް ދަމެއް ވަންދެން ވެސް ގިނަ ކެފޭ ރެސްޓޯރެންޓްގައި މީހުން ތިބެނީ ތޮއްޖެހިފައެވެ. ނަމަވެސް، މިހާރު އެ މަންޒަރު ވަރަށް ތަފާތެވެ. ގިނަ ތަންތަން އޮންނަނީ ފަޅަށެވެ. ގިނަ ފަހަރަށް ޚިދުމަތެއް ހޯދިޔަސް ހޯދަނީ އެ ރަށަށް ގޮސްގެން އުޅޭ ބީރައްޓެއްސެއް ނޫނީ ޓޫރިސްޓެކެވެ.
"އަހަރެއްހާ ދުވަސް މި ވަނީ މިހެން ވާތާ. ގާތްގަނޑަކަށް ސޭލްސް ހަމަ 30 ޕަސެންޓް ދަށްވެއްޖެ. އަނެއްކާ އިރުއިރުކޮޅުން ތަކެތީގެ އަގަށް އަންނަ ބަދަލާހުރެ ލިބޭ ފައިދާ ވެސް ދުވަހުން ދުވަހަށް ދަނީ ދަށްވަމުން. ވިޔަފާރި މިހާ ދަށް ދުވަސްވަރެއް އަދި ނާދޭ," މީގެ ތިން އަހަރު ކުރިން ފެށިގެން ފުވައްމުލަކުގައި ކެއިންބުއިމުގެ ޚިދުމަތް ވަރަށް ފުޅާކޮށް ދެމުން އަންނަ ވިޔަފާރިވެރިއަކު ނަން ނުޖަހަން ޝަރުތުކޮށް ބުންޏެވެ.
އޭނާގެ އިތުރުން ވެސް ތިން ރެސްޓޯރެންޓެއްގެ ވެރިންނާ ވާހަކަދައްކާލުމުން ވެސް ލިބުނީ އެއް ޖަވާބެކެވެ. ކުރިއާ އަޅާބަލާއިރު ސޭލްސް ވަރަށް ބޮޑަށް ދަށްވި ވާހަކައެވެ. އަދި، ކާބޯތަކެތި ތައްޔާރުކުރާ ބާވަތްތަކުގެ އަގުތަކަށް އަންނަ ކުއްލި ބަދަލުތަކުގެ ސަބަބުން ފައިދާ ވަރަށް ބޮޑަށް ދަށްވެފައިވާކަން ވިޔަފާރިވެރިން ފާހަގަކުރިއެވެ.
"މިކަން ރަނގަޅުނުވާނަމަ ކުރިއަށް އޮތް ހައެއްކަ މަސް ދުވަހު ވެސް ހިފަހައްޓާ ނުލެވޭނެ," އިތުރު ވިޔަފާރިވެރިއަކު ބުންޏެވެ.

މާލޭ ކެފޭއެއް ތެރެ: އެ ތަންތަނުގެ ވިޔަފާރި ވެސް ވަނީ ދަށްވެފައި -- ސަން ފައިލް ފޮޓޯ
ފުވައްމުލަކުގައި ދިރިއުޅޭ އާބާދީ ވެސް 10,000 އިން މަތީގައި އުޅޭއިރު، ކުއްލި ގޮތަކަށް ވިޔަފާރިތަކަށް މި އައި ހީނަރުގެކަމުގެ ފަހަތުގައިވާ ސަބަބާ ގުޅޭގޮތުން ސުވާލުކުރުމުން ވިޔަފާރިވެރިންނާއި އާއްމުން ހިމެނޭ ގޮތަށް އެންމެން ވެސް ދިނީ ހަމަ އެއް ޖަވާބެކެވެ. އެ ބޮޑު ސިޓީގައި ވެސް ރާއްޖޭގެ އެހެން ހިސާބުތަކެކޭ އެއްގޮތަކަށް ޕްރޮޖެކްޓްތަކެއް ނުހިނގައެވެ. އޭގެ ސަބަބުން އިގުތިސާދާއި އާއްމުންގެ އަތުގައި ފައިސާ ދައުރުވާލެއް މަދީއެވެ.
ވިޔަފާރި ދަށްވެފައިވާއިރު ފުވައްމުލަކުގެ ވިޔަފާރިވެރިންނަށް އަދި ބޮޑު އެހެން ގޮންޖެހުމެއް ވެސް އެބައޮތެވެ. އެއީ، މި ރަށުގައި ކެއިންބުއިމުގެ ޚިދުމަތް ދޭ ގިނަ ތަންތަނުގައި މުޅިންހެން މިހާރު ތިބީ ބިދޭސީ މުވައްޒަފުންނެވެ. އެގްރީމެންޓް ހަދާފައި އޮތީ އެ މީހުންނަށް ޑޮލަރުން މުސާރަ ދޭގޮތަށެވެ. އެހެންވެ، ކުރިން ބްލެކް މާކެޓުގައި 16.50 އަށް ބޭނުން ވަރަކަށް ގަންނަން ލިބޭ ޑޮލަރު މިހާރު 20 ރުފިޔާއިން ދަށެއް ނުވެއެވެ. މިއީ ވެސް ވިޔަފާރިތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީއެވެ.
އެއީ، ފުވައްމުލަކުން އެކަނި ފެނުނު މަންޒަރެއް ނޫނެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވެލް އޭޖެންސީ އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގަށް އައްޑޫ ސިޓީން ވެސް ފެނުނީ އެ މަންޒަރެވެ. ކެފޭތަކުގައި މީހުން މަދެވެ. ފިހާރަތަކުގައި ތޮއްޖެހުމެއް ނެތެވެ.
ވެރިރަށް މާލޭގައި ވެސް އެކަން އޮތީ އެހެންނެވެ. ވިޔަފާރީގެ ދާއިރާއިން މާސްޓާސް ހާސިލުކުރުމަށް ފަހު އަމިއްލަ ވިޔަފާރި ކުރަމުން އަންނަ މުޙައްމަދު އާރިފް ބުނި ގޮތުގައި މާލޭ ބާޒާރުގައި, ދިވެހި އުފެއްދުންތައް ވިއްކުމުގެ ވިޔަފާރި އޭނާ ކުރާތާ ފަސް ވަރަކަށް އަހަރު ވެފައިވާއިރު މިހާ ވިޔަފާރި ދަށް ދުވަސްވަރެއް ނާދެއެވެ. ދަތުރުވެރިންގެ މާރުކޭޓުގައި ގޮޅިއެއް ހިންގުމުގެ އިތުރުން "ދިވެހި ފާމް"ގެ ނަމުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ވިޔަފާރިކުރާ އާރިފް ބުނި ގޮތުގައި ކުރިން ދުވާލެއްގެ މައްޗަށް އޭނާއަށް 20,000 ރުފިޔާގެ މުދާ އެވުރެޖުކޮށް ވިއްކެއެވެ. އެކަމަކު، މީގެ ތިން މަހެއްހާ ދުވަސް ކުރިން ފެށިގެން ދުވާލަކު ވިއްކޭ ތަކެތީގެ ޖުމުލަ އަގު 10,000 ރުފިޔާއަށް ވުރެ ދަށްވެއްޖެއެވެ.
"މިކަން ކުރަން ފެށި ފަހުން ވިޔަފާރި ދަށެއް ނުވޭ މިހާވަރަކަށް. މިހާރު ބައެއް ދުވަސް ދުވަހު ޖުމުލަ ސޭލްސް 8،000 ރުފިޔާ ޖެހެނީ," އާރިފް ބުންޏެވެ.
ތ. ކަނޑޫދޫއަށް އުފަން, އާރިފް ބުނި ގޮތުގައި ރާއްޖޭގައި ހައްދާ ތަކެތީގެ އަގުތައް ވަކި ނުވެސް އުފުލެއެވެ. ނަމަވެސް، ކަސްޓަމަރުންނާއި ވިޔަފާރިވެރިންގެ ވާހަކަތަކުން އެނގޭ ގޮތުގައި ވިޔަފާރި ދަށްވެފައި ވަނީ އާއްމުންގެ އަތުގައި ފައިސާ ދައުރުވާ ނިސްބަތް މަދުވުމުން ކަމަށް އޭނާ ބުންޏެވެ.
"މީހުންގެ އަތުގައި ފައިސާ ނެތީ ހަމަ. މީހުންނަށް ފައިސާ ލިބޭ ވަރަކަށްތާ ޚަރަދު ކުރާނީ. ހަމައެކަނި މުސާރަ ލިބެންޏާ މާ ބޮޑު ޚަރަދެއް ނުކުރެވޭނު," އާރިފް ބުންޏެވެ.
މި ވަނީ ކިހިނެއް؟
ބޮޑު ކަންބޮޑުވުމެކެވެ. އިގުތިސާދު ނަގަހައްޓަނީ ވިޔަފާރިވެރިންނެވެ. އެ މީހުންނަށް ތަދުވީމާ އަނެއްކާ ވެސް އޭގެ އަސަރުކުރާނީ އާންމުންނަށެވެ. ނިކަމެތިންނަށެވެ. ވިޔަފާރިތަކުން ޚަރަދުކުރާ މިންވަރު މަދުކޮށްލާނެއެވެ. ވަޒީފާތައް މަދުކޮށްލާނެއެވެ. ތަކެތީގެ އަގަށް ވެސް މަޑުމަޑުން އެ އަސަރު ވެސް ފޯރަން ފަށާނެއެވެ. މި ހުރިހާ ކަމެއްގެ ގެއްލުން ވެސް ތަހަންމަލުކުރަން ޖެހެނީ އާންމުންނެވެ.
އެންމެން ވެސް ކުރާ ބޮޑު ސުވާލަކީ 'މި ވަނީ ކިހިނެއްހޭ؟'އެވެ.

ބާޒާރު ގޮޅިއެއް: އެ ތަންތަނުގެ ވިޔަފާރި ވެސް ދަށް -- ސަން ފޮޓޯ/ މުޙައްމަދު މާވީ
އެއް ކަމަކީ ކުރިން ވާހަކަދެއްކި ވިޔަފާރިވެރިން ވެސް ބުނިހެން މަޝްރޫއުތައް ނުހިނގުމެވެ. ފައިސާ ދައުރުނުވުމެވެ. އެންމެ ބޮޑު އަނެއް ސަބަބަކީ ލިބޭހާ ޑޮލަރެއް މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ނަގަން ޖެހި، ޑޮލަރުގެ އަގު 20 ރުފިޔާއިން މަތިވުމެވެ. ކާށިން ފެށިގެން ހުރިހާ އެއްޗެއް ވެސް އިމްޕޯޓުކުރާ މި ރާއްޖެއަށް ދިމާވާ މައިގަނޑު ދެ ގޮންޖެހުމަކީ އެއީއެވެ.
ފިނޭންސްގެ ރަސްމީ ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރު ނިމެންދާއިރު، މަޝްރޫއުތައް ހިންގަން ޚަރަދުކުރީ 2.7 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރާ އަޅައިކިޔާ ނަމަ، 4.2 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ބަޖެޓުކުރި އަދަދުން ބަލާ ނަމަ 78 އިންސައްތަ ފައިސާ ޚަރަދު ނުކުރެއެވެ. މަޝްރޫއުތަކަށް ބަޖެޓުކުރި 12.5 ބިލިއަން ރުފިޔާއިން ޚަރަދުކުރީ އެންމެ 22 އިންސައްތައެވެ.
ޑޮލަރުގެ ތަފާސްހިސާބެއް ބޭނުމެއް ނުވެއެވެ. މާކެޓުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް ހުރުން އެކަނި ވެސް ހެއްކަކަށް ފުދެއެވެ. އިތުރު ހެއްކެއް، ގަރީނާއެއް ބޭނުމެއް ނުވެއެވެ. ޑޮލަރެއް ނުލިބެއެވެ. އެކަން ވަރަށް ސާފެވެ.
ހައްދާ ތަކެތީގެ އަގަށް މާ ބޮޑު ބަދަލެއް ނައި ނަމަވެސް، އިމްޕޯޓުކުރާ ބާވަތްތަކުގެ އަގުތައް ބޮޑެވެ. ދިރިއުޅެން ކުރަންޖެހޭ ޚަރަދު ބޮޑުވެއްޖެއެވެ. އާންމުން ވެސް ވިޔަފާރިވެރިން ވެސް ދައްކަނީ އެއް ވާހަކައެކެވެ. ވިޔަފާރިތައް ދަށްވެއްޖެއެވެ. ދެކޮޅެއް ނުޖެހެއެވެ. 'ނުކެވޭހާ ނިކަމެތިވެއްޖެ'އެވެ.
ފޯކަސް އެ ނޫން ހުރިހާ ކަމަކަށް
މި ހާލަތުގައި އޮތްއިރު ސަރުކާރުގެ އެއްވެސް ސަމާލުކަމެއް މި ކަމަކަށް ނެތެވެ. ފެންނަނީ، އޭޓީއެމްތައް ހުޅުވުމާއި، މީޑިއާ 'ކޮންޓްރޯލް'ކުރުން ފަދަ، މާ ބޮޑު ފައިދާއެއް ނުނިކުންނާނެ ކަންކަމަށް އެ ބޭފުޅުންގެ ފޯކަސް ހުރި ތަނެވެ. ދަރަންޏާއި، ތަކެތީގެ އަގަށް މިވާ ގޮތުގެ ވާހަކައެއް ނުދައްކައެވެ. އެ ވާހަކަދެއްކެވިޔަސް ވަރަށް 'ވަނދުކޮށް' އެއްވެސް ކަންބޮޑުވުމެއް ނެތޭ، ދަރަނި ދެއްކޭނޭއެވެ.
އަންނަ މަހަކީ 500 މިލިއަން ޑޮލަރުގެ ދަރަންޏެއް ދައްކަންޖެހޭ މަހެކެވެ. ނޮވެންބަރުގައި އިތުރު ދަރަންޏެއް އެބައޮތެވެ. އަންނަ އަހަރު 1.1 ބިލިއަން ޑޮލަރު އެބައޮތެވެ. ގާތްގަނޑަކަށް 15 ބިލިއަން [15،000 މިލިއަން]ގެ ދަރަންޏެވެ.

އެމްއެމްއޭ: ރާއްޖެއަށް ދަރަނީގެ ދަތި ބޮޑު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ ދަރަންޏާ ގުޅިގެން ސުވާލުކުރުމުން ފިނޭންސްގެ އޮފިޝަލަކު ވިދާޅުވީ، ދަރަނި ދެއްކޭނެ ކަމަށެވެ. މާ ބޮޑު ތަފުސީލަކަށް ވަޑައިނުގެން ދެއްވީ ޔަގީންކަމެވެ. ވަގުތުން ވަގުތަށް ދަރަނިތައް ދައްކަން ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވާނެ ކަމާއި ނުދެއްކޭނެ ހާލަތަކަށް ނުދާނެ ކަމެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ޖުލައި މަހު ރިޒާވްގައި ހުރީ 775 މިލިއަން ޑޮލަރެވެ.
އެހެންވީމާ ރިޒާވްގެ ހާލަތު ރަނގަޅެއް ނޫނެވެ. ރަސްމީ ހިސާބުތައް އެ ކަމަށް ހެކިވެއެވެ. ދަރަނިތައް ކަނޑާލާފައި ބޭނުންކޮށްލަން މަސް ދުވަހުގެ އިމްޕޯޓަށްވާ ފައިސާ ވެސް ނެތެވެ. އެހެންވެ، ކޮންމެ ދަރަންޏެއް އަދާކުރުމަށް ފަހު، އެއަށް ވުރެ ބޮޑު ދަރަންޏަކަށް ތައްޔާރުވާން ޖެހެއެވެ. އެ ހުރިހާ ނިކަމެތިކަމެއް ތަހަންމަލުކުރަން ޖެހެނީ އާންމުންނެވެ. ނިކަމެތިންނެވެ.
އެކަމަކު، މި ހާލަތުގައި ގައުމު އޮތްއިރު ވެސް ފެންނަނީ މި ނޫން ހުރިހާ ކަމަކަށް ސަރުކާރުން ފޯކަސް ކުރާ ތަނެވެ. ފޯކަސް ކުރަންވީ ކަމަށްނުކޮށް، އެ ނޫން ހުރިހާ ކަމެއްގައި އަވަދިނެތި އުޅުއްވާ ތަނެވެ. އެ ނިކަމެތިކަން ތަހަންމަލުކުރަން މި ޖެހެނީ ރައްޔިތުންނެވެ. 'ނުކެވޭހާ ނިކަމެތިވީ' އެހެންވެއެވެ.