ސަރުކާރު ކުންފުނިތަކަށް ބަޖެޓަށްވުރެ އިތުރަށް 865 މިލިއަން ޚަރަދުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު: މި އަހަރު ސަރުކާރު ކުންފުނިތަކަށް ކުރި ޚަރަދު ވަނީ ބަޖެޓަށްވުރެ 865 މިލިއަން އިތުރުވެފައި -- ފޮޓޯ/ ރައީސް އޮފީސް

މި އަހަރު ސަރުކާރު ކުންފުނިތަކަށް, ބަޖެޓުކޮށްފައިވާ އަދަދަށްވުރެ އިތުރަށް 865 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ރޭ އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ކުންފުނިތަކަށް ދިނުމަށް ބަޖެޓުކޮށްފައިވަނީ 378 މިލިއަން ރުފިޔާ ނަމަވެސް، މިދިޔަ މަހުގެ 28ގެ ނިޔަލަށް ވަނީ 1.24 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ 229 ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ވެސް ކުންފުނިތަކަށް ކުރި ޚަރަދު އިތުރެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓު 28 އާ ހަމައަށް ކުންފުނިތަކަށް ދޫކުރީ 1.23 ބިލިއަން ރުފިޔާއެވެ.

ދައުލަތުގެ ކުންފުނިތަކުގެ ޚަރަދާއި ދަރަނި ބޮޑުވުމާއި، އެކި ސަރުކާރުތަކުގައި ސިޔާސީ މަގުސަދުތަކަށް ވަޒީފާތައް އުފެއްދުމަކީ ބަޖެޓަށް ބުރަ ބޮޑުވާ ކަމެކެވެ. އެ މައްސަލަތައް ހައްލުކުރުމަށް މި ސަރުކާރުން ބަޖެޓު އެކުލަވާލިއިރު ވަނީ ކުންފުނިތައް އިސްލާހު ކުރުމުގެ އެޖެންޑާއެއް ހިމަނައިފައެވެ. އޭގެ ތެރޭގައި ބައެއް ކުންފުނިތައް އެއްކޮށްލުމާއި އުވާލުން ހިމެނެއެވެ.

އެހެންނަމަވެސް، މި ސަރުކާރަށް ސުޕަމެޖޯރިޓީ ލިބުނު މަޖިލިސް އިންތިޚާބާ ދިމާކޮށް ދައުލަތުގެ ކުންފުނިތަކުގައި ވަޒީފާތައް އުފެއްދުމުގެ ތުހުމަތުތައް އަމާޒުވިއެވެ. އަދި ބައެއް ކުންފުނިތައް އެއްކޮށްލުމަށާއި އުވާލުމަށް ފުރަތަމަ ނިންމުމަށް ފަހު، އެ ނިންމުން ބަދަލުކޮށްފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: މި އަހަރު ސަރުކާރު ކުންފުނިތަކަށް ކުރި ޚަރަދު ވަނީ ބަޖެޓަށްވުރެ 865 މިލިއަން އިތުރުވެފައި -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

މީގެ އިތުރުން ދައުލަތުގެ ޚަރަދު ކުޑަ ކުރުމަށް، ބަޖެޓަށް އެންމެ ބުރަ ބޮޑުވާ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ސަބްސިޑީއާއި ޕެންޝަން ވެސް އިސްލާހުކުރަން މިދިޔަ އަހަރު އިއުލާންކުރި ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ނިންމުން ބަދަލުކުރައްވައިފައެވެ. އެގޮތުން، އެ އިސްލާހުގެ ބަދަލުގައި މަޝްރޫއުތައް ހިންގާ ގޮތަށް ބަދަލު ގެނެސް، ޕްރައިވެޓް ކުންފުނިތަކުގެ ބަދަލުގައި ދައުލަތުގެ ކުންފުނިތަކުން މަޝްރޫއުތައް ކުރިއަށްގެންދާ ގޮތަށް ނިންމައިފައިވާކަން އެ މަނިކުފާނު މިދިޔަ މެއި މަހު އިއުލާންކުރެއްވިއެވެ.

https://sun.mv/210190

އޭގެ ފަހުން ސަރުކާރުން ވަނީ އެތައް ސަތޭކަ މަޝްރޫއެއް ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ކުންފުނިތައް ފުރަތަމަ އުފެއްދި މަގުސަދުން ބޭރުން ހަވާލުކޮށްފައިވާ މަޝްރޫއުތައް ހިމެނެއެވެ. އެގޮތުން މަގު ހެދުމުގެ މަސައްކަތަށް ޚާއްސަކޮށްގެން އުފައްދާވައިވާ, މޯލްޑިވްސް ރޯޑް ކޯޕަރޭޝަން (އާރުޑީސީ)އަށް ހޮސްޕިޓަލް އެޅުމުގެ މަޝްރޫއުތަކަކާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން އުފައްދާފައިވާ, ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އަށް ސްކޫލު އިމާރާތްތަކެއްގެ މަސައްކަތާއި އެއާޕޯޓް ކުންފުނި, އެމްއޭސީއެލްއަށް 63 ރަށެއްގައި ކަސްރަތު ކުރާނެތަންތަން ހަދަން ހަވާލުކުރުން ހިމެނެއެވެ.

މި ސަރުކާރުން ޚަރަދުތަކަށް ވުރެ އާމްދަނީ އިތުރު ކަމަށް ބުނަމުން އަންނައިރު، އޭގެ މައިގަނޑު ސަބަބަކަށް ވެފައި އޮތީ މަޝްރޫއުތަކަށް ސީދާ ކުރާ ހޭދަ ވަރަށް ބޮޑަށް ދަށްކޮށްފައިވުމެކެވެ. އެގޮތުން ކެޕިޓަލް ޚަރަދަށް 12.6 ބިލިއަން ކަނޑައަޅައިފައި އޮތް ނަމަވެސް އޭގެ ތެރެއިން މިހާތަނަށް ދޫކޮށްފައިވަނީ 3.12 ބިލިއަން ރުފިޔާއެވެ.

ރާއްޖޭގެ ބޭރުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު، ހިލޭ އެހީ ލިބޭ މިންވަރު ދަށްވެ، ލޯނުތައް އަނބުރާ ދައްކަން މިހާރު ވެސް ބަޖެޓަށް ވުރެ އިތުރަށް ޚަރަދުކޮށްފައިވާކަން ތަފާސްހިސާބުން ހާމަވެއެވެ. އެގޮތުން ހިލޭ އެހީއަށް ލިބުނީ އަންދާޒާކުރިވަރުގެ އެންމެ އަށް ޕަސެންޓު ފައިސާ ކަމަށްވާއިރު، ދަރަންޏަށް ޚަރަދުކުރި ވަރު ވަނީ 3.95 ބިލިއަނަށް އަރައިފައެވެ. ދަރަނި ދައްކަން ބަޖެޓުކުރީ 3.87 ބިލިއަން ކަމަށްވާއިރު އަހަރުގެ ބާކީ އޮތް ބައިގައި ވެސް ދައްކަން ޖެހޭ ލޯނުތަކެއް އެބަހުއްޓެވެ.

އަންނަ އަހަރު ރާއްޖެއިން ދަރަންޏަށް އެއް ބިލިއަން ޑޮލަރު (15 ބިލިއަން ރުފިޔާ) ދައްކަން ޖެހޭއިރު، ބޭރުގެ އިދާރާތަކުން ލަފާ ދެމުން އަންނަނީ ދައުލަތުގެ މުސާރައާއި އިނާޔަތްތަކާއި ޕެންޝަނާއި ސަބްސިޑީއަށް އިސްލާހު ގެނައުމަށެވެ. ނަމަވެސް އެ އިސްލާހުތައް ނުގެނެވި، މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް ކުރި ޚަރަދު މިދިޔަ އަހަރަށްވުރެ އިތުރުވެ، ސަބްސިޑީއަށް ބަޖެޓަށް ވުރެ އިތުރަށް ވަނީ ޚަރަދުކޮށްފައެވެ.

ދައުލަތުން ޚަރަދު ކުޑަ ނުކުރުމުގެ ސަބަބުން ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އޮތް ކަމަށް މާހިރުންނާއި ބޭރުގެ އިދާރާތަކުން ދަނީ ބުނަމުންނެވެ.

comment ކޮމެންޓް