ސައިކަލެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަމުން ދިޔަ އިންޑިއާ މީހެއްގެ ސައިކަލް ވަގަށް ނަގައިފިއެވެ.
މި ފަހުން އޭނާގެ ސައިކަލް ވަގަށް ނެގީ 15،000 ކިލޯ މީޓަރަށް ދުއްވި ފަހުން އިނގިރޭސިވިލާތުންނެވެ.
ޔޯގޭޝް އަލެކާރީ ކިޔާ އެ މީހާ ވަނީ މެއި މަހުގެ އެއްވަނަ ދުވަހު އިންޑިއާގެ މުމްބާއީން މޮޓޯސައިކަލް ޗެލެންޖަށް ނިކުތް ފަހުން އޭޝިއާ އާއި ޔޫރަޕްގެ 17 އަށް ވުރެ ގިނަ ގައުމަށް ދަތުރުކޮށްފައެވެ.
އުމުރުން 33 އަހަރުގެ ޔޯގޭޝް ބުނީ އޭނާގެ ކޭޓީއެމް 390 އެޑްވެންޗާ މޮޓޯސައިކަލް ވަގަށް ނަގާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ހާއިރު ނޮޓިންހަމްގެ ވޮލަޓަން ޕާކުގައި ޕާކުކޮށްފައި ހުއްޓާ ކަމަށެވެ. ސައިކަލްގައި ބައެއް ސާމާނު ބަހައްޓާފައި ހުންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ޔޫކޭއަށް ދިއުމުގެ ކުރިން ޔޯގޭޝް ވަނީ ޗައިނާ، ރަޝިޔާ، އެސްޓޯނިއާ އަދި ޖާމެނީއަށް ދަތުރުކޮށްފައި. ފޮޓޯ/ޔޯގޭޝް
އެތައް ހާސް ފޮލޯވަރުންނަކަށް ސޯޝަލް މީޑިއާގައި އޭނާގެ ދަތުރު ޑޮކިއުމެންޓް ކުރަމުން އަންނަ ޔޯގޭޝް ބުނީ ސައިކަލް ވަގަށް ނެގުމުން އޭނާ ވަރަށް ހިތްދަތިވި ކަމަށެވެ. އަދި ވަގަށް ނަގާފައިވާ ތަކެތީގެ އަގު 15،000 ޕައުންޑަށް ވުރެ ބޮޑު ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ސައިކަލުގައި ހުރި ސްޓޯރޭޖް ފޮށިތަކުގެ ތެރޭގައި އޭނާގެ މެކްބުކް ލެޕްޓޮޕާއި ސްޕެއާ މޯބައިލް ފޯނާއި ދެ ކެމެރާ އާއި ފައިސާ އާއި ޕާސްޕޯޓާއި އަންނައުނު ފަދަ ތަކެތި ވެސް ހުންނާނެ ކަމަށެވެ.
އޭނާ ބުނީ ދަތުރުގައި ކުރިއަށް އޮތީ އެފްރިކާ ތެރޭގައި ސައިކަލް ދުއްވުން ކަމަށެވެ.
ނޮޓިންހަމް ފުލުހުން ބުނި ގޮތުގައި ސައިކަލް ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ފުލްޓައިމް ކޮންޓެންޓް ކްރިއޭޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ޔޯގޭޝްގެ 180،000 އަށް ވުރެ ގިނަ އިންސްޓަގްރާމް އަދި ގާތްގަނޑަކަށް 16،000 ފޭސްބުކް ފޮލޯވަރުން ތިބެއެވެ.