އިންޑިއާއިން ބައެއް މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ) ވަރަށް ބޮޑަށް ކުޑަކުރަން އިއްޔެ ނިންމައިފިއެވެ.
އިންޑިއާގެ ޖީއެސްޓީ ކައުންސިލުން އިއްޔެ 10 ގަޑިއިރަށް ކުރިއަށްގެންދިޔަ ބައްދަލުވުމަކަށްފަހު، ޓެކްސްތަކަށް ގެންނަ ބަދަލު ފިނޭންސް މިނިސްޓަރު ނިރުމަލާ ސިތާރަމަން ވަނީ އިއުލާން ކުރައްވައިފައެވެ. އެގޮތުން، މިހާރު ހަތަރު ރޭޓެއްގައި ޖީއެސްޓީ ނެގި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ދެ ރޭޓަކުން ޖީއެސްޓީ ނަގަން ނިންމައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާގައި ކުލަގަދަކޮށް ފާހަގަކުރާ ދިވާލީއަށް މީހުން ބާޒާރުކުރާ ދުވަސްވަރަށް އަމާޒުކޮށް، މި މަހުގެ 22 ވަނަ ދުވަހު ޖީއެސްޓީއަށް ބަދަލު ގެންނާނެއެވެ. އެގޮތުން މީގެ ކުރިން 12 ޕަސެންޓާއި 28 ޕަސެންޓުގެ ނަގަމުން އައި ޖީއެސްޓީ ރޭޓުތައް އުވާލައި، ދެން ޓެކްސް ނަގާނީ ފަސް ޕަސެންޓާއި 18 ޕަސެންޓުގައެވެ.
އެ ބަދަލުގެ ދަށުން، މީގެ ކުރިން 28 ޕަސެންޓުން ޖީއެސްޓީ ނަގަމުން އައި އޭސީއާއި ބޮޑެތި ޓީވީތައް ފަދަ ތަކެތީގެ ޓެކްސް ރޭޓް 18 ޕަސެންޓަށް ދަށްވާނެއެވެ. އަދި މީގެ ކުރިން 12 ޕަސެންޓުން ޓެކްސް ނަގަމުން އައި ތަކެތި އެކި ކެޓަގަރީތަކަށް ބަހައި، ފަސް ޕަސެންޓް ނުވަތަ 18 ޕަސެންޓު ޖީއެސްޓީއަށް ބަދަލުކުރާނެއެވެ.
ހިންދުސްތާން ޓައިމްސްގައިވާ ގޮތުން، ޓެކުހަށް ގެންނަ ބަދަލާއެކު ތަކެތީގެ އަގުތައް ދަށްވާނެއެވެ. އޭގެ މިސާލެއްގެ ގޮތުން، ބައެއް އޭސީ މޮޑެލްތަކުގެ އަގު 1500 ރުޕީސް (262 ރުފިޔާ) އާއި 2،500 ރުޕީސް (437 ރުފިޔާ)އާ ދެމެދު އަދަދަކުން ހެޔޮވާނެ ކަމަށް އެ ނޫހުގައިވެއެވެ.
މީގެ އިތުރުން، ޖީއެސްޓީ ކައުންސިލުން ވަނީ ސިއްހަތާ ފައިދާ ނުކުރާ ތަކެއްޗާއި 'ލަގްޒަރީ' އުުފެއްދުންތަކުން ނަގާ ޖީއެސްޓީ ބޮޑުކުރަން ނިންމައިފައެވެ. އެގޮތުން ސިނގިރޭޓާއި، 1،500 ކިއުބިކް ސެންޓިމީޓަރަށްވުރެ އިންޖީން ކެޕޭސިޓީ ބޮޑު ކާރުން ނަގާ ޓެކްސް 40 ޕަސެންޓް އިތުރުކުރުމަށް ނިންމައިފައިވެއެވެ.
މި ފިޔަވަޅާއެކު، އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެތި ވިއްކާ ހިންދުސްތާން ޔުނިލިވާއާއި ގޯޑްރެޖް އިންޑަސްޓްރީސް ފަދަ ކުންފުނިތަކާއި، ސެމްސަންގް, އެލްޖީ، އަދި ސޮނީ ފަދަ އިލެކްޓްރޯނިކްސް ކުންފުނިތަކުގެ ވިޔަފާރި ކުރިއަރާނެ ކަމަށް ބެލެވޭ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ކުޑަ ކުރަން ފަށާއިރު، އޭގެ ސަބަބުން ފެޑެރަލް އަދި ސްޓޭޓް ސަރުކާރުތަކަށް 480 ބިލިއަން ރުޕީސް (5.49 ބިލިއަން ޑޮލަރު) ގެއްލޭނެ ކަމަށް ލަފާކުރެވޭ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. ނަމަވެސް އާންމުން ވިޔަފާރި ކުރާ މިންވަރު އިތުރުވުމުން، އެ ފައިދާ ލިބޭނެކަން ރިޕޯޓުތަކުން ފާހަގަކުރެއެވެ.
އިންޑިއާއިން މި ބަދަލުތައް ގެންނަނީ، އެ ގައުމުން ރަޝިޔާއާ އެކު ހަކަތައިގެ ވިޔަފާރިކުރާތީ ދޭ އަދަބެއްގެ ގޮތުން، އެމެރިކާއަށް އެކްސްޕޯޓު ކުރާ އިންޑިއާ މުދަލުން 50 ޕަސަންޓް ޓެރިފް ނަގަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ފަހުންނެވެ. އޭގެ ސަބަބުން އިންޑިއާގައި އިގްތިސާދީ ދަތިކަމެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އުފެދި، ގައުމުގެ އެތެރޭގައި މުދަލަށް ޑިމާންޑް އިތުރުކުރުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށައިފައެވެ.