ގިނަ ގޭމްތައް އެކުލެވޭ އައިލެންޑް ކާނިވަލާއެކު ފުވައްމުުލަކުގެ އެންމެ ބޮޑު ނައިޓް މާކެޓު ފަށައިފި

ފުވައްމުލަކުގެ އެންމެ ބޮޑު ނައިޓް މާކެޓު "ރަށިބާޒާރޮ"ގެ ސްޓޯލެއް --- ފޮޓޯ: ރަށިކަބަރޮ ފޭސްބުކް

ގިނަ ގޭމުތަކަކާއި ލައިވް މިއުޒިކް ޝޯ ވެސް ހިމެނޭހެން އެޑްވެންޗާ އަޕުން އިންތިޒާމްކޮށްގެން ފުވައްމުލަކުގައި ބާއްވާ އައިލެންޑް ކާނިވާ، އެ ސިޓީގެ އެންމެ ބޮޑު އެއް ނައިޓް މާކެޓު "ރަށިބާޒާރޮ"އާއެކު މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން ފުވައްމުލަކުގެ ޒުވާނުންގެ މަރުކަޒުގައި ހަތް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ އެ ހަރަކާތްތައް ހުޅުވައިދެއްވީ ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގެވެ.

މިއީ އެ ރަށު ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން މި ބާޒާރު ބާއްވާ ތިންވަނަ އަހަރެވެ.

ފުވައްމުލަކު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ އެންމެ ބޮޑު ނައިޓް މާކެޓު، އެ ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު ހުޅުވައިދެއްވަނީ --- ފޮޓޯ: ރަށިކަބަރޮ ފޭސްބުކް

މިއަދުން ފެށިގެން ހޯމައިގެ ނިޔަލަށް ކުރިއަށްދާ މި ކާނިވާގައި މޯލްޑިވިއަން އައިޑަލުން އާންމުންގެ މަގްބޫލުކަން ހޯދި އަބްދުﷲ ހިޝާނާއި، ޓޫއޮފްއަސް ބޭންޑުން ވިދާލި މުޙައްމަދު ނަސޫހުގެ އިތުރުން، ކްލިއޯ ބޭންޑުގެ ހުށަހެޅުންތައް ފެންނާނެއެވެ.

އެ ކާނިވަލުގައި އަތޮޅުތެރޭގައި ތަޖުރިބާ ކޮށްލަން އާންމުކޮށް ނުލިބޭ ފަދަ ތަފާތު ގޭމުތައް ހިމަނާފައިވެއެވެ. އެގޮތުން ބުލް ރައިޑިންއާއި ވައިޕްއައުޓާއި ރިފްލެކްސް ގޭމާއި ލޭޒާ ޓެގާއި ގްލެޑިއޭޓާ ޑުއެލް ފަދަ ގޭމްތައް މި ކާނިވާގައި ހިމެނެއެވެ.

މި އަހަރުގެ ރަށިބާޒާރޮގައި ކާބޯތަކެތި ވިއްކާ 32 ސްޓޯލަކާއި އެހެނިހެން ވިޔަފާރިތަކުގެ 38 ސްޓޯލެއް ބައިވެރިވާނެއެވެ.

މީގެ އިތުރުން ރަށިބާޒާރޮއަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ހޮންޑާ އެއާބްލޭޑް 125 ބްލެކް އެޑިޝަން ސައިކަލަކާއި އުމްރާ ދަތުރަކާއި އަހަރުދުވަހަށް ދިރާގުގެ ލިމިޓެއްނެތް ފައިވާ 100އެމް ކަނެކްޝަނެއް ހިލޭ ލިބުމުގެ އިތުރުން، ސޯފާސެޓް ފަދަ އިނާމުތައް ލިބޭނެއެވެ.

ރަށިބާޒާރޮ ބާއްވަނީ ތަފާތު ވިޔަފާރިތަކަށް ފުރުސަތު ހޯދައިދީ އެ ވިޔަފާރިތައް މާކެޓުކުރުމަށް އެހީތެރިވެދިނުމާއި، ފުވައްމުލަކުގެ އާންމުންނަށް ހެޔޮ އަގުގައި ތަކެތި ލިބުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައެވެ.

ފުވައްމުލަކު ސިޓީގައި ކާނިވަލްގެ ފުރަތަމަ އިވެންޓު ބާއްވާއިރު، އެޑްވެންޗާ އަޕްގެ އަމާޒަކީ އެ ކާނިވަލް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ތާރީޚުތަކުގައި ބޭއްވުމެވެ.

އައިލެންޑް ކާނިވަލްގެ މީޑިއާ ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.

comment ކޮމެންޓް