އޭޝިއާގެ ނޮބެލް ޕްރައިޒް، ޕާލޭ މޯލްޑިވްސްގެ ޑިރެކްޓަރު ޝާހިނާއަށް!

ޕާލޭ މޯލްޑިވްސްގެ ޑިރެކްޓަރު ޝާހިނާ އަލީ: އޭނާއަށް ވަނީ އޭޝިއާގެ 'ނޮބެލް ޕްރައިޒް' ލިބިވަޑައިގެންފައި -- ފޮޓޯ/ ރޭމޮން މެގްސޭސް އެވޯޑު

ޕާލޭ މޯލްޑިވްސްގެ ޑިރެކްޓަރު ޝާހިނާ އަލީއަށް އޭޝިއާގެ 'ނޮބެލް ޕްރައިޒް' ކަމަށްވާ 'ރޭމޮން މެގްސޭސް އެވޯޑު' ލިބިވަޑައިގެންފިއެވެ.

ރޭމޮން މެގްސޭސް އެވޯޑު ފައުންޑޭޝަނުން ބުނި ގޮތުގައި ޝާހިނާއަށް މި އެވޯޑު ލިބިވަޑައިގަތީ އޭނާއަކީ ވަރަށް ކުޑައިރުއްސުރެ ވެސް ތިމާވެއްޓަށް ލޯބިކުރައްވާ އަދި ތިމާވެށީގެ ހައްގުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ މީހަކަށް ވުމުން ކަމަށެވެ.

ވަކިން ޚާއްސަކޮށް އޭނާއަކީ ޕްލާސްޓިކް ކުނިން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ވަކާލާތުކުރައްވާ މީހެކެވެ.

ހަމައެއާއެކު ޕާލޭ މޯލްޑިވްސްއަކީ ވެސް ޝާހިނާގެ ލީޑަޝިޕްގެ ދަށުން އިސްނަގައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި، ސްކޫލްތަކާއި، ވިޔަފާރިތަކާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގާ ޖަމިއްޔާއެއްކަން ރޭމޮން މެގްސޭސް އެވޯޑު ފައުންޑޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ރާއްޖޭގެ ގޮނޑުދޮށްތައް ސާފުކުރުމަށްޓަކައި މިހާތަނަށް 700އަށް ވުރެ ގިނަ ހަރަކާތް ވަނީ ހިންގައިފައެވެ.

ތިމާވެއްޓަށް ކުރިމަތިވާ މައްސަލަތަކާ ގުޅިގެން މީހުން ހޭލުންތެރިކުރުވުމަށް ވެސް ޝާހިނާ ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އޭގެ އިތުރަށް އޭނާއަކީ ތިމާވެށީގެ މައްސަލަތަކާ ގުޅިގެން އަޑުއުފުއްލަވައި އޭނާގެ ޚިޔާލާއި މަޝްވަރާ އެކަންކަމުގައި އަބަދުވެސް ހިއްސާކުރައްވާ މީހެކެވެ.

ރޭމޮން މެގްސޭސް އެވޯޑު ފައުންޑޭޝަނުން ބުނި ގޮތުގައި ޝާހިނާ ކުރައްވާ މަސައްކަތުން ދައްކުވައިދެނީ ޝައުގުވެރިކަމާއެކު ރާއްޖޭގެ ކަނޑުތަކާއި، ގޮނޑުދޮށްތައް ހިމާޔަތްކޮށްދިނުމަށް ކުރައްވާ މުހިންމު މަސައްކަތްތަކެވެ. އަދި އަންނަން އޮތް ޖީލުތަކަށް އެ ތަންތަން ހިމާޔަތާއެކު ފޯރުކޮށްދިނުމަށް ކުރާ ބުރަ މަސައްކަތް ވެސްމެއެވެ.

ރަސްމީކޮށް ޝާހިނާއާ މި އެވޯޑު ހަވާލުކުރެއްވުން އޮންނާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު ފިލިޕީންސްގައެވެ.

ޝާހިނާގެ އިތުރުން މިއަހަރު މި އެވޯޑު ދެން ލިބުނީ ފިލިޕީންސްއަށް ނިސްބަތްވާ ފްލެވިއާނޯ އެންޓޯނިއޯއަށާއި، އިންޑިއާގައި އަންހެން ކުދިންގެ ތައުލީމަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ 'އެޑިއުކޭޓް ގާލްސް'އަށެވެ.

ރޭމޮން މެގްސޭސް އެވޯޑަކީ ޕިލިޕީންސްގެ ކުރީގެ ރައީސް ރޭމޮން މެގްސޭސްގެ ހަނދާނުގައި ދޭ އެވޯޑެކެވެ. އެގޮތުން މިއީ މި އެވޯޑު ދޭތާ 67 ވަނަ އަހަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް