ގުދުރަތީ ރީތިކަމުން އެންމެންނަށް ވެސް ހިތްހަމަޖެހުމާ އުފާވެރިކަން ގެނުވައެވެ. އެފަދަ ތަންތަން ހިމާޔަތްކޮށް ދެމެހެއްޓުމަށް ވެސް ގިނަ ބަޔަކު އިސްކަން ދެއެވެ. ރަށްތަކުގައި ހުންނަ ކުޅި ފަދަ ތަންތަން ރީތިކޮށް ތަރައްގީކުރުމަކީ ކަމުދާ ކަމަކަށްވެއްޖެއެވެ.
އެ އުސޫލުން ކުޅުދުއްފުށި ސިޓީ ކައުންސިލުން ވެސް ވަނީ، އެފަދަ ތަނެއް ގާއިމުކޮށްފައެވެ. ރަށުގެ ޒަމާންވީ މަށި ކުޅީގައި ހެދީ ޕްލެޓްފޯމެއް ހަދައި، އެ ތަނުގެ ރީތިކަން ބަލައިލެވޭ ގޮތަށް ހަދާފައެވެ.
މަށި ކުޅި ޕްލެޓުފޯމަށް އަރައިގެން އަންނައިރު މަރުހަބާ ކިޔަނީ ވަށައިގެން ހުރި ބޮޑެތި ފެހި ގަސްތަކުންނެވެ. އެ ގަސްތަކުގެ ހިޔަނި އެޅި ފެންގަނޑުގެ ކުލަ އޮންނަނީ ވަޅު ފެހިކުލައެއްގައެވެ. އެ ރީތި މާހައުލު ފަޅުފިލުވައިދެނީ ކުޅީގައި އުޅޭ ބޭންގުތަކާއި އެހެން ދިރުންތަކެވެ.

ކުޅުދުއްފުށީ މަށި ކުޅީގައި ހެދި ޕްލެޓުފޯމު: މިތަނުގައި ޕްލެޓުފޯމެއް ހެދުމަކީ ރައްޔިތުންގެ އުންމީދެއް ---- ފޮޓޯ/ ކުޅުދުއްފުށީ ކައުންސިލް
އެފަދަ ތަނެއްގައި ވަގުތު ހޭދަކޮށްލުމަކީ ގިނަ ބަޔަކު ބޭނުންވާނެއެވެ. އެއީ، އެ ރަށުގެ ރައްޔިތުން ކުރި ފޮނި އުންމީދެކެވެ.
ޕްލެޓުފޯމުގެ މަސައްކަތުގެ ދަތުރު!
މި ދައުރުގެ ކައުންސިލް ތަރައްގީގެ ޕްލޭންގައި އޮތީ އެކަން ކުރުމަށް ނިންމާފައެވެ. އެ މަސައްކަތް ކައުންސިލަށް ނުފެށި، އުޅެނިކޮށް ރަށުގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގް ފޯ ޔޫތް ލިންކޭޖުން އެކަމަށް ޝައުގުވެރިކަން ފާޅުކުރިއެވެ. އެކަމަށް ބޭނުންވާ މަޝްވަރާތައް ފެށިއެވެ. ކައުންސިލްގެ ހުއްދަ ލިބުމާއެކު، ޔޫއެންޑީޕީގެ ޕްރޮގްރާމަކަށް އެ ޖަމިއްޔާއިން ޕްރޮޕޯސަލް ހުށަހަޅައި، ގްރާންޓު ކާމިޔާބުކުރިއެވެ.

ކުޅުދުއްފުށީ މަށި ކުޅި ޕްލެޓުފޯމު އެޅި ސަރަހައްދު ---- ފޮޓޯ/ ޒިގްޒެގް ފޯ ޔޫތް ލިންކޭޖް
އެ ހިސާބުން އެ ޕްލެޓުފޯމުގެ މަސައްކަތްތައް ޒިގެޒެގުން ފަށައިގަތެވެ. ކައުންސިލާ މަޝްވަރާކޮށް، ޕްލެޓުފޯމުގެ ޑިޒައިނާއި އީއައިއޭ ވެސް ހެދިއެވެ. ޕްލެޓުފޯމުގެ އެ ކައުންސިލުން އަމަލީ މަސައްކަތްކުރީ ވޭވްލެންތް ޕްރައިވެޓްް ލިމިޓެޑާ ހަވާލުކޮށްގެނެވެ. ކުޅުދުއްފުށީ ރައްޔިތުންގެ އުފަލާ ގުޅިފައި އޮތް މި މަޝްރޫއަށް ޖުމުލަ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވިއެވެ.
އެ ތަނަށް ނަން ކަނޑައެޅީ ވެސް އެހާ ޚާއްސަކޮށެވެ. ޕްލެޓުފޯމުގެ ނަމާއި މަންޒަރާ ގުޅުވާފައެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރު އަހުމަދު އަބްދުﷲ 'ސަން'އަށް ވިދާޅުވީ، އެ ތަނަށް ނަން ކިއީ ކުޅި ރަމްޒުކޮށްދޭ ގޮތަށެވެ.
"މަށި ކުޅި އެ ނަމަކީ މުޅި ރާއްޖެއަށް ބަލާއިރު، ހުދު މަށި ހުރި ކުޅި ވަރަށް މަދުވާނެ. އޭގެ ތެރެއިން އެންމެ ގިނައިން ހުދު މަށި ތަނަކަށް ވަނީ މި ކުޅި. ޕެލްޓުފޯމު ކިޔަނީ ކުޅި ބަލާލަން ހެދުނު ޖެޓީއެއް ކަހަލަ އެއްޗަކަށް ވެފައި، ޕްލެޓްފޯމަށް ކިޔާނެ ދިވެހި ރީތި ނަމެއް ނެތީމާ. މާނަ ރީތި ވަނީ ޕްލެޓްފޯމު ކީމާ ކަމަށް ބަލާފައި އެ ނަން ކިއީ" ޕްލެޓުފޯމަށް ނަން ކިޔުނު ގޮތް އޭނާ ތަފުސީލުކޮށްދެއްވިއެވެ.
ރައްޔިތުންގެ އުންމީދުގައި ކުލަ ޖެހުނީ މިދިޔަ ބުދަ ދުވަހު މަށިކުޅީގައި ޕްލެޓުފޯމު ހުޅުވުމުންނެވެ. އެތަން ހުޅުވައިދެއްވީ، ކުޅުދުށްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފާއި ޒިގްޒެގްގެ ޗެއާމަން ސައުދުﷲ ނައީމުގެ އިތުރުން ޔޫއެންޑީޕީ ބެންކޮކް ރީޖަނަލް ގަވަނަންސްގެ އެޑްވައިޒަރު ޑިއާނާ ޓޮރެސްއެވެ.

އެ ކުޅި ހިމާޔަތްކުރުމަށް ކުޅުދުއްފުށީ ކައުންސިލުން މިހާރު ނިންމާފައި އޮތްއިރު، ކުޅީގައި ހެދި ޕްލެޓުފޯމު ފޮޓޯޝޫޓުތަކަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމަށް އަހުމަދު ވިދާޅުވިއެވެ.
ބޮޑު ޚަރަދުކޮށްގެން ހަދާ މިފަދަ ތަންތަނަކީ ގިނަ ދުވަހަށް ރީތިކުރަން ޖެހޭ ތަންތަނެވެ. އެ މަސައްކަތް ބަޔަކާ ހަވާލުކޮށްގެން ކުރަން ކުޅުދުއްފުށީ ކައުންސިލުން ވަނީ ނިންމާފައެވެ.
އެކި ކަންކަމަށް ބޭނުންކުރަމުން އައި މަށިކުޅީގައި ވަގުތު ހޭދަކުރެވޭނެ ގޮތް މަގުފަހިވީއެވެ. ކެނޯ ވެސް ދުއްވޭހެން އޮތް މި ކުޅިއަށް ގުޑުގުޑާ ދޫނިތައް ވެސް ދޭތެރެއަކުން އާދެއެވެ. ކުޅީގެ ޗާލުކަމާއި ރީތިކަން ބަލައިލުމަށް ކުރި އުންމީދު ފުރިހަމަވީއެވެ. އެހެންވެ، އެ ރަށު ރައްޔިތުން ތިބީ އުފަލުން ފޮޅިފައެވެ.
މި ފަދަ ޕްލެޓްފޯމްތައް ފުވައްމުލައް ސިޓީ ފަދަ އެހެން ރަށްރަށުގައި ވެސް ހަދާފައި ހުރެއެވެ. އަދި، އެ ތަންތަނަށް ގިނަ ބައެއްގެ ސަމާލުކަން ލިބެއެވެ. އެ ފަދަ ތަންތަން ބަލައިލަން ދިވެހީންނާއި ފަތުރުވެރިން ވެސް ޒިޔާރަތްކުރެއެވެ.