ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4،000 ފުލެޓުގެ ތެރެއިން ސޮއިކުރަން ތާވަލުކޮށް، 115 ފުލެޓު އެއްބަސްވުމުގައި މިހާތަނަށް ސޮއިނުކުރެވި އެބަހުރިކަން ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ސްކީމުގެ ދަށުން ފުލެޓު ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކޮށް، ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ހަވާލުކުރީ އެ މަޝްރޫއާ ހަވާލުވެފައިވާ އެފްޑީސީއާއެވެ. އެ މަސައްކަތް އެފްޑީސީން ފެށީ މިދިޔަ ޖުލައި 21 ގައެވެ.

ފުލެޓްތައް ދޫކުރަން އެއްބަސްވުމުގައި ސޮއިކުރުން: ތާވަލުކޮށް، 115 ފުލެޓު އެއްބަސްވުމުގައި ސޮއިނުކޮށް އެބަހުރި -- ފޮޓޯ/ އެފްޑީސީ
އެފްޑީސީން މިއަދު ވަނީ މިހާތަނަށް ސޮއިކުރި އެއްބަސްވުންތަކުގެ ހިސާބުތައް ހާމަކޮށްފައެވެ. އެގޮތުން، 3،070 އެއްބަސްވުމުގައި ސޮއިކުރަން ތާވަލުކޮށްފައިވާއިރު، މިހާތަނަށް ސޮއިކުރީ 2،955 އެއްބަސްވުމެއްގައެވެ. އެކަމަކު، ތާވަލުކުރެވި, 115 ފުލެޓު އެއްބަސްވުމެއްގައި ސޮއިނުކުރެވި އެބަހުރިކަން ހިސާބުތަކުން އެނގެއެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށް ދަނީ ސޮއިކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ހެނދުނު 9:00އިން ފެށިގެން ހަވީރު 4:00 އާ ދެމެދު، ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައެވެ.
އެ މަސައްކަތް ކުރިއަށްދާ ގޮތަކީ، ފުލެޓު ލިބޭ މީހުންގެ މައުލޫމާތު ހައުސިން މިނިސްޓްރީން އެފްޑީސީއަށް ދެނީއެވެ. އަދި، އެ މައުލޫމާތު ދިން ކަމުގެ މެސެޖެއް އެ މީހެއްގެ ގެދޮރުވެރިންގެ ޕޯޓަލްއަށް ފޮނުވައެވެ.
އެފްޑީސީން ބުނީ، ފުލެޓު ލިބޭ މީހުންނަށް އެއްބަސްވުމުގައި ސޮއިކުރުމަށް ދާން ޖެހޭ ދުވަހާއި ގަޑި އެފްޑީސީގެ "ފަހި ޕޯޓަލް" މެދުވެރިކޮށް ޝެޑިއުލްކޮށް، އެ މީހަކަށް އަންގާނެ ކަމަށެވެ.

އެފްޑީސީން އަޅާ ފުލެޓުތައް: ތާވަލުކޮށް، 115 ފުލެޓު އެއްބަސްވުމުގައި ސޮއިނުކޮށް އެބަހުރިކަން ވަނީ ހިސާބުތަކުން ދައްކާފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު
އެ ކޯޕަރޭޝަނުން ބުނީ، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ފުލެޓުތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރުކޮށްފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށެވެ. އަދި، ފުލެޓްތައް ހަވާލުކުރާނީ ފިނިޝިން މަސައްކަތްތައް ނިންމާފައި ކަމަށާއި އެގޮތުން، ފަންކާއާއި ކުޑަދޮރާއި ދޮރު ހަރުކޮށް، ޓައިލްސް ޖަހައި ކުލަލައި، ފާޚާނާ ތައްޓާއި މޫނު ދޮންނަ ތަށި ވެސް ހަރުކޮށްފައި ހުންނާނެ ކަމަށް އެފްޑީސީން ކުރިން ބުންޏެވެ.
މިދިޔަ ޖޫން މަހުގެ 29ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު އަަބްދުﷲ މުއްތަލިބު ވިދާޅުވީ، 4،000 ފުލެޓުގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1،000 ފުލެޓުގައި ކަމަށާއި، އަމާޒަކީ މި މަހުގެ ނިޔަލަށް ހުރިހާ ފުލެޓެއްގެ މަސައްކަތް ނިންމުން ކަމަށެވެ.