ފޭސްބުކް އަދި އެކްސް ހިމެނޭ ގޮތަށް, ނޭޕާލުގައި ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ރަޖިސްޓްރީ ކުރުމުގެ ޝަރުތުތަކަށް އަމަލު ނުކުރާތީ އެ ޕްލެޓްފޯމުތައް އެ ގައުމުން ބްލޮކްކޮށްފިއެވެ.
ނޭޕާލުގެ ސަރުކާރުން ބުނާ ގޮތުގައި އެ ފިޔަވަޅަކީ އޮންލައިންކޮށް ފަތުރާ ދޮގު ޚަބަރުތަކާއި ސައިބާ ކްރައިމް ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ.
މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ނޭޕާލުން ވަނީ، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް އެ ގައުމުގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީގައި ރަޖިސްޓްރީކޮށް، އަމިއްލައަށް ރެގިއުލޭޓް ކުރާނެ މީހަކު ކަނޑައަޅަން ވަގުތު ދީފައެވެ.
"ރަޖިސްޓްރީ ނުކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މިއަދުން ފެށިގެން ޑިއެކްޓިވޭޓް ކުރާނެ،" މިނިސްޓްރީގެ ތަރުޖަމާނު ގަޖެންދްރާ ކުމާރު ތަކުރު ބުރާސްފަތި ދުވަހު އޭއެފްޕީއަށް ވިދާޅުވިއެވެ.
ކޮމިއުނިކޭޝަންސް އެންޑް އައިޓީ މިނިސްޓަރު ޕްރިތުވީ ސުއްބާ ގުރޫންގް ވިދާޅުވީ، ޕްލެޓްފޯމްތައް ރަޖިސްޓްރީ ކުރަން އެކަށީގެންވާ ވަގުތު ދިން ކަމަށާއި ތަކުރާރުކޮށް އެދުނު ނަމަވެސް އެކަމަށް އަޅާނުލުމުން ނޭޕާލުގައި އެ ކުންފުނިތަކުގެ އޮޕަރޭޝަންތައް ބަންދުކުރަން ޖެހެނީ ކަމަށެވެ.
އެކަމާ ގުޅިގެން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ޑިޖިޓަލް ރައިޓްސް ނޭޕާލްގެ ރައީސް ބޮލާ ނާތު ދުންގަނާ ވިދާޅުވީ ޕްލެޓްފޯމުތައް ކުއްލިއަކަށް ބަންދު ކުރުމަކީ ޚިޔާލު ފާޅުކުރުން ކޮންޓްރޯލު ކުރުން ކަމަށެވެ.
"މިއީ ސީދާ އާންމުންގެ އަސާސީ ހައްގުތަކަށް އަސަރު ކުރާނެ ކަމެއް. ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރުމަކީ ގޯހެއް ނޫން، ނަމަވެސް އެކަން ތަންފީޒު ކުރުމަށް ފުރަތަމަ ބޭނުންވަނީ ގާނޫނީ އިންފްރާސްޓްރަކްޗާއެއް އޮންނަން. މިކަހަލަ ކުއްލި ބަންދުވުމަކީ ކޮންޓްރޯލް ކުރުން،" ދުންގަނާ ވިދާޅުވިއެވެ.
ނޭޕާލުން މީގެ ކުރިންވެސް މަޝްހޫރު އޮންލައިން ޕްލެޓްފޯމްތަކަށް ވަދެވޭ ގޮތް ހަނިކޮށްފައިވެއެވެ.
އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ވަނީ އެ ކަމާ ގުޅޭ ބިލެއް ވެސް ހުށަހަޅައިފައެވެ. އެ ބިލާ ދެކޮޅަށް ނޭޕާލުގައި މުޒާހަރާތައް ވެސް ކޮށްފައިވެއެވެ.