އިގުތިސާދު ސިންދަފާތުކުރުން ހިމެނޭހެން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނޭޕާލްގެ ބޮޑުވަޒީރާ އެކު މަޝްވަރާކުރައްވައިއެވެ.
މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގެ ހަވާސާގައެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ނޭޕާލްގެ ބޮޑުވަޒީރު ކޭ ޕީ ޝަރްމާ އޮލިއާ އެކު ރައީސް މުއިއްޒު ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ މެދު މަޝްވަރާކުރެއްވި ކަމަށެވެ. އަދި، ތައުލީމީ ދާއިރާއާއި އިގުތިސާދު ސިންދަފާތުކުރުމާއި، ބައިނަލްއަގުވާމީ މަންސަތަކުގައި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން އެ މަޝްވަރާގައި އަލިއަޅުވައިލި ކަމަށް އެ އޮފީހުން ބުންޏެވެ.
ރައީސް މުއިއްޒު ވަނީ ނޭޕާލުން ބާއްވަމުން އަންނަ ގާތް ގުޅުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެ ބޭފުޅުން ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް މުއިއްޒާއި ނޭޕާލްގެ ބޮޑުވަޒީރު: ދެ ބޭފުޅުން ވަނީ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް
ޗައިނާގެ ރައީސް ޗީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޗައިނާއަށް ވަޑައިގަތީ ހުކުރު ދުވަހެވެ.
އެ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ވަނީ ޗައިނާގެ ރައީސާ އެކު މަޝްވަރާކުރައްވާފައެވެ. އެ ގޮތުން، އެ ގައުމުން ވަނީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަން އެހީވާނެކަމުގެ ޔަގީންކަން އަރުވާފައެވެ.
މީގެ އިތުރުން، އެސްސީއޯ ސަމިޓުގެ ހަވާސާގައި ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެކުގައި ތިއްބެވި ފޮޓޯއެއް ވެސް އިއްޔެ މޯދީ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ.
ރައީސް އޮފީހުން މީގެ ކުރިން ވަނީ މި ސަމިޓުގެ ހަވާސާގައި މަތީ ފަންތީގެ ގިނަ ބައްދަލުވުންތަކެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ.
އެސްސީއޯއަކީ ޔޫރޭޝިޔާ ސަރަޙައްދުގެ ސިޔާސީ، އިގުތިސާދީ އަދި ދިފާއީ ކަންކަމަށް އަމާޒުކޮށްގެން، އެ ސަރަޙައްދުގެ ހަ ގައުމަކުން އެކުލަވާލާފައިވާ ސަރަޙައްދީ ޖަމިއްޔާއެކެވެ. ކުރިން، 2001 ވަނަ އަހަރު އެ ޖަމުއްޔާ އުފައްދާފައިވަނީ، ޗައިނާ، ރަޝިޔާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާނުންނެވެ. ޖިއޯގްރަފީއާއި އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު ސަރަހައްދީ ޖަމިއްޔާކަމުގައިވާ އެސްސީއޯގައި މިހާރު 10 މެންބަރު ގައުމު ހިމެނެއެވެ. އަދި. އޮބްޒާވަރުންނާއި ޑަޔަލޮގް ޕާޓްނަރުންގެ ގޮތުގައި އިތުރު ގައުމުތައް ހަރަކާތްތެރިވެއެވެ. ދިވެހިރާއްޖެއަކީ އެސްސީއޯގެ ޑަޔަލޮގް ޕާޓްނަރެކެވެ.