ޑުރަގާއެކު ހައްޔަރުކުރި ފުލުސް މީހާ ވަޒީފާއިން ވަކިކުރަން ނިންމައިފި

ޑުރަގާއެކު ހައްޔަރުކުރި ފުލުސް މީހާ: ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އޭނާ ވަޒީފާއިން ވަކިކުރަން ނިންމައިފި -- ފޮޓޯ/ ފުލުހުން

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓާއި އިންޓެލިޖެންސް ގުޅިގެން މާލޭގައި ޖުލައި މަހުގެ 19ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފުލުސް މީހާ ވަޒީފާއިން ވަކިކުރަން ނިންމައިފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ދުވަހު ހައްޔަރުކުރި ފުލުސް މީހާއަކީ އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (31އ)އެވެ.

އެ މައްސަލައާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ މައްސަލަ ބެލުމަށްފަހު ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ވަނީ އޭނާ ވަޒީފާއިން ވަކިކުރަން ނިންމާފައި ކަމަށެވެ.

މި މައްސަލައިގައި ފުލުސް މީހާގެ އިތުރުން ދެން ހައްޔަރުކުރީ ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުﷲ އަޙްމަދު (26އ)އެވެ.

ފުލުހުން ބުނީ އެ ދެމީހުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް އެ މީހުންގެ އަތުން ފެނިފައިވާ ކަމަށެވެ.

https://sun.mv/208786

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަަށް ހާޒިރުކުރުމުން، އައިޝަތު ޝިޔާޒާއަށް ފަސް ދުވަސް އަދި ސައިފުﷲ އަޙްމަދަށް 10 ދުވަހުގެ މުއްދަތެއް އޭރު ޖަހައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތި އާންމުވުން ހިމެނޭއިރު މިދިޔަ އަހަރު ޑުރަގާ ގުޅުންހުރި 1،673 މައްސަލަ ހުށަހަޅައިފައިވެއެވެ. އަދި މި އަހަރުގެ މިހާތަނަށް 1،010 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް