ރަޖްނީކާންތުގެ ފިލްމު 'ކޫލީ' މި މަހު އެމެޒޯން ޕްރައިމް ވީޑިއޯއަށް

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ތަމަޅަ އެކްޓަރު ރަޖްނީކާންތުގެ ފިލްމު "ކޫލީ" އެމެޒޯން ޕްރައިމް ވީޑިއޯގައި ސްޓްރީމްކުރާން ނިންމިކަން އިއުލާނުކޮށްފިއެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ފިލްމު "ކޫލީ" ސްޓްރީމިންގްއަށް ދޫކޮށްލާނެކަން އިއުލާނުކޮށްފައި މި ވަނީ ފިލްމު ރިލީޒްކުރިތާ މަހެއްހާ ދުވަސް ވެސް ނުވަނީހެވެ.

ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެއް ކަމަށްވާ "ކޫލީ" ސިނަމާތަކުގައި ރިލީޒްކުރިތާ އެންމެ ތިން ދުވަސްތެރޭ ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 300 ކްރޯޑު ރުޕީސްއަށް އެރިއިރު މިހާތަނަށް ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 61.45 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

އެހެންކަމުން 350-400އާ ދެމެދުގެ ބަޖެޓެއް ހޭދަކޮށްގެން އުފެއްދި ފިލްމުގެ ޚަރަދު މާބޮޑަށް ވެސް ފޫބެއްދޭނެ ކަމަށް ފިލްމު އިންޑަސްޓްރީގެ ޓްރޭޑް އެނަލިސްޓުން ވަނީ ބުނެފައެވެ.

ފިލްމު "ކޫލީ"ގެ މަންޒަރެއްގައި އެކްޓަރު އާމިރު ޚާން--ފޮޓޯ/ޑީއެންއޭ

ވަރަށް ވަރުގަދަ ކާސްޓަކާ އެކު ލޮކޭޝް ކަނަގާރާޖް ޑައިރެކްޓްކޮށް ގެނެސްދިން "ކޫލީ"އަކީ ސައުތު ސިނަމާގެ މަޝްހޫރު ފިލްމު ކުންފުނި ސަން ޕިކްޗާސްގެ އުފެއްދުމެކެވެ. މި ފިލްމު އެހާ އަވަހަށް ސްޓްރީމިންގްއަށް ދޫކޮށްލަން ނިންމި ނިންމުމަކީ ފިލްމު ރިލީޒް ކުރުމުގެ ކުރިން ބޮޑު އާމްދަނީއެއް ފިލްމަށް ލިބިފައިވުމުގެ ސަބަބެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރަން ވިއްކުމުގެ ވިޔަފާރީގެ ތެރޭގައި ހިނގާ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމުގެ ކާސްޓުންގެތެރޭ ސައުތު ސިނަމާގެ މަޝްހޫރު ތަރިން ކަމަށްވާ ނާގަރުޖުނާ އައްކިނެނީ، ސޯބިން ޝާހިރު، އުޕެންދުރަ، ޝްރޫތީ ހާސަން އަދި ސަތިޔަރާޖް ހިމެނެއެވެ.

މީގެއިތުރުން މި ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން ބޮލީވުޑް އެކްޓަރު އާމިރު ޚާން ވަނީ ފެނިފައެވެ. އެމެޒޯން ޕްރައިމްގައި ފިލްމު ސްޓްރީމްކުރަން ފަށާނެ ކަމަށް ރިޕޯޓުތަކުން ބުނެފައި ވަނީ، މި މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ.

comment ކޮމެންޓް