ޝަނާޔާގެ އަލަތު ފިލްމު ސްޓްރީމިންގްއަށް ދޫކޮށްލައިފި

އިންޑިއާގެ ކުރީގެ އެކްޓަރު ސަންޖޭ ކަޕޫރުގެ ދަރިފުޅު ޝަނާޔާ ކަޕޫރު ބޮލީވުޑަށް ތައާރަފްވި ފިލްމު "އާނކޯންކީ ގުސްތާކިޔާ" ސްޓްރީމިންގް ޕްލެޓްފޯމް ޒީ5އަށް ދޫކޮށްލައިފިއެވެ.

މި ފިލްމު ޒީ5ގައި ސްޓްރީމްކުރަން ފެށިކަން އިއުލާނުކޮށްފައި ވަނީ ހުކުރު ދުވަހުއެވެ. ފިލްމު "އާނކޯންކީ ގުސްތާކިޔާ" ސިނަމާތަކުން ބެލި ގިނަ ބަޔަކު ވަނީ ޝަނާޔާ ފިލްމުގައި ކުޅުނު ރޯލް ގެނެސްދިނީ ވަރަށް ފުރިހަމަކޮށް ކަމަށާއި ބަތަލާއަށް ވަނީ ގުދުރަތީ ގޮތުން އެކްޓު ކުރުމުގެ ހުނަރު ލިބިފައި ކަމަށް ބުނެފައެވެ.

ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ގެނެސްދިން މި ފިލްމުގެ ލީޑް އެކްޓަރަކީ ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ވިކްރާންތު މަސޭއެވެ.

މި އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު ތިއޭޓަރުތަކުގައި ރިލީޒްކުރި ފިލްމު "އާނކޯންކީ ގުސްތާކިޔާ" އަކީ ލޯފަން މިއުޒީޝަނަކާއި ސްޓޭޖްމަތީ ތަމްސީލު ކުޅެން އުޅޭ ބަތަލާއެއްގެ މެދުގައި ހިނގާ ލޯބީގެ ގުޅުމުގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ފިލްމު "އާނކޯންކީ ގުސްތާކިޔާ"ގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ފިލްމު ގެނެސްދީފައި ވަނީ ޕްރޮޑިއުސަރުން ކަމަށްވާ މާންސީ ބަގްލާ އާއި ވަރޫން ބަގްލާގެ ކުންފުނި މިނީ ފިލްމްސް އާއި ޒީ ސްޓޫޑިއޯސް ގުޅިގެންނެވެ.

މިފަހުން ފިލްމީ ދާއިރާއަށް ތައާރަފްވި ޒުވާން ބަތަލާއިންގެ ތެރެއިން ކުރިމަގު ވަރަށް އުޖާލާކޮށް ފެންނަ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޝަނާޔާގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކުގެ ތެރޭ ޑައިރެކްޓަރު ބިޖޯއި ނަމްބިއާގެ "ތޫ ޔާ މޭ" އާއި މަލަޔާޅަމް އެކްޓަރު މޯހަންލާލުގެ ޕީރިއަޑް ފިލްމު "ރުޝުބާ" އާއި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ސީރީޒް "ސްޓޫޑެންޓް އޮފް ދި އިޔާ 3"ގެ އިތުރުން އެކްޓަރު އަބޭ ވަރުމާއާ އެކީ ކުޅެފައިވާ އަދި ނަން އިއުލާން ނުކުރާ ފިލްމެއް ހިމެނެއެވެ.

comment ކޮމެންޓް