ކާތިކް އާއި އަނަނިޔާގެ ފިލްމުގެ މަސައްކަތް 57 ދުވަހުން ނިންމާލައިފި

ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މޭރީ"ގެ ލީޑް ތަރިން ކަމަށްވާ ކާތިކް އަރިއަން އަދި އަނަނިޔާ ޕާންޑޭ--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ފިލްމީ ތަރިންކަމަށްވާ އަނަނިޔާ ޕާންޑޭ އާއި ކާތިކް އާރިއަން އެކީގައި ކުޅޭ ދެވަނަ ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މޭރީ"ގެ މަސައްކަތް ނިންމާލިކަން އިއުލާނުކޮށްފިއެވެ.

މި އަހަރުގެ މެއި މަހު ޝޫޓިންގް ފެށި މި ރޮމޭންޓިކް ކޮމެޑީގެ މަސައްކަތް ފިލްމުގެ ޓީމުން ނިންމާލީ 57 ދުވަސް ވަންދެން ފިލްމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްފަހުއެވެ.

ފިލްމުގެ ޝޫޓިންގް ނިންމާލިކަން އިންސްޓަގްރާމްގައި ރަސްމީކޮށް އިއުލާނު ކުރަމުން ކާތިކް އާރިއަން ބުނީ، ފިލްމުގައި ހޭދަ ކުރެވުނު 57 ދުވަހަކީ ހަނދާނުން ނުފިލާނެ ގިނަ ހަނދާންތަކެއް އެއްކުރެވުނު ދުވަސްތަކެއް ކަމަށެވެ.

ފިލްމުގެ ޝޫޓިންގް އެއްކޮށް ނިންމާލެވުނީ ހީވެސް ނުކުރާހާ އަވަސް މިނެއްގައި ކަމަށާއި 57 ދުވަސް ދިޔަ ގޮތް ވެސް ނޭނގޭކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ކާތިކް ބުނި ގޮތުގައި ފިލްމުގައި ހޭދަކުރެވުނު މުއްދަތަކީ ދިގު މުއްދަތަކަށްވީ ނަމަވެސް ފޫހިކަމެއްނެތި މަސައްކަތް ކުރެވުނީ ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރުގެ ސެޓަކަށް ފިލްމު ސެޓު ވުމުން ކަމަށެވެ.

ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މޭރީ"ގެ ފިލްމު ސެޓުގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

ހަމައެއާއެކު ބަތަލާ އަނަނިޔާއާ އެކު މަސައްކަތް ކުރުމަކީ އަބަދުވެސް ލިބޭ އުފަލެއް ކަމަށާއި ކޯ ސްޓާރެއްގެ ގޮތުގައި އެއީ އެކީގައި މަސައްކަތް ކުރަން ވަރަށް ފަސޭހަ ފިލްމީ ތަރިއެއް ކަމަށް ކާތިކް ވަނީ ބުނެފައެވެ.

ދަރުމާ ޕްރޮޑަކްޝަންސްއިން ގެނެސްދޭ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މޭރީ"ގެ ކާސްޓުގައި ފިލްމީ ތަރިން ކަމަށްވާ ނީނާ ގުޕްތާ އަދި ޖެކީ ޝްރޮފް ވެސް ހިމެނެއެވެ.

މި ފިލްމަކީ ކާތިކްގެ 2023 ވަނަ އަހަރުގެ ފިލްމު "ސަތިޔަޕްރޭމް ކީ ކަތާ"ގެ ޑައިރެކްޓަރު ސަމީރު ވިދުވަންސް ޑައިރެކްޓްކުރާ ފިލްމެކެވެ. "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މޭރީ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހެވެ.

comment ކޮމެންޓް