އުޑުމަތި ސާފު ވާނެ، މުޅި ރާއްޖެއަށް ކޭތަ އެންމެ ރީތިކޮށް ފެންނާނީ މިރޭ 11:11 ގައި

ޖެނުއަރީ 2020 ވަނަ ދުވަހު ހިދި ހަނދުކޭތަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ރޭ ދުނިޔޭގެ އެކި ހިސާބުތަކަށް ހަނދުކޭތަ ހިފާއިރު، ރާއްޖެއަށް 'ބްލަޑް މޫން' އެންމެ ރީތިކޮށް, ފުރިހަމަކޮށް ފެންނާނީ މިރޭ 11:11 ގައި ކަމަށް, މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.

ހަނދުކޭތަ ހިފަނީ އިރާއި ބިމާއި ހަނދު ސީދަލަށް އެތުރި، އިރުގެ އަލިކަމުގެ ސަބަބުން ހަނދަށް ދުނިޔޭގެ ހިޔަނި އެޅުމުގެ ސަބަބުންނެވެ. އަދި ހަނދު ފުސް ރަތް ކުލައެއްގައި ފެންނަނީ ނުވަތަ ބްލަޑް މޫންއަކަށް ވަނީ އިރުގެ ބައެއް ދޯދިތައް ދުނިޔޭގެ ޖައްވުން ގޮސް ހަނދަށް އެޅޭތީ އެވެ.

މެޓް އޮފީހުން މިއަދު "ސަން" އަށް ބުނީ ކޭތަ ހިފަން ފަށާނީ މިރޭ ރާއްޖެ ގަޑިން 20:28 އިން ފެށިގެން ކަމަށާއި ނަމަވެސް ހަމަ ލޮލަށް ރާއްޖެއަށް ކޭތަ ފެންނަން ފަށާނީ 21:27 އިން ފެށިގެން ކަމަށެވެ.

https://sun.mv/210851

ކޭތަ ފުރިހަމަ ވެފައި ހުއްޓާ ރާއްޖެއަށް ފެންނާނީ މިރޭ 22:30 އިން 23:52 އަކަށް ކަމަށް މެޓުން ބުންޏެވެ. އެ ވަގުތުތަކުގެ ތެރެއިން އެންމެ ރީތި ކޭތައެއް ފެންނާނީ 23:11 ގައި ކަމަށް މެޓުން ބުނެއެވެ.

މިރޭ މުޅި ރާއްޖެއަށް ވެސް މޫސުން ރީތިވެފައި އުޑުމަތި ސާފު ވާނެ ކަމަށާއި އެހެންކަމުން ވަރަށް ރީތިކޮށް ހުރިހާ ހިސާބަކަށް ވެސް ކޭތަ ފެންނާނެ ކަމަށް މެޓުން ބުނެއެވެ.

ކޭތަ އެއްކޮށް ވީއްލާ ގަޑިއަކީ މިރޭ ރާއްޖެ ގަޑިން 1:55 ކަމަށް މެޓުން ބުނެއެވެ.

ފަލަކީ އިލްމުގެ ތަޖުރިބާކާރެއް ކަމަށްވާ ޢަބްދުﷲ ރަޝީދު (ލިނެޓް) ވިދާޅުވި ގޮތުގައި، އަންނަ އާދިއްތައިގައި ހިފާ ހަނދުކޭތަ އެންމެ ފުރިހަމައަށް ފެންނާނެ އެއް ގައުމަކީ ރާއްޖެއެވެ.

މި ރޭ 11:12 ގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް