މިރޭގެ ހަނދު ކޭތަ ބަލަން ގިނަ ބަޔަކު މަގުތަކަށް ނުކުމެއްޖެއެވެ.
ކޭތަ ހިފަން ފެށީ، 20:28 ހާއިރެވެ. އެހާއިރުން ފެށިގެން މީހުން ވަނީ މަގު މައްޗަށް ނުކުންނަން ފަށައިފައެވެ.
މާލޭގެ ރާޅުގަނޑާއި، ރަސްފަންނު ހިސާބުގައި މީހުން އެއްވެ، ފޯނާއި ކެމެރާތަކުން ފޮޓޯ ނަގައިފައިވެއެވެ.

އުސްފަސްގަނޑު ސަރަހައްދުގައި ބަޔަކު ކޭތަ ބަލަން މަޑުކޮށްލައިގެން: މާލޭގެ އެކި ސަރަހައްދުތަކަށް ކޭތަ ބަލަން މީހުން އެއްވި ---- ސަން ފޮޓޯ/ މޫސާ ނަދީމް
އާންމު ހަނދު ކޭތައާ ޚިލާފަތް، ފުސް ރަތް ކުލައެއް ފެންނަ މި ބްލަޑް މޫން އެންމެ ފުރިހަމައަށް ފެންނާނެ ކަމަށް ލަފާކޮށްފައި އޮތީ 23:11އަށެވެ.
އެ ގަޑިއަށް، ގިނަ ބަޔަކު މަގުމައްޗަށާއި ބެލްކަނީތަކަށް ވެސް ނުކުމެ ތިއްބެވެ.

ކޭތަ ހިފަނިކޮށް މީހަކު ފޮޓޯއެއް ނަގަނީ: ކޭތަ ހިފަން ފެށީ، މިރޭ 20:28 ހާއިރު --- ސަން ފޮޓޯ/ މޫސާ ނަދީމް
ކޭތަ އެއްކޮށް ވީއްލާ ގަޑިއަކީ މިރޭ ރާއްޖެ ގަޑިން 1:55 ކަމަށް މެޓުން ބުނެއެވެ.
ފަލަކީ އިލްމުގެ ތަޖުރިބާކާރެއް ކަމަށްވާ ޢަބްދުﷲ ރަޝީދު (ލިނެޓް) ލަފާކުރައްވާފައިވާ ގޮތުގައި، މި ހަނދުކޭތަ އެންމެ ފުރިހަމައަށް ފެންނާނެ އެއް ގައުމަކީ ރާއްޖެއެވެ.

މިރޭ ހަނދު ކޭތަ ހިފަން ފަށާފައި ހުއްޓައި: އެންމެ ރީތިކޮށް ކޭތަ ފެނުނީ މިރޭ 23:11ގައި --- ސަން ފޮޓޯ/ މޫސާ ނަދީމް
މި ރޭ 11:12 ގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދު ވަނީ ކޮށްފައެވެ.

މީހަކު ހަނދުކޭޓަ ފޮޓޯއެއް ނަގަނީ: ގިނަ ބަޔަކަށް ހަނދުކޭތަ ހިފުން ވީ ވަރަށް ކަމުދާ ކަމަކަށް --- ސަން ފޮޓޯ/ މޫސާ ނަދީމް
ހަނދުކޭތަ ހިފަނީ އިރާއި ބިމާއި ހަނދު ސީދަލަށް އެތުރި، އިރުގެ އަލިކަމުގެ ސަބަބުން ހަނދަށް ދުނިޔޭގެ ހިޔަނި އެޅުމުގެ ސަބަބުންނެވެ. އަދި ހަނދު ފުސް ރަތް ކުލައެއްގައި ފެންނަނީ ނުވަތަ ބްލަޑް މޫންއަކަށް ވަނީ އިރުގެ ބައެއް ދޯދިތައް ދުނިޔޭގެ ޖައްވުން ގޮސް ހަނދަށް އެޅޭތީ އެވެ.