މިރޭ ހިފި ހަނދު ކޭތަ ބަލައިލަން އަހަރެން ނިކުތީ މަގުމައްޗަށެވެ. އެހެން މީހުންނާއެކު، ހަނދުކޭތަ ބަލައިލުމުގެ އުފާ ލިބިގަންނާށެވެ. މާލެ ވަށާ ދެ ބުރު ޖެހިއިރު، އިސްދަށަށް ޖަހައިގެން ހުރި މީހަކު މަދުން ނޫނީ ނުފެނެއެވެ. އެންމެންގެ ލޯތައް އަމާޒުވެފައި ހުރީ، މަތިން ފެންނަން ހުރި ރަތް ކުލައިގެ ހަނދު ކޭތައަށެވެ.
މިހާރަކީ ކޮންމެ ކަމެއް ވެސް ފޯނުގައި ފަހަށް ރައްކާކުރާ ޒަމާނެކެވެ. އެ އުސޫލުން އެ ޗާލު ހަނދުކޭތަ ފޮޓޯ ނުނަގައި، ވީޑިއޯ ނުނަގާ ތިބި މީހަކު މަދެވެ.

ބަޔަކު އުސްފަސްގަނޑު ސަރަހައްދުގައި ކޭތަ ބަލަން މަޑުކޮށްލައިގެން: މާލޭގެ އެކި ހުސްބިންތަކަށް މީހުން ޖަމާވެފައިވާ ---- ސަން ފޮޓޯ/ މޫސާ ނަދީމް
މާލެއިން މިރޭ ކުރެވުނީ އީދެއްގައި ކުރެވޭ ފަދަ އިހުސާސެކެވެ. ލޯބިވެރިންނާއި އާއިލާތައް އެތިބީ ހަނދު ކޭތަ ބަލަން ނިކުމެއެވެ. މާދަމާއަކީ ސުކޫލުތަކާއި އޮފީސްތައް ބަންދު ދުވަހެއްހެން ހިއެއްނުވެއެވެ. މިގޮތުން، ކޭތަ ބަލައިގެން ހިތްހަމަޖެހުން ހޯދަން ނިކުތީ އެންމެ މީހެއް ނޫނެވެ. ދަންވާއިރު ވެސް ކުޑަކުދިންތައް ގޮވައިގެން އެތައް އާއިލާއެއް އެތިބީ މާލެ ވަށައިގެން ހުރި ހުސްބިންތަކުގައި ކޭތަ ބަލާށެވެ. އިވެނީ، 'ހާދަ ރީއްޗޭ' ބުނާ އަޑެވެ.
އެ އަޑާ އެއްކޮށް އެންމެންގެ މޫނު މަތިން ފެންނަނީ ހިނިތުންވުމާއި އުފާވެރިކަމެވެ. ހީވަނީ ކުޑަވަރެއްގެ އީދެއް އައިސްގެން އުޅޭހެންނެވެ. އަދި، މުޅި ސޯޝަލް މީޑިއާ ފުރާލާފައި އެވަނީ މި ރޭގެ ހަނދުގެ ފޮޓޯތަކުންނެވެ.

މިރޭ ހިފި ފުރިހަމަ ހަނދުކޭތަ: މި ހަނދުކޭތާ އެންމެ ފުރިހަމައަށް ފެންނާނެ ކަމަށް ލަފާކޮށްފައި އޮތީ 23:11ގައި --- ސަން ފޮޓޯ/ މޫސާ ނަދީމް
މިރޭ 11:00 ޖަހާކަންހާއިރު، ރު އިސްލާމިކް މަރުކަޒު ކައިރިއަށް ދިޔައިރު މުޅި އެ ހިސާބު ތޮއްޖެހިފައިވަނީ ޕާކް ކޮށްފައިވާ ސައިކަލްތަކުންނެވެ. އެއީ 11:12 ގައި އޮތް ކޭތަ ނަމާދު ކުރަން ޖަމާވި މީހުންނާއެކުއެވެ.
ރަތް ކުލައިގެ ކޭތައަކީ އެތައް ބަޔެއްގެ ހަނދާނުގައި ރައްކާކުރި، ފޮނި ހަނދާނަކަށް ވާނެއެވެ. ތަޖުރިބާ ކޮށްލެވުނު އުފާވެރި ހިނދުކޮޅަކަށްވާނެއެވެ.

ބަޔަކު ކޭތަ ބަލަން އެއްވެފައި: ކޭތަ ބަލަން ގިނަ އަދަދެއްގެ މީހުން މަގުތަކަށް ނިކުމެ ތިބި -- ސަން ފޮޓޯ/ މޫސާ ނަދީމް
ރާއްޖެއަށް ކޭތަ ހިފަން ފެށީ، 20:28 ހާއިރެވެ. ފުސް ރަތް ކުލައެއްގައި ފެންނަ މި ހަނދުކޭތަ އެންމެ ފުރިހަމައަށް ފެނުނީ 23:11ހާއިރެވެ. އެގަޑިއަށް ނިކުތް މީހުން އަދި ވަކިން ގިނައެވެ. ކޭތަ އެއްކޮށް ވީއްލާ ގަޑިއަކީ މިރޭ ރާއްޖެ ގަޑިން 1:55 ހާއިރު ކަމަށް މެޓުން ބުނެއެވެ.
ހަނދުކޭތަ ހިފަނީ އިރާއި ބިމާއި ހަނދު ސީދަލަށް އެތުރި، އިރުގެ އަލިކަމުގެ ސަބަބުން ހަނދަށް ދުނިޔޭގެ ހިޔަނި އެޅުމުގެ ސަބަބުންނެވެ. އަދި ހަނދު ފުސް ރަތް ކުލައެއްގައި ފެންނަނީ ނުވަތަ ބްލަޑް މޫންއަކަށް ވަނީ އިރުގެ ބައެއް ދޯދިތައް ދުނިޔޭގެ ޖައްވުން ގޮސް ހަނދަށް އެޅޭތީ އެވެ.