އެސްޑީއެފްސީން ރަށު ފަތުރުވެރިކަމަށް އިސްލާމިކް ފައިނޭންސިން ފެސިލިޓީއެއް

މާފުށީ ގެސްޓްހައުސަކަށް ދެ ފަތުރުވެރިޔަކު ވަންނަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި ފަންތީގެ ވިޔަފާރިތަކަށާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ދިނުމަށްޓަކައި "ތިޖާރާ ރަށު ފަތުރު"ގެ ނަމުގައި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން އިސްލާމިކް ފައިނޭންސިން ފެސިލިޓީއެއް ތައާރަފުކޮށްފިއެވެ.

އެސްޑީއެފްސީން ބުނީ، މިއީ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ކުދި ފަންތީގެ ވިޔަފާރިތަކަށާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ދިނުމަށްޓަކައި ޝަރީއަތާ އެއްގޮތްވާ އުސޫލުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ފައިނޭންސިން ފެސިލިޓީއެއް ކަމަށެވެ.

މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ޑިމިނިޝިން މުޝާރަކާއާއި މުރާބަހާ ޓު ދަ ޕާޗެސް އޯޑަރާގެ ކޮންސެޕްޓް ބޭނުންކޮށްގެން ޚިދުމަތް ފޯރުކޮށްދޭ ގޮތަށް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. މީގެ ސަބަބުން ކޮންމެ ވިޔަފާރިވެރިއްގެ ވެސް ހުރި ޚާއްސަ ބޭނުންތައް އެންމެ ފުރިހަމައަށް ފުއްދައިދެވޭނެ ފަދަ އިންތިޒާމެއް ޝަރީއާ ހަމަތަކުގެ މަތިން ހަމަޖައްސައި ފޯރުކޮށްދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

އެސްޑީއެފްސީން ބުނީ، މި ފައިނޭންސިން ފެސިލިޓީގެ ސަބަބުން ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެވި، ރާއްޖޭގެ އިގުތިސާދީ ދުވެލި އިތުރުކުރެވޭނެ ކަމަށާއި އިންވެސްޓްމެންޓްތައް އިތުރުވުމަށާއި އާ ވިޔަފާރިތައް ފެށުމަށް އެހީތެރިކަން ވެސް ލިބޭނެ ކަމަށެވެ.

އެ ކޯޕަރޭޝަންގެ އަމާޒަކީ ޝަރީއާއާ އެއްގޮތަށް ފަރުމާކުރެވިފައިވާ އިތުރު ފައިނޭސިން ފެސިލިޓީތައް އެސްޑީއެފްސީގެ އިސްލާމިކް ވިންޑޯ "އެސްޑީއެފްސީ ތިޖާރާ"ގެ ދަށުން ތައާރަފުކުރުން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

"ތިޖާރާ ރަށު ފަތުރު" ފައިނޭންސިން ފެސިލިޓީއާ ގުޅޭ ބައެއް މައުލޫމާތު:

  • ފައިނޭންސިން ރޭޓަކީ އަހަރަކަށް 9.5 ޕަސެންޓު
  • ގްރޭސް ޕީރިއަޑުގެ ގޮތުގައި ގިނަވެގެން ދޮޅު އަހަރު ދުވަސް
  • ފެސިލިޓީ ދެއްކުމަށް ގިނަވެގެން 10 އަހަރު ދުވަސް
  • ގެސްޓްހައުސް އިމާރާތްކުރުމަށް އަލަށް ފަށާ ވިޔަފާރިތަކަށާއި މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް ދޫކުރެވޭ އެންމެ ކުޑަ އަދަދަކީ ދެ ލައްކަ ރުފިޔާ، އަދި އެންމެ މަތީ އަދަދަކީ ފަސް މިލިއަން ރުފިޔާ
  • ގެސްޓްހައުސް އިމާރާތްކުރުން ފިޔަވައި ޑައިވް ސެންޓަރާއި ވޯޓާ ސްޕޯޓްސް ސެންޓަރު ފަދަ ތަންތަން ގާއިމުކުރުމަށް މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް ދޫކުރެވޭ އެންމެ މަތީ އަދަދަކީ ދޮޅު މިލިއަން ރުފިޔާ
  • ފައިނޭންސިން ދޫކުރަނީ އަލަށް ފަށާ ގެސްޓްހައުސް ވިޔަފާރިތަކަށާއި އާ ގެސްޓްހައުސްތައް އިމާރާތްކުރުމަށް، އަދި މިހާރު ހިންގަމުންދާ ގެސްޓްހައުސް ވިޔަފާރިތައް މަރާމާތުކޮށް ތަރައްގީކުރުމަށް، އަދި އެއާ ގުޅުންހުރި ވިޔަފާރިތައް ކުރިއެރުވުމަށް

އެސްޑީއެފްސީން ވަނީ މި ފައިނޭންސިން ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފައެވެ. އެ ކޯޕަރޭޝަނުން ބުނީ، ފައިނޭންސިން ފެސިލިޓީއަށް އެ ކޯޕަރޭޝަންގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

comment ކޮމެންޓް