ބ. އަތޮޅުގައި އޮންނަ، ޔުނެސްކޯގެ ބަޔޯސްފިއާ ރިޒާވް، ހަނިފަރު ބޭއަށް ބަދަލެއް ނުގެނެސް މިހާރު ވެސް އެ އޮންނަ ގޮތަށް ބާއްވައިގެން އެ އަތޮޅު ދޮންފަނުގެ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން މިހާރު ހުށަހަޅާފައިވާ ގޮތަށް، ހަނިފަރު ބޭ އަށް ގެއްލުންވާ ގޮތަށް އެ ތަނުގެ ބިން ހިއްކައިގެން ލިބޭ އާމްދަނީއަށް ވުރެ އެތަން މިހާރުވެސް އެ އޮންނަ ގޮތަށް ބާއްވައިގެން ލިބޭ އާމްދަނީ ބޮޑުވާނެ ކަމަށެވެ.
އެތައް ބާވަތެއްގެ މަސްމަހާމެހި އުޅޭ ހަނިފަރު ބޭ އަކީ ފަތުރުވެރިންގެ މެދުގައި މަޝްހޫރު ސަރަހައްދެއްކަން، ތިމާވެށީގެ ހައްގުގައި މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ނަޝީދު ފާހަގަކުރެއްވިއެވެ.
ނަމަވެސް، ބިން ހިއްކުމުގެ މަޝްރޫއާމެދު ދެވަނަ ވިސްނުމެއް ގެންގުޅުމަށް ނަޝީދުގެ ޕޯސްޓުގައި ގޮވާލައްވައިފައެއް ނުވެއެވެ.
ފާހަގަކުރެވޭ ގޮތުގައި އެންމެ 400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ދޮންފަނުގައި 13 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން އެމްޓީސީސީއަށް ދީފައިވަނީ މިދިޔަ މަހުގެ 13ވަނަ ދުވަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
އެހެންވެ، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅޭ ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ދޮންފަނުގެ ބިން ހިއްކުމުން އެތާ ކައިރީ އޮންނަ ހަނިފަރު ބޭއަށް ގެއްލުންވާނެ ކަމަށް ދަނީ ބުނަމުންނެވެ. އަދި ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ގޮވާލައި، މިދިޔަ ބުރާސްފަތި ދުވަހު ޕެޓިޝަނެއްގައި ވެސް ވަނީ ސޮއިކުރަން ފަށައިފައެވެ.
އެ ޕެޓިޝަންގައި ބުނީ ހަނިފަރު ބޭ އަކީ ދުނިޔޭން ނެތިގެން ދިއުމުގެ ބިރު ހީވެފައިވާ އެންމަޑިއާއި ފެހުރިއްސާއި އެތައް ބާވަތެއްގެ މުރަކަ އާލާވެފައިވާ ވެފައިވާ ތަނެއް ކަމަށެވެ.
އެފަދަ ސަރަހައްދުތަކަކީ ވެށީގެ މުހިއްމު ބައެއް ކަމަށް އެ ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ. ފަތުރުވެރިކަމާއި މަސްވެރިކަމަށް ބަރޯސާވެފައިވާ ގިނަ ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުން ބިނާވެފައިވަނީ އެ ތަންތަނުގެ މައްޗަށް ކަމަށް ވެސް ޕެޓިޝަންގައި ވެއެވެ.
އެކަމަކު ހަނިފަރު ބޭގެ މި މުހިއްމުކަން ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާކަމަށް، ޕެޓިޝަންގައި ވެއެވެ. އެ ނުރައްކަލަކީ ތިމާވެށީގެ އިތުރުން، އިގުތިސާދީ ގޮތުންނާއި ސަގާފީ ގޮތުން ވެސް ލިބިދާނެ ބޮޑު ގެއްލުމެއް ކަން ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.
އެ ޕެޓިޝަނުގައި މިހާތަނަށް 5،000އާ ގާތް ކުރާ އަދަދަކަށް މީހުން ސޮއިކޮށްފައިވެއެވެ.