ބަތަލާ ކޮންކޮނާ އާއި އަމޮލްގެ މެދުގައި ލޯބީގެ ގުޅުމެއް ނެތް ކަމަށް އެކްޓަރު ބުނެފި

ކޮންކޮނާ ސެން އަދި އެކްޓަރު އަމޯލް ޕަރާޝަރު--ފޮޓޯ/އިންޑިއާޓުޑޭ

ފިލްމުތަކުންނާއި ވެބް ސީރީސްތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރު އަމޯލް ޕަރާޝަރު އާއި ބޮލީވުޑް ބަތަލާ ކޮންކަނާއާ ދެމެދު ލޯބީގެ ގުޅުމެއް ނެތް ކަމަށް އެކްޓަރު ބުނެފިއެވެ.

އަމޯލް މިގޮތަށް ބުނެފައި މިވަނީ އެ ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް އޮންނަ ކަމަށާއި ދާދިފަހުން ދެ މީހުން އެކީގައި ހަފްލާއަކަށް ދިޔަ މަންޒަރު ފެނުމުން އެކަން ކަށަވަރުވެއްޖެ ކަމަށް ބައެއް މީޑިއާތަކުން ބުނުމާ ގުޅިގެންނެވެ.

އިންޑިއާގެ މުނިފޫހިފިލުވައިދޭ ޚަބަރުތައް ގެނެސްދޭ އީޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އަމޯލް ބުނީ، ދާދިފަހުން ކޮންކަނާއާ އެކު ދިޔަ ހަފްލާ އަކީ އާއިލާ އާއި ގާތް ރަހްމަތްތެރިންނާ އެކު ދެ ތަރިން ބައިވެރިވި ހަފްލާއެއް ކަމަށެވެ.

ފިލްމު "މެޓްރީ އިން ދިނޯ"ގެ މަންޒަރެއްގައި ކޮންކޮނާ އަދި އަމޯލް އަދި ކޮންކޮނާ ކުރީގެ ފިރިމީހާ ރަންވީރު ޝޯރޭއާ އެކު--ފޮޓޯ/ފިލްމުފެއަ

އެއީ އެއްގޮތަކަށް ވެސް ކޮންކަނާއާ ދެ މީހުންގެ ލޯބީގެ ގުޅުން ކަށަވަރުކޮށްދިނުމުގެ ގޮތުން ބައިވެރިވި ހަފްލާއެއް ނޫން ކަމަށާއި ދެ ތަރިންގެ މެދުގައި ގުޅުމެއް އޮތް ކަމަށް ބުނެ އެކަން ރަސްމީކޮށްގެން އުޅެނީ ބައެއް މީޑިއާތަކުން ކަމަށް އަމޯލް ވަނީ ބުނެފައެވެ.

މީގެކުރިންވެސް އިންޑިއާގެ މީޑިއާއަކުން އަމޯލް ގާތު އެދިފައި ވަނީ ދެ ތަރިންގެ މެދުގައި ގުޅުމެއް ނެތް ނަމަވެސް އެއީ އޮތް ގުޅުމެއްކަމަށް ބުނުމަށް ކަމަށާއި އެއީ އެ މީޑިއާގެ ޕީއާރު މަތިކުރުމުގެ ބޭނުމުގައި އެދުނު އެދުމެއް ކަމަށް އަމޯލް ވަނީ ބުނެފައެވެ.

އެހެންކަމުން ފިލްމީ ތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް ނެތް ނަމަވެސް ބޭނުންގޮތަކަށް ބައެއް މީޑިއާތަކުން ވާހަކަ ހަދަހަދައިގެން ނޫސްތަކުގައި ޖެހުމަކީ ވަރަށް ދެރަކަމެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އަމިއްލަ ޒާތީ ދިރިއުޅުމުގެ ވާހަކައަށްވުރެ ބޮޑަށް އަމޯލް މަސައްކަތްކުރާ ފިލްމުތަކާއި ވެބް ސީރީސްތަކުގެ ވާހަކަ ޖެހުން ކިހިނެއްވާނެތޯ މީޑިއާ ގާތު އެކްޓަރު ވަނީ ސުވާލުކޮށްފައެވެ. އަމޯލް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ބަތަލާ ކޮންކަނާ ސެން މުހިއްމު ރޯލެއް ކުޅުނު ފިލްމު "މެޓްރީ އިން ދިނޯ"އިންނެވެ.

comment ކޮމެންޓް