ކުއްލިއަކަށް, ކުޑައިރުކޮޅަކަށް މޫސުން ގޯސްވެ މަރަދޫފޭދޫ, ގެތަކެއްގެ ފުރާޅު އެއްލާލައިފި

މަރަދޫފޭދުއަށް މިއަދު ކުރި ވިއްސާރައިގައި ގެއެއްގެ ފުރާޅު އެއްލާލައިފައި-- ފޭސްބުކް ފޮޓޯ: މުޙައްމަދު އިމްތިޔާޒް

މިއަދު ހެނދުނު ކުއްލިއަކަށް މޫސުން ގޯސްވެ, ކުޑައިރުކޮޅަކަށް ކުރި ވިއްސާރައެއްގައި އައްޑޫސިޓީ, މަރަދޫފޭދޫގެ ގެތަކެއްގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މަރަދޫފޭދޫގެ ކައުންސިލަރު, ހާލިދާ މުޙައްމަދު މިއަދު "ސަން" އަށް ވިދާޅުވީ ވަރަށް ރީތިކޮށް މޫސުން އޮތުމަށް ފަހު މިއަދު 8:40 ކަންހާއިރު އެ ރަށުގެ މެދުތެރޭ ވަކި ހިސާބަކަށް ގަދަވަޔާއެކު ވިއްސަކަށް މިނެޓަށް ވިއްސާރަ ކުރި ކަމަށެވެ.

އެ ވިއްސާރައިގައި ހަތް ގެއެއްގެ ފުރާޅު އެއްލާލިކަން މިހާތަނަށް ރިޕޯޓް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފުރާޅު އެއްލާލި ތަންތަނުގެ ތެރޭގައި އެ އަވަށުގެ ހިނަވާގެއާއި ނޫރު މިސްކިތް ވެސް ހިމެނޭ ކަމަށް ހާލިދާ ވިދާޅުވިއެވެ.

މަރަދޫފޭދުއަށް މިއަދު ކުރި ވިއްސާރައިގައި ގެއެއްގެ ފުރާޅު އެއްލާލައިފައި-- ފޭސްބުކް ފޮޓޯ: މުޙައްމަދު އިމްތިޔާޒް

"މީހުން އެބަ ކިޔާ ނަގޫރޯޅިއެކޭ ވެސް. އަޅުގަނޑަކަށް ނޭނގެ އެހެން ދަންނަވާކަށް. ހަމަ ކުއްލިއަކަށް އައި ވިއްސާރައެއް. ވިއްސަކަށް މިނެޓްވީ, މިހާރު އޮތީ އަވިދީފައި," ހާލިދާ ވިދާޅުވިއެވެ.

"ހިނަވާގެއަކީ ވަރަށް ބޮޑަށް ހަދާފައި ހުރިތަނެއް. އެތަނުގެ ފުރާޅު ވަޔާ ގޮސް އޮތީ ވަރަށް ދުރުގައި އޮތް ގެއެއްގެ ތެރޭގައި."

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް ގެތަކުން އެއްލާލި ފުރާޅުތައް ވެއްޓިފައި އޮތީ މަގުތަކަށެވެ.

އޭނާ ވިދާޅުވީ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓް އަދި ލިބިފައި ނުވާ ކަމަށެވެ. އަދި ގެއްލުން ލިބުނު ހުރިހާ ގެއެއްގެ މައުލޫމާތު އެއް ކުރުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް އެހީތެރިވުމަށް ކަމާ ގުޅޭ ހުރިހާ އިދާރާއަކުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހާލިދާ ވިދާޅުވިއެވެ.

މެޓު އޮފީހުން ލަފާ ކުރާގޮތުގައި ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާއްމު ގޮތެއްގައި ރަނގަޅު ވާނެއެވެ. އަދި ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށް ވަނީ ލަފާ ކޮށްފައެވެ.

comment ކޮމެންޓް