ހުޅުމާލޭ ރަށު މާރުކޭޓުން 5 ގޮޅިއެއް ކުއްޔަށް ދޫކުރަނީ

ހުޅުމާލޭގެ ރަށު މާރުކޭޓް: ރަށު މާރުކޭޓުން ފަސް ގޮޅިއެއް ކުއްޔަށް ދޫކުރަން ނިންމައި، އެ ތަންތަން ކުއްޔަށް ނަގާނެ ބަޔަކު އެޗްޑީސީން ހޯދަނީ -- ފައިލް ފޮޓޯ/ ޕީއެސްއެމް

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ރަށު މާރުކޭޓުން ފަސް ގޮޅި ކުއްޔަށް ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައި، އެ ތަންތަން ކުއްޔަށް ނަގާނެ ބަޔަކު ހޯދަން ހުޅުވާލައިފިއެވެ.

މިއަދު ކުރި އިއުލާނެއްގައި އެޗްޑީސީން ބުނީ، ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީ ހުންނަ ރަށު މާރުކޭޓުން ފަސް ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނީ މާރުކޭޓު ގޮޅިތައް ހިންގުމަށް އެ ތަންތަން ކުއްޔަށް ދޫކުރާނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތުތައް ހަމަވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތަކުން ކަމަށެވެ.

އެޗްޑީސީން ކުރި އިއުލާނުގައިވާ ގޮތުން، ފޯމުތައް ބަލައިގަންނާނީ މާދަމާ ހެނދުނު 8:30 އިން ފެށިގެން މި މަަހުގެ 23ވަނަ ދުވަހުގެ މެންދުރުފަހު 3:30 ގެ ނިޔަލަށެވެ.

އަދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުނެގުން އޮންނާނީ މި މަހުގެ 16ވަނަ ދުވަހު ހެނދުނު 10 ޖަހާއިރު ކަމަށް ވެސް، އެ ކޯޕަރޭޝަންގެ އިއުލާނުގައިވެއެވެ.

އެޗްޑީސީން މައުލޫމާތުދޭ ގޮތުގައި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ރަށު މާރުކޭޓުން ގޮޅި ހިފަން އެދޭ ފަރާތްތަކުން އެ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ލިބޭނެއެވެ.

ރަށު މާރުކޭޓަކީ ރައްޔިތުންނާއި، ހުޅުމާލެއަށް ޒިޔާރަތްކުރާ މީހުންނަށް ރާއްޖޭގައި ހައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ކާބޯތަކެތީގެ ދިވެހި އުފެއްދުންތަކާއި، ރޯމަހުގެ ބާވަތްތައް ފަސޭހަކަމާއެކު ހެޔޮ އަގުގައި އެއް ތަނަކުން ލިބޭނެ މަގުފަހިކޮށްދިނުމަށްޓަކައި، ގާއިމް ކުރި މާރުކޭޓެކެވެ.

ހަ އަހަރަށް ވުރެ ގިނަ ދުވަސްކުރިން ތަރައްގީކުރި އެ މާރުކޭޓުގައި 69.45 އަކަފޫޓުގެ 37 ޑްރައި ސްޓޯލާއި 69.45 އަކަފޫޓުގެ 20 ވެޓް ސްޓޯލް ހުންނާނެއެވެ.

ރަށު މާރުކޭޓުގެ ގޮޅީގެ ކުއްޔަކީ މަހަކު 3،500 ރުފިޔާއެވެ.

comment ކޮމެންޓް