މިއަދު ހެނދުނު އައްޑޫ ސިޓީ މަރަދޫ ފޭދޫއަށް ކުރީ ކުއްލި ވިއްސާރައެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.
އެރަށަށް މިއަދު ހެނދުނު ވަނީ، ކުއްލިއަކަށް ކުރި ވިއްސާރައެއްގައި ގެތަކެއްގެ ފުރާޅު އެއްލާލައިފައެވެ.
އެކަމާ ގުޅިގެން ސުވާލުކުރުމުން މެޓުން 'ސަން'އަށް ބުނީ، އެއީ، ހެނދުނު 08:30ހާއިރު އެސަރަހައްދަށް ކުއްލިއަކަށް އައި ވިލާގަނޑެއްގައި ލިބުނު ގެއްލުމެއް ކަމަށާއި އެ ސިޓީގެ ރަށްތަކަށް މޫސުން އެހާ ގޯހެއް ނޫން ކަމަށެވެ.

މަރަދޫފޭދޫއަށް ކުރި ވިއްސާރައިގައި ގެއެއްގެ ފުރާޅު އެއްލާލާފައި: މެޓުން ބުނީ އެސަރަހައްދުގެ މޫސުން އެހާ ގޯހެއް ނޫން ކަމަށް ---- ފޮޓޯ/ މުޙައްމަދު އިމްތިޔާޒް، ފޭސްބުކް
ނަމަވެސް އެ ސަރަހައްދަށް ކުރިއަށް އޮތް ދެ ދުވަހު ވެސް ކެރީގެ އަސަރުކުރާނެ ކަމަށް މެޓުން ބުންޏެވެ. އަދި އެ ސަރަހައްދަށް އާންމުކޮށް ވައި ޖެހެނީ 13 މޭލާއި 23 މޭލު ބާރުމިނުގައި ކަމަށް އެ އިދާރާއިން ބުންޏެވެ.
"އައްޑޫ ސިޓީއަށް، އެ ސަރަހައްދަށް އައި ކުޑަ ވިލާކޮޅެއްގައި ގަދަވަގެން ގޮސް، މިކޮޅުގެ ސްޓޭޝަންގައި ރިޕޯޓުކޮށްފައި އެބައިން ގާތްގަނޑަކަށް 43 މޭލު ޖެހުނު ކަމަށް. ޖުމްލަކޮށް އެ ސަރަހައްދަށް އެހާ މޫސުން ގޯހެއް ނޫން" މެޓު އޮފީހުން ބުންޏެވެ.
މަރަދޫފޭދޫގެ ކައުންސިލަރު, ހާލިދާ މުޙައްމަދު މިއަދު "ސަން" އަށް ވިދާޅުވީ ވަރަށް ރީތިކޮށް މޫސުން އޮތުމަށް ފަހު މިއަދު 8:40 ކަންހާއިރު އެ ރަށުގެ މެދުތެރޭ ވަކި ހިސާބަކަށް ގަދަވަޔާއެކު ވިއްސަކަށް މިނެޓަށް ވިއްސާރަ ކުރި ކަމަށެވެ.
އެ ވިއްސާރައިގައި ހަތް ގެއެއްގެ ފުރާޅު އެއްލާލިކަން މިހާތަނަށް ރިޕޯޓް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފުރާޅު އެއްލާލި ތަންތަނުގެ ތެރޭގައި އެ އަވަށުގެ ހިނަވާގެއާއި ނޫރު މިސްކިތް ވެސް ހިމެނޭ ކަމަށް ހާލިދާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓް އަދި ލިބިފައި ނުވާ ކަމަށެވެ. އަދި ގެއްލުން ލިބުނު ހުރިހާ ގެއެއްގެ މައުލޫމާތު އެއް ކުރުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެފަހުން، ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ، ފުރާޅު އެއްލާލި ހަ ގެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.