ސޯޝަލް މީޑިއާ މަނާކުރުމާ ގުޅިގެން ނޭޕާލުގައި ކުރި މުޒާހަރާގައި 14 މީހަކު މަރުވެއްޖެ

ސޯޝަލް މީޑިއާ މަނާކުރުމާ ގުޅިގެން ނޭޕާލްގައި ކުރި މުޒާހަރާގެ ތެރެއިން: އެ މުޒާހަރާގައި 14 މީހަކު މިހާތަނަށް މަރުވެއްޖެ -- ފޮޓޯ/ ރޮއިޓާސް

ނޭޕާލުގައި ފޭސްބުކް، އެކްސް އަދި ޔޫޓިއުބް ހިމެނޭ ގޮތަށް 26 ސޯޝަލް މީޑިއާ ޕްލެޓްފޯމެއް މަނާކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ކުރި މުޒާހަރާގައި 14 މީހުން މަރުވެއްޖެއެވެ.

ވެރިރަށް ކަތުމަންޑޫގައި ހުންނަ މަޖިލިސް އިމާރާތް ވަށާލައި ކުރި މުޒާހަރާ ކޮންޓްރޯލު ކުރުމަށް ފުލުހުން ވަނީ އެ ސަރަހައްދުގައި ފެންސު ޖަހައި ބަންދުކޮށްފައެވެ. މަޖިލިސް އިމާރާތަށް ވަންނަން އުޅުނު ބަޔަކާ ދިމާއަށް ފުލުހުން ވަނީ ބަޑިވެސް ޖަހާފައެވެ. އަދި އެ ސަރަހައްދުތަކުގައި ކާފިއު ވަނީ އިއުލާނުކޮށްފައެވެ.

އެސޯސިއޭޓް ޕްރެސް ނިއުސް (އޭޕީ) ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މުޒާހަރާ ރޫޅާލަން ފުލުހުން ކަރުނަ ގޭސް ބޭނުންކޮށް، ފެން ޖެހި ނަމަވެސް ބައިވެރިން ވަނީ ފިލަން މަޖިލިސް އިމާރާތުގެ އެތެރެއަށް ވަދެފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ސޯޝަލް މީޑިއާ މަނާކުރުން ހުއްޓާލައި، ކޮރަޕްޝަން މަނާކުރަން ގޮވާލައި ނޭޕާލްގެ ގައުމީ ދިދަ އުފުލާފައެވެ.

ފޭސްބުކް އަދި އެކްސް ހިމެނޭ ގޮތަށް ނޭޕާލުގައި ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާކުރަން އެ ގައުމުގެ ސަރުކާރުން ނިންމީ އެ ޕްލެޓްފޯމުތައް ރަޖިސްޓްރީ ކުރުމުގެ ޝަރުތުތަކަށް އަމަލު ނުކުރާތީ ކަމަށް ބުނެއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ނޭޕާލްގެ ގާނޫނު ހަދާ މަޖިލީސް އިމާރާތް ހުންނަ ސަރަހައްދަށް އެއްވެފައި -- ފޮޓޯ/ ރޮއިޓާސް

ނޭޕާލްގެ ކަމާ ގުޅޭ އިދާރާތަކުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ރަޖިސްޓަރީ ކުރުމަށް ހުޅުވައިލާފައި ވަނީ، އެ ފަދަ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމުގެ މަގުސަދުގައެވެ. ނޭޕާލްގެ ސަރުކާރުން ބުނީ، ފޭކު ނަންނަމުގައި ރަޖިސްޓަރީ ކޮށްފައިވާ އެކައުންޓުތައް ބޭނުން ކޮށްގެން ސާބިތުނުހިފޭ ވާހަކަތައް ފަތުރައި، އާންމުންގެ މެދުގައި ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން، ސައިބާ ކްރައިމް ނުވަތަ އިންޓަނެޓުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކުރާ ކުށްތައް އިތުރުވެފައިވާ ކަމަށާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ބޭނުން ކޮށްގެން މުޖުތަމައުގެ އާންމު މަސްލަހަތާއި ހަމަޖެހުން ނަގައިލަމުންދާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

ތިރީސް މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ނޭޕާލްގެ އާބާދީގެ 90 ޕަސަންޓް މީހުން އިންޓަނެޓުގެ ވަސީލަތްތައް ބޭނުން ކުރެއެވެ.

އެ މީހުން ބޭނުން ކުރަމުންދާ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ނޭޕާލްގެ މުއާސަލާތާ ބެހޭ ވުޒާރާގައި ރަޖިސްޓަރީ ކުރުމަށް ދީފައިވާ މުހުލަތު މި މަހުގެ ތިން ވަނަ ދުވަހު ވަނީ ހަމަވެފައެވެ. ރަޖިސްޓަރީ ކުރުމަށް، އެ ޕްލެޓްފޯމުތައް ތަމްސީލު ކުރާނެ ނޭޕާލްގެ ރައްޔިތަކާއި، އެ ފަރާތަކާ ގުޅޭނެ ގޮތެއް ވެސް ހުށަހަޅަން ޖެހެއެވެ.

comment ކޮމެންޓް