ނޭޕާލް ހަމަނުޖެހުންތަކުގައި 19 މީހަކު މަރުވުމުން ހޯމް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ނޭޕާލްގެ ދާޚިލީ ވަޒީރު ރަމޭޝް ލެޚާކް: ނޭޕާލްގައި މިހާރު ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި -- ފޮޓޯ/ ވިއޯން ނިއުސް

ނޭޕާލުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް މަނާކުރުމާ ގުޅިގެން ކުރަމުންދާ މުޒާހަރާތާކުގައި މިހާތަނަށް 19 މީހަކު މަރުވެފައިވާއިރު، އެކަމާ ގުޅިގެން އެ ގައުމުގެ ދާޚިލީ ވަޒީރު ރަމޭޝް ލެޚާކް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ރަމޭޝް ވަނީ އެ މަގާމުގައި ދެމިނުހުންނަވާނެކަން އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީއަށް އަންގާފައެވެ.

އޭނާ އެގޮތަށް އިއުލާނު ކުރެއްވީ މިއަދުގެ ހަވީރުގެ ވަގުތެއްގައި ނޭޕާލްގެ ރައީސް ޝެރް ބަހާދުރު ދޭއުބާގެ ގެކޮޅުގައި ބޭއްވި އޮފިސަރުންނާއި ކުރީގެ އޮފިސަރުންގެ ބައްދަލުވުމެއްގައެވެ.

އޮފިޝަލަކު ވިދާޅުވި ގޮތުގައި އޭނާ ވަނީ އާންމުންގެ ފުރާނައާއި މުދަލަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް ވިދާޅުވެ އެ މަގާމުގައި ދެމިނުހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮރަޕްޝަންގެ މައްސަލައާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް މަނާކުރުމާ ގުޅިގެން އެކަމާ ދެކޮޅަށް އެންމެ ފުރަތަމަ އަޑު އުފުލަންފެށީ އޮންލައިންކޮށެވެ. ނަމަވެސް މައްސަލަ އިތުރަށް ހޫނުވެ، ބޮޑު މުޒާހަރާއަކަށް ބަދަލުވީއެވެ.

އެކަމުގައި އެތައް ހާސް ޒުވާނުންނާއި ދަރިވަރުން ބައިވެރިވުމުގެ ސަބަބުން މި މުޒާހަރާއަށް ވަނީ 'ޖެން-ޒީ ރިވޮލިއުޝަން' ގެ ނަމުން ނަން ދީފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ރައްޔިތުންގެ މަޖިލިސް އިމާރާތް ހުންނަ ސަރަހައްދަށް އެއްވެ، އެ އިމާރާތުގެ ގޭޓުގައި އަލިފާން ރޯކޮށްލާފައެވެ. އެހެންވެ ނޭޕާލް ސަރުކާރުން ވަނީ ބަޑި ޖަހައި މީހުން މެރުމުގެ ހުއްދަ ދީ އަމުރެއްވެސް ނެރެފައެވެ.

މުޒާހަރާގެ ސަބަބުން ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް 19 މީހުން މަރުވެފައިވާއިރު، 347 މީހުން ވަނީ ޒަޚަމްވެފައެވެ.

މުޒާހަރާ ކޮންޓްރޯލު ކުރުމަށް ފުލުހުން ވަނީ މީހުން އެއްވެފައިވާ ސަރަހައްދު ފެންސު ޖަހައި ބަންދުކޮށްފައެވެ. އަދި ކަރުނަ ގޭހާއި ފެން ބޭނުންކޮށްގެން މުޒާހަރާ ރޫޅާލަންވެސް މަސައްކަތްކޮށްފައެވެ. އިންސާނީ ހައްގުތަކާބެހޭ އެކްޓިވިސްޓުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ނޭޕާލުގެ މަޖިލިސް އިމާރާތާ ކައިރީގައި އޮންނަ ވަނުން މަނާ ސަރަހައްދަކަށް އެއްވެ ތިބި މީހުން ކޮއްޕާލުމާއެކު، ބައެއް މީހުން ވަނީ އިމަރާތުގެ ފާރުމަތިން އެތެރެއަށް ފުންމާލާފައެވެ. އެއާއެކު މުޒާހަރާތައް އިތުރަށް ވަރުގަދަވެ އޭގެ މާގިނައިރުތަކެއް ނުވެ ހަމަނުޖެހުންތަކެއް ހިނގައި އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ.

ނޭޕާލްގެ ސިވިލް ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިސަރު ރަންޖަނާ ނޭޕާލް ވިދާޅުވީ އަނިޔާވި ބައެއް މީހުން ތިބީ އެ ހޮސްޕިޓަލުގެ އިމަޖެންސީ ޑިޕާޓްމަންޓަށް ގެންގޮސްފައި ކަމަށެވެ.

ފޭސްބުކް އަދި އެކްސް ހިމެނޭ ގޮތަށް ނޭޕާލުގައި ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާކުރަން އެ ގައުމުގެ ސަރުކާރުން ނިންމީ އެ ޕްލެޓްފޯމުތައް ރަޖިސްޓްރީ ކުރުމުގެ ޝަރުތުތަކަށް އަމަލު ނުކުރާތީ ކަމަށް ބުނެއެވެ.

comment ކޮމެންޓް