މުޒާހަރާތައް ހޫނުވެ، ނޭޕާލުން ސޯޝަލް މީޑިއާ ބޭން އަނބުރާ ގެންގޮސްފި

ނޭޕާލްގައި ސޯޝަލް މީޑިއާ މަނާކުރާ ބިލާ ދެކޮޅަށް މުޒާހަރާ ކުރަނީ. އެ ބިލް މިހާރު ވަނީ ސަރުކާރުން އަނބުރާ ގެންގޮސްފައި. ފޮޓޯ/ރޮއިޓާސް

މުޒާހަރާތައް ކޮންޓްރޯލުން ނައްޓައި, އެތައް ބަޔަކު މަރުވި ފަހުން, ނޭޕާލުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް މަނާކުރާ ބިލް ސަރުކާރުން އަނބުރާ ގެންގޮސްފިއެވެ.

އެ ބިލް އަނބުރާ ގެންދިޔައީ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް މަނާކުރަން ސަރުކާރުން ނިންމުމާ ގުޅިގެން ކުރަމުންދާ މުޒާހަރަތާއް ހޫނުވެ، 19 މީހަކު މަރުވުމުން ކަމަށް ކެބިނެޓްގެ ތަރުޖަމާނު އަދި މިނިސްޓަރު އޮފް ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ޕްރިތުވީ ސުއްބާ ގުރޫންގް ވިދާޅުވިއެވެ.

"ސޯޝަލް މީޑިއާ މަނާ ކުރި މައްސަލަ އަޅުގަނޑުމެން އަނބުރާ ގެންގޮސްފިން. އެމީހުން މިހާރު މަސައްކަތް ކުރަމުން އެބަދޭ." ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ގުރޫންގް ވިދާޅުވިއެވެ.

މުޒާހަރާތަކާ ގުޅިގެން ނޭޕާލްގެ ދާޚިލީ ވަޒީރު ރަމޭޝް ލެޚާކް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ކޮރަޕްޝަނާއި ސަރުކާރުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާކުރުމާ ދެކޮޅަށް މުޒާހަރާ ކުރުމަށް އިއްޔެ ދުވަހު އެތައް ހާސް ޒުވާނުންނެއް މަގުތަކަށް ނުކުތުމުން ނޭޕާލްގެ ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި 19 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ރައްޔިތުންގެ މަޖިލިސް އިމާރާތް ހުންނަ ސަރަހައްދަށް އެއްވެ، އެ އިމާރާތުގެ ގޭޓުގައި އަލިފާން ރޯކޮށްލާފައެވެ. އެހެންވެ ނޭޕާލް ސަރުކާރުން ވަނީ ބަޑި ޖަހައި މީހުން މެރުމުގެ ހުއްދަ ދީ އަމުރެއްވެސް ނެރެފައެވެ.

މުޒާހަރާ ކޮންޓްރޯލު ކުރުމަށް ފުލުހުން ވަނީ މީހުން އެއްވެފައިވާ ސަރަހައްދު ފެންސު ޖަހައި ބަންދުކޮށްފައެވެ. އަދި ކަރުނަ ގޭހާއި ފެން ބޭނުންކޮށްގެން މުޒާހަރާ ރޫޅާލަންވެސް މަސައްކަތްކޮށްފައެވެ. އިންސާނީ ހައްގުތަކާބެހޭ އެކްޓިވިސްޓުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ފޭސްބުކް، ޔޫޓިއުބް އަދި އެކްސް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މިދިޔަ ހުކުރު ދުވަހުން ފެށިގެން ނޭޕާލުގައި ވަނީ މަނާކޮށްފައެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާކުރަން އެ ގައުމުގެ ސަރުކާރުން ނިންމީ އެ ޕްލެޓްފޯމުތައް ރަޖިސްޓްރީ ކުރުމުގެ ޝަރުތުތަކަށް އަމަލު ނުކުރާތީ ކަމަށް ބުނެއެވެ.

comment ކޮމެންޓް