މާލޭގެ މަގުތަކުން ކުއްޔަށް ދޫކޮށްފައިވާ ޕާކިން ސްލޮޓްތައް ކެންސަލް ކުރުމަށްފަހު، އެ ސްލޮޓްތައް އާންމުންނަށް ހުޅުވާލަން ޓްރާންސްޕޯޓް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އަންގައިފިއެވެ.
'ސަން' އަށް މައުލޫމާތު ދެއްވައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގެ މަގުތަކުން ދޫކޮށްފައި ހުރި ޕާކިން ސްލޮޓްތަކުގެ ތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުތައް ހިމެނޭ ހުރިހާ ސްލޮޓްތަކަކީ އާންމުންގެ ތަންތަން ކަމުގައި ކަނޑައެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީން އެ ކައުންސިލަށް އެކަން އަންގާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވި ގޮތުގައި މިމަހުގެ ފަހު ހަފުތާއިން ފެށިގެން އެ ހުރިހާ ޕާކިން ސްލޮޓްތަކަކީ އާންމުންގެ ތަންތަން ކަމުގައި ކަނޑައަޅުއްވާނެއެވެ. އަދި ސަރުކާރުން އެފަދައިން ނިންމީ، އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މާލޭގެ މަގުތަކުން އެފަދައިން ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އޭރު މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނަވަނިކޮށެވެ.
ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކޮށްފައި ވަނީ ޕްރައިވެޓް ކާރުތަކަށް 1،500 ރުފިޔާއަށް އަދި ޓެކްސީތަކަށް 700 ރުފިޔާއަށެވެ.
މާލެ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ޕާކިންގެ މައްސަލައެވެ. އާންމުންގެ ޝަކުވާއަކީ މާލޭގައި ޕާކުކުރާނެ ތަންކޮޅެއް ނެތި ވެހިކަލްތައް ގިނަވެ، ތޮށްޖެހުމެވެ. މިއަދާ ހަމައަށް ވެސް އެ މައްސަލައަށް ހައްލެއް ނުލިބެއެވެ.
މި ސަރުކާރު އައިއިރު ރައީސް މުއިއްޒު ވަނީ ޕާކުކުރާނެ ތަނެއް ނުދައްކާ ވެހިކަލްތަކުގައި ސްޓިކާ ނުޖަހާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
މާލޭގައި ޕާކިން މައްސަލަ އިންތިހާށް ބޮޑުވެފައިވަނީ ކެރީން ކެޕޭސިޓީއަށްވުރެ އިތުރަށް އުޅަނދު މާލޭ ތެރޭގައި ބޭނުންކުރާތީއެވެ.
މީގެ ކުރިން މާލޭގެ ބައެއް ސަރަހައްދުތަކުގައި މެކޭނިކަލް ޕާކިންތަކެއް ހުރި ނަމަވެސް އެ ބޭނުންކުރެވިފައެއް ނުވެއެވެ. އަދި މާ ބޮޑު ހައްލެއް ވެސް ލިބިފައެއް ނުވެއެވެ.
މާލޭގައި، ސިޓީ ކައުންސިލުން މިހާރު ޕާކިން ޖާގަ ހަދަނީ ގަބުރުސްތާނުތައް ހުސްކޮށްގެނެވެ. އެގޮތުން އެންމެ ފަހުން ވަނީ މާފަންނު ސަހަރާ ހުސްކޮށް އެ ތަނުގައި ޕާކިން ޖާގައާއި ހިތްފަސޭހަ މައިޒާނެއް ހަދަން މަސައްކަތް ފަށައިފައެވެ. މީގެ އިތުރުން މޯޗަރީ ހުންނަ ގަލޮޅު ސަހަރާގެ ބައެއް ވެސް ސާފުކޮށް ޕާކިން ޖާގަ ހަދައިފައިވެއެވެ.
ނަމަވެސް ގަބުރުސްތާނުތައް ހުސްކުރާތީ އެކަމުގެ ކަންބޮޑުވުން އާންމު ރައްޔިތުން ކުރެއެވެ. އަދި އެ ފަދަ ކަންކަމަށް ސަހަރާތައް ހުސް ނުކުރެވޭނެ ކަމަށް ފަތުވާ މަޖިލީހުން ވެސް ވަނީ ބުނެފައެވެ.