ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ހިސާބުތައް ހުށަހަޅާފައި ހުރީ 'ދޯހަޅިކޮށް' ކަމަށާއި، ދައުލަތުގެ އެފަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް 'ހަދިޔާ'ގެ ގޮތުގައި ލިބިވަޑައިގަންނަވާނީ ރިޝްވަތު ނޫން ދެން ކޮން އެއްޗެއްތޯ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ރޭ ސުވާލުއުފައްދަވައިފިއެވެ.
ޔާމީން އެފަދައިން ވިދާޅުވިއިރު، މިދިޔަ ހަފުތާގެ ބުދަ ދުވަހު ވަނީ މަޖިލިސް މެންބަރުންގެ މާލީ ބަޔާންތައް ހާމަކޮށްފައެވެ.
ޔާމީންގެ އަމިއްލަފުޅު ޕާޓީ ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ، ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހަށް މުސާރައިގެ ގޮތުގައި 990،000 ރުފިޔާއާއި، ވިޔަފާރިތަކުން ނުވަލައްކަ ރުފިޔާ އަދި ގޭގެ ކުލީގެ ގޮތުގައި 3.2 މިލިއަން ރުފިޔާ ލިބުނުއިރު ބީއެމްއެލުން ފަލާހަށް 15.7 މިލިއަން ރުފިޔާގެ ލޯނެއް ދިން ގޮތާ މެދު ސުވާލު އުފައްދަވައިފައެވެ.

ޕީއެންސީގެ ޕީޖީ ލިޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު -- ސަން ފޮޓޯ/ މޫސާ ނަދީމް
އެގޮތުން ފަލާހުގެ އެކައުންޓުތަކުގައި 111،074 ރުފިޔާއާއި 301 ޑޮލަރު އޮތްކަމަށް ފަލާހުގެ މާލީ ބަޔާނުން ދައްކާތީ އެކަމަށް އިޝާރާތްކުރައްވައި ޔާމީން ވަނީ ފަލާހަށް މުއްސަނދިކަން ލިބުނުގޮތާމެދު ވެސް ސުވާލު އުފައްދަވައިފައެވެ. އެކަމަށް ފަލާހު ވެސް އަދި ބީއެމްއެލް ވެސް ޖަވާބުދާރީވާން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މާލީ ބަޔާން ހުށަހަޅާ ހިސާބަށްދާއިރު މެންބަރުން ތިބެނީ ރައްޔިތުންގެ ކުރިމަތީގައި ފަޟީހަތްވެފައި ކަމަށެވެ.
"މި މީހުން އަމިއްލައަށް ތައްޔާރުކުރާ މާލީ ބަޔާން، މި ބަލާ މީހަކު ވެރިފައިކުރާ މީހަކު ނޫޅޭ. އޮޑިޓަރަކު ލައްވާ ސާޓިފައިވާ އެއްޗެއް ނޫން. އެހެންވީމާ އެ މީހުން ފޮނުވާ ބަޔާން މިނިވަންވެ މިތާ މިއޮތީ އިނގޭތޯ. އެކަމަކު މީގަ އަނެއްކާވެސް ނުކުންނަ މައްސަލައަކީ ހިސާބު ދިމާނުވާ މައްސަލަ،" ޔާމީން ވިދާޅުވިއެވެ.
"...ފުރަތަމަ މި މީހުންގެ މިލްކިއްޔާތުގަވާ އެއްޗިއްސެއް ނޫން މި ހުށަހަޅަނީ. އެހެންވީމާ ހަމަ އަޑި ނޭނގޭ އެތައް ބައެއް ވެއްޖެ އިނގޭތޯ،" ޔާމީން ވިދާޅުވިއެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު -- ސަން ފޮޓޯ/ އަމަން ލަތީފް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތަކަށް ފާޑުވިދާޅުވެ ޔާމީން ވަނީ، ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއުއަށް ލޯނު ދޫކުރާ ގޮތާ މެދު ސުވާލު އުފައްދަވައިފައެވެ. އެގޮތުން ލޯނުގެ ގޮތުގައި ޝުޖާއުއަށް ހުޅުމާލެއިން ނެންގެވި 9.49 މިލިއަން ރުފިޔާގެ ބިމަކާއި، ބާރަށުން ތިންލައްކަ ރުފިޔާއަށް ނެންގެވި އަމިއްލަ ބިމަކާއި، ހުޅުމާލެއިން ލޯނުގެ ގޮތުގައި ނެންގެވި 7.2 މިލިއަން ރުފިޔާގެ ފުލެޓަކާއި، ލޯނުގެ ގޮތުގައި ހުޅުމާލެއިން ނެންގެވި 3.5 މިލިއަން ރުފިޔާގެ ރޯހައުސްއަކަށް އިޝާރާތްކުރައްވައި ޔާމީން ވަނީ ފާޑުވިދާޅުވެފައެވެ.
ޔާމީން ވިދާޅުވީ މެންބަރުންގެ މާލީ ބަޔާންތައް ތާކުންތާކުން ނުޖެހޭ ކަމަށެވެ. އަދި މާލީ ބަޔާންތައް އެހާ ދޯހަޅިކޮށް ހުށަހެޅުމަކީ ރިޝްވަތު ނޫން އެއްޗަކަށް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ކަންކަމުގައި ޖަވާބު ނުލިބޭ އެތައް ކަމެއް އޮންނައިރު، ޔާމީން ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ބަލަން ފުލުހުންނަށް ވެސް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ހުރިހާ މުއައްސަސާތަކުގެ އިސްވެރިންގެ ނަޒާހާތްތެރިކަމުގެ މައްސަލަތަކާއި ފަނޑިޔާރުންގެ ނަޒާހާތްތެރިކަމުގެ މައްސަލަތައް ބަލާ ބައެއްކަން ފާހަގަކުރައްވައި، މެންބަރުންނަކީ ނަޒާހާތްތެރިކަމުގެ މިސާލު ދައްކަންޖެހޭ ބައެއް ކަމަށް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑުގެ ސުވާލަކީ މިފަދަ ބޮޑު މަސްއޫލިއްޔަތެއް އުފުލިފައި ތިބޭ ބައެއް، އެ މީހުންގެ މާލީ ބަޔާންތައް މިހާ ދޭސީކޮށް މިހާ ދޯހަޅިކޮށް ހުށަހެޅީމަ، ދިމާނުވާ ކަންތައް [ހުންނާނެ]. ދައުލަތުގެ މަގާމެއްގަ ހުންނަ މީހަކަށް ލިބޭ ހަދިޔާ އެއީ ރިޝްވަތު ނޫން އެއްޗަކަށް ނުވާނެ،" ޔާމީން ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް -- ފޮޓޯ/ މަޖިލިސް
ޔާމީން އެފަދައިން ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެން ފަހުން ފާއިތުވި އެއް އަހަރު ދުވަސް ތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ހެޔޮ އެދޭ ފަރާތްތަކުން 'ހަދިޔާ'ގެ ގޮތުގައި މިލިއަނެއްހާ ރުފިޔާ ދިންކަން އެމަނިކުފާނުގެ މާލީ ބަޔާނުން ވަނީ ހާމަވެފައެވެ.
އަބްދުއްރަހީމްގެ މާލީ ބަޔާނުން އެނގޭ ގޮތުގައި އެ މަނިކުފާނަށް ހެޔޮ އެދޭ ފަރާތްތަކުން އެކިއެކި ކަންކަމަށް 958،982.48 ރުފިޔާ ވަނީ ދީފައެވެ. އެއީ، 12 މަސް ދުވަހަށް ބަހާލުމުން މަހެއްގެ މައްޗަށް 79،900 ރުފިޔާއަށް ވުރެ ބޮޑު އަދަދެކެވެ.
ފާހަގަކުރެވޭ ގޮތުގައި މަޖިލީހުގެ ބަޔާން ވަގުތަށް ހުށަނާޅާ ފަސް މެންބަރަކު ތިއްބެވެ. އެއީ:
- މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު
- މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
- މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް
- ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް
- ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު
ނަމަވެސް މިހާރު އެ މެންބަރުން ވެސް މާލީ ބަޔާން ހުށަހެޅުއްވާފައިވާކަން މަޖިލިސް ވެބްސައިޓުން އެނގެއެވެ.
އޭގެ ތެރެއިން ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއިލް ނިޒާރު ވަނީ އެ މެންބަރުން އޭރު މާލީ ބަޔާން ހުށަނޭޅުއްވި ވާހަކަ މީޑިއާތަކުގައި ރިޕޯޓުކުރުމުން އެކަމާ ހިތްހަޖެހިވަޑައިނުގެން މީޑިއާ ކޮންޓްރޯލް ބިލު ވީހާވެސް އަވަހަށް ފާސްކުރަން ގޮވާލައްވައިފައެވެ. ޚާއްސަކޮށް މަޖިލީހުން އެފަދަ އެއްވެސް ފިޔަވަޅެއް ނުވަތަ ބަޔާނެއްވެސް ނެރެފައި ނުވަނީސް ބައެއް މީޑިއާތަކުން ލިސްޓު ހަދައި އާންމުކޮށް، ރައްޔިތުންނަށް ކަންކަން އޮޅޭގޮތަށް ޚަބަރު ޝާއިއުކުރުން އޭނާ ވަނީ ކުށްވެރިކުރައްވައިފައެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މެންބަރުން ހުވައިކުރާތާ އެއް އަހަރު ދުވަސް ފުރިހަމަވުމުން މާލީ ބަޔާން ހާމަކުރަންޖެހޭނެއެވެ. އެހެންވެ، މި ހިނގާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅުއްވަންޖެހޭނީ މޭ މަހުގެ 28ވަނަ ދުވަހަށް އެއް އަހަރު ފުރުމުން، މިދިޔަ މަހުގެ 31ވަނަ ދުވަހުގެ ކުރިންނެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތަށް މާލީ ބަޔާން ހުށަނާޅުއްވާ މެންބަރުންނަށް ފިޔަވަޅު އަޅާނެކަމަށް މަޖިލީހުގެ އިދާރާއިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބުނެފައެވެ.