ނޭޕާލްގެ 'ޖެން ޒީ މުޒާހަރާ' ނުހުއްޓުވުނު، ރައީސާއި ބޮޑުވަޒީރުގެ ގެކޮޅުގައި ރޯކޮށްފި

ނޭޕާލްގެ ކޮންގްރެސްގެ ބޭރަށް އެއްވެ، ތަކެތީގައި ރޯކުރުން -- ފޮޓޯ/ ރޮއިޓާސް

ނޭޕާލުގެ ޒުވާނުން ކުރަމުންދާ މުޒާހަރާތައް އިތުރަށް ހޫނުވެ، ގައުމުގެ ރައީސާއި ބޮޑުވަޒީރުގެ އަމިއްލަ ގެކޮޅުގައި މިއަދު ރޯކޮށްލައިފިއެވެ.

ނޭޕާލުގައި މުޒާހަރާތައް ފެށީ، އެ ގައުމުގައި ސައްހަ ނޫން މައުލޫމާތާއި ނަފުރަތު ފެތުރުވުން ހުއްޓުވުމަށް ކަމަށް ބުނެ، 26 ސޯޝަލް މީޑިއާ ޕްލެޓްފޯމް މަނާކުރުމާ ގުޅިގެންނެވެ. އެގޮތުން ސަރުކާރުން މަނާކުރަން ނިންމި ޕްލެޓްފޯމްތަކުގެ ތެރޭގައި ޒުވާނުން އެންމެ ގިނައިން ބޭނުންކުރާ އެޕްތަކުގެ ތެރޭގައި ހިމެނޭ އިންސްޓަގްރާމް، ޔޫޓިއުބް، އެކްސް އަދި ފޭސްބުކް ހިމެނެއެވެ.

މުޒާހަރާތައް ފެށީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާ ކުރުމާ ދެކޮޅަށް ނަމަވެސް، މިހާރު ޒުވާނުންގެ ގޮވާލުންތައް ވަނީ އިތުރުވެފައެވެ. އެގޮތުން، ފާއިތުވި އަހަރުތަކުގައި ސަރުކާރުތަކުން ހިންގައިފައިވާ ކޮރަޕްޝަނާ މެދު ނުރުހޭ ކަމަށް ބުނެ، މިހާރު އޮތް ސަރުކާރުގެ އިސްތިއުފާއަށް ވެސް ދަނީ ގޮވާލަމުންނެވެ.

މީގެ އިތުރުން، ސްރީލަންކާއާއި ބަންގްލަދޭޝްގައި 2022އާއި މިދިޔަ އަހަރު ކުރިއަށްގެންދިޔަ މުޒާހަރާތަކަކީ ވެސް އެ ޒުވާނުންގެ މިސާލެއްގެ ގޮތުގައި ބަލާ ކަމެއް ކަމަށް، މުޒާހަރާގެ ބައިވެރިއަކު އަލްޖަޒީރާއަށް މައުލޫމާތު ދީފައިވެއެވެ.

ނޭޕާލްގައި އިއްޔެ ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި 19 މީހަކު މަރުވެފައިވެއެވެ. އެ މުޒާހަރާތަކާ ގުޅިގެން ސަރުކާރުން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާ ކުރަން ނިންމި ނިންމުން ބަދަލުކޮށްފައެވެ. އަދި ހޯމް މިނިސްޓަރު ރަމޭޝް ލެކާކް ވަނީ އިއްޔެ އިސްތިއުފާ ދެއްވައިފައެވެ.

ނޭޕާލްގެ މުޒާހަރާތަކުގައި ފުލުހުންނާ ކުރިމަތިލުން -- ފޮޓޯ/ ރޮއިޓާސް

އެ މައްސަލައިގައި ކާފިއު އިއުލާންކޮށްފައި އޮތް ނަމަވެސް މިއަދުވެސް ކަތަމަންޑޫގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީއާއި ރައީސް ރާމް ޗަންދުރާ ޕުޑެލްގެ އަމިއްލަ ގެކޮޅުގައި ރޯކޮށްފައެވެ. އޭގެ ތެރެއިން ރައީސްގެ ގެކޮޅަށް މުޒާހަރާގެ ބައިވެރިން ވަދެ، ތަކެއްޗަށް ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ.

މީގެ އިތުރުން ވެސް ނޭޕާލުގެ ކުރީގެ ދެ ބޮޑުވަޒީރަކާއި މިނިސްޓަރެއްގެ ގެތަކަށް ވެސް ގެއްލުންދީ، ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި ވެސް ތަކެތީގައި ރޯކޮށްފައިވެއެވެ.

އެ ހާދިސާތަކުގައި، އޭގެ ތެރެއިން އެއްވެސް ބޭފުޅަކަށް އަނިޔާވި ކަމަށް މިހާތަނަށް ރިޕޯޓުކޮށްފައިނުވެއެވެ.

ބަންގްލަދޭޝްއާއި ސްރީލަންކާގައި ބޭއްވި މުޒާހަރާތަކުގައި އެ ގައުމުތަކުގައި އޭރު އޮތް ސަރުކާރުތައް ވަނީ ވައްޓާލައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް