ނޭޕާލްގައި ޒުވާނުން ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެން ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ނޭޕާލްގެ ނޫހެއް ކަމަށްވާ ކަތަމަންޑޫ ޕޯސްޓުގައި ވަނީ ބޮޑުވަޒީރު އިސްތިއުފާ ދެއްވިކަން، ބޮޑުވަޒީރުގެ އޮފީހުން އިއުލާންކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.
އަލްޖަޒީރާގައިވާ ގޮތުން ބޮޑުވަޒީރުގެ އިސްތިއުފާގެ ސިޓީގައިވަނީ، މިއަދުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވަނީ ކަމަށެވެ. އަދި، ނޭޕާލަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ފިޔަވަޅުތައް އެޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ސިޓީގައިވެއެވެ.
ނޭޕާލުގައި މުޒާހަރާތައް ފެށީ، އެ ގައުމުގައި ސައްހަ ނޫން މައުލޫމާތާއި ނަފުރަތު ފެތުރުވުން ހުއްޓުވުމަށް ކަމަށް ބުނެ، 26 ސޯޝަލް މީޑިއާ ޕްލެޓްފޯމް މަނާކުރުމާ ގުޅިގެންނެވެ. އެގޮތުން ސަރުކާރުން މަނާކުރަން ނިންމި ޕްލެޓްފޯމްތަކުގެ ތެރޭގައި ޒުވާނުން އެންމެ ގިނައިން ބޭނުންކުރާ އެޕްތަކުގެ ތެރޭގައި ހިމެނޭ އިންސްޓަގްރާމް، ޔޫޓިއުބް، އެކްސް އަދި ފޭސްބުކް ހިމެނެއެވެ.

ނޭޕާލްގައި ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން -- ފޮޓޯ/ އޭއެފްޕީ
މުޒާހަރާތައް ފެށީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާ ކުރުމާ ދެކޮޅަށް ނަމަވެސް، މިހާރު ޒުވާނުންގެ ގޮވާލުންތައް ވަނީ އިތުރުވެފައެވެ. އެގޮތުން، ފާއިތުވި އަހަރުތަކުގައި ސަރުކާރުތަކުން ހިންގައިފައިވާ ކޮރަޕްޝަނާ މެދު ނުރުހޭ ކަމަށް ބުނެ، މިހާރު އޮތް ސަރުކާރުގެ އިސްތިއުފާއަށް ވެސް ދަނީ ގޮވާލަމުންނެވެ.
މީގެ އިތުރުން، ސްރީލަންކާއާއި ބަންގްލަދޭޝްގައި 2022އާއި މިދިޔަ އަހަރު ކުރިއަށްގެންދިޔަ މުޒާހަރާތަކަކީ ވެސް އެ ޒުވާނުންގެ މިސާލެއްގެ ގޮތުގައި ބަލާ ކަމެއް ކަމަށް، މުޒާހަރާގެ ބައިވެރިއަކު އަލްޖަޒީރާއަށް މައުލޫމާތު ދީފައިވެއެވެ.
ނޭޕާލްގައި އިއްޔެ ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި 19 މީހަކު މަރުވެފައިވެއެވެ. އެ މުޒާހަރާތަކާ ގުޅިގެން ސަރުކާރުން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާ ކުރަން ނިންމި ނިންމުން ބަދަލުކޮށްފައެވެ. އަދި ހޯމް މިނިސްޓަރު ރަމޭޝް ލެކާކް ވަނީ އިއްޔެ އިސްތިއުފާ ދެއްވައިފައެވެ.
އެ މައްސަލައިގައި ކާފިއު އިއުލާންކޮށްފައި އޮތް ނަމަވެސް މިއަދުވެސް ކަތަމަންޑޫގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީއާއި ރައީސް ރާމް ޗަންދުރާ ޕުޑެލްގެ އަމިއްލަ ގެކޮޅުގައި ރޯކޮށްފައެވެ. އޭގެ ތެރެއިން ރައީސްގެ ގެކޮޅަށް މުޒާހަރާގެ ބައިވެރިން ވަދެ، ތަކެއްޗަށް ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ.
މީގެ އިތުރުން ވެސް ނޭޕާލުގެ ކުރީގެ ދެ ބޮޑުވަޒީރަކާއި މިނިސްޓަރެއްގެ ގެތަކަށް ވެސް ގެއްލުންދީ، ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި ވެސް ތަކެތީގައި ރޯކޮށްފައިވެއެވެ.
އެ ހާދިސާތަކުގައި، އޭގެ ތެރެއިން އެއްވެސް ބޭފުޅަކަށް އަނިޔާވި ކަމަށް މިހާތަނަށް ރިޕޯޓުކޮށްފައިނުވެއެވެ.
ބަންގްލަދޭޝްއާއި ސްރީލަންކާގައި ބޭއްވި މުޒާހަރާތަކުގައި ވެސް އެ ގައުމުތަކުގައި އޭރު އޮތް ސަރުކާރުތައް ވަނީ ވައްޓާލައިފައެވެ.