ނެޕާލުގެ ގައުމީ އެއާޕޯޓު ކައިރީ ރޯކޮށްލުމުން ދުންގަނޑު ބޯވެ، އެއާޕޯޓު ބަންދުކޮށްފި

ޓްރިބުވަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކުކޮށްފައި ހުރި ޑޮމެސްޓިކް އެއާލައިންތަކުގެ އޭރިއަލް ވިއުއެއް: އެ އެާޕޯޓު ވަނީ ބަންދުކޮށްފައި -- ފޮޓޯ/ އާރްއެސްއެސް

ނޭޕާލުގެ މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ދައުލަތުގެ އިދާރާތަކުގައި ރޯކުރަމުން އަންނައިރު، ދުންގަނޑު ބޯވެ، ވިޒިބްލިޓީ ދަށްވުމުގެ ސަބަބުން ބޯޓުތަކަށް ދަތުރުނުކުރެވި އެ ގައުމުގެ ގައުމީ ވައިގެ ބަނދަރު، ކަތުމަންޑޫގެ ޓްރިބޫވާން އިންޓަނޭޝަނަލް އެއާޕޯޓް (ޓީއައިއޭ) ބަންދުކޮށްފިއެވެ.

ފްލައިޓް އޮޕަރޭޝަންތައް މެދުކަނޑާލުމުން އެތައް ހާސް ބަޔަކު މިހާރުވެސް ތިބީ އެއާޕޯޓުގައި ތާށިވެފައެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮފް ނޭޕާލް (ސީއޭއޭއެން)ގެ އިސް އޮފިޝަލަކު ބުނީ އެއާޕޯޓު ބަންދު ކުރުމަކީ ނޭޕާލަށް ދަތުރުކުރާ ފްލައިޓްތަކުގެ ރައްކާތެރިކަމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.

"މިއަދަށް ޝެޑިއުލްކޮށްފައި ހުރި ހުރިހާ ފްލައިޓެއް ކެންސަލް ކުރިއިރު، އިތުރު ނޯޓިސްއެއް އަންނަންދެން އެއާޕޯޓު ވަނީ ބަންދުކޮށްފައި،" އޮފިޝަލް ވިދާޅުވިއެވެ.

ބޭރުގެ ރިޕޯޓުތައް ބުނާ ގޮތުގައި މުޒާހަރާގެ ބައިވެރިން ވަނީ މުހިއްމު އުމްރާނީ ވަސީލަތްތަކަކަށް އަމާޒުކޮށް، ތަންތަނުގައި އަލިފާން ރޯކޮށްފައެވެ. އޭގެ ތެރޭގައި ދައުލަތުގެ އިދާރާތައް ވެސް ހިމެނެއެވެ. ހަމައެއާއެކު އެއާޕޯޓުގެ ކައިރީގައިވެސް އަލިފާން ރޯކޮށްލާފައިވެއެވެ. ނަމަވެސް، ފަޔާ ފައިޓަރުންގެ މަސައްކަތުން އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައެވެ. އެ ސަރަހައްދުގައި ދުންގަނޑު ބޯވެ، ހާސްކަމާއި ނުތަނަވަސްކަން ވެރިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެއާޕޯޓުގައި ތާށިވެފައި ތިބި ފަސިންޖަރުންވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ނޭޕާލްގެ ކޮންގްރެސް އޮފީހުގައި ރޯކޮށްލާފައި -- ފޮޓޯ/ އޭއެފްޕީ

ނޭޕާލުގެ ހަމައެކަނި ބައިނަލްއަގްވާމީ އެއާޕޯޓު ކަމަށްވާ ޓީއައިއޭއަކީ އަހަރަކު އަށް މިލިއަނަށް ވުރެ ގިނަ ފަސިންޖަރުން ޒިޔާރަތްކުރާ ހަލަބޮލި އެއާޕޯޓެކެވެ. ޓީއައިއޭ މީގެކުރިންވެސް ވަނީ އެކި ކަންކަމުގައި ބަންދުކޮށްފައެވެ. ނަމަވެސް ދުވާލު ވަގުތު އެއްކޮށް ބަންދު ކުރުމަކީ މަދުން ނޫނީ ނުފެންނަ މަންޒަރެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވީއައިޕީ އެރައިވަލްތައް މެނޭޖްކުރުމަށް ހައި އެލާޓްގައި ތިބުމަށް ސަރުކާރުން ވަނީ ޓީއައިއޭގެ މުވައްޒަފުންނަށް އަންގާފައެވެ.

އިންޑިއާ، ޗައިނާ އަދި ޔޫރަޕުން ދަތުރުކުރާ އެއާލައިންތަކުގެ ރޫޓުތައް ކެންސަލްކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް މިލިއަނުން ގެއްލުން ލިބޭނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ނޭޕާލުގައި މީގެކުރިން ހިނގައިދިޔަ ފެންބޮޑުވުމާއި އެހެނިހެން ކާރިސާތަކުންވެސް އަދި ވަނީ އަރައިނުގަނެވިއެވެ.

ނޭޕާލުގައި މުޒާހަރާތައް ފެށީ، އެ ގައުމުގައި ސައްހަ ނޫން މައުލޫމާތާއި ނަފުރަތު ފެތުރުވުން ހުއްޓުވުމަށް ކަމަށް ބުނެ، 26 ސޯޝަލް މީޑިއާ ޕްލެޓްފޯމް މަނާކުރުމާ ގުޅިގެންނެވެ. އެގޮތުން ސަރުކާރުން މަނާކުރަން ނިންމި ޕްލެޓްފޯމްތަކުގެ ތެރޭގައި ޒުވާނުން އެންމެ ގިނައިން ބޭނުންކުރާ އެޕްތަކުގެ ތެރޭގައި ހިމެނޭ އިންސްޓަގްރާމް، ޔޫޓިއުބް، އެކްސް އަދި ފޭސްބުކް ހިމެނެއެވެ.

މުޒާހަރާތައް ފެށީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާ ކުރުމާ ދެކޮޅަށް ނަމަވެސް، މިހާރު ޒުވާނުންގެ ގޮވާލުންތައް ވަނީ އިތުރުވެފައެވެ. އެގޮތުން، ފާއިތުވި އަހަރުތަކުގައި ސަރުކާރުތަކުން ހިންގައިފައިވާ ކޮރަޕްޝަނާ މެދު ނުރުހޭ ކަމަށް ބުނެ، މިހާރު އޮތް ސަރުކާރުގެ އިސްތިއުފާއަށް ވެސް ޒުވާނުން ދިޔައީ ގޮވާލަމުންނެވެ.

އެހެން އެކަން އޮއްވައި އެ ގައުމުގެ ރައީސް ރާމް ޗަންދްރަ ޕުޑެލް އަދި ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ މިއަދު ވަނީ އިސްތިއުފާދެއްވައިފައެވެ.

comment ކޮމެންޓް