ވެނިސް ފިލްމު ފެސްޓިވަލުގެ ކެޓަގަރީއަކުން ފުރަތަމަ ފަހަރަށް އިންޑިއާގެ ޑައިރެކްޓަރަކު އެވޯޑެއް ކާމިޔާބުކޮށްފި

މިދިޔަ އޮގަސްޓް މަހުގެ 27 އިން ފެށިގެން މި މަހުގެ ހަވަނަ ދުވަހާ ހަމައަށް އިޓަލީގެ ވެނިސް ލިޑޯގައި ކުރިއަށްދިޔަ ވެނިސް ފިލްމު ފެސްޓިވަލުގެ ކެޓަގަރީއަކުން ފުރަތަމަ ފަހަރަށް އިންޑިއާގެ ޑައިރެކްޓަރަކު އެވޯޑެއް ކާމިޔާބުކޮށްފިއެވެ.

އިންޑިއާގެ ފިލްމުތައް އުފައްދާ އަނޫޕަރުނާ ރޯއިއަށް އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު މި ފެސްޓިވަލުގައި ލިބުނީ އެ ފެސްޓިވަލުގެ ޚާއްސަ 'އޮރިޒޮންޓީ ކޮމްޕެޓިޝަން'އިންނެވެ.

މި މުބާރާތަކީ ވެނިސް ފިލްމު ފެސްޓިވަލްއާ ގުޅުވައިގެން ކޮންމެ އަހަރެއްގެ ފެސްޓިވަލުގައި ވެސް އެވޯޑު ދެވޭ މުބާރާތަކެވެ. މި މުބާރާތުގައި ކުރިއަރަމުން އަންނަ މިނިވަންކަމާ އެކު ފިލްމު އުފައްދާ ފަންނާނުންގެ މަސައްކަތްތަކުގެ އަގުވަޒަންކުރުން ވެސް ހިމެނެއެވެ. އަނޫޕަރުނާ ރޯއިއަށް އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ލިބުނީ އޭނާ އުފެއްދި ފިލްމު "ސޯންގްސް އޮފް ފޮގޮޓެން ޓްރީސް"އިންނެވެ.

އަނޫޕަރުނާ ރޯއި ވެނިސް ފިލްމު ފެސްޓިވަލްގައި އެވޯޑާ ހަވާލު ވަނީ--ފޮޓޯ/އެންޑީޓީވީ

ނާޒް ޝައިހް އަދި ސުމީ ބަގެލް ލީޑް ރޯލް ކުޅެފައިވާ މި ފިލްމަކީ، އޮރިޒޮންޓީ ސެކްޝަނަށް މި އަހަރު ހޮވުނު ހަމައެކަނި އިންޑިއާ ފިލްމެވެ. މި ފިލްމުގައި ދައްކުވައިދެނީ މުމްބާއީގައި އެކަނިމާއެކަނި ދިރިއުޅުން ބިނާކުރުމަށް ދެ އަންހެނަކު ކުރަމުން އަންނަ މަސައްކަތާ އެކު ދެ މީހުންނަށް އެކަމުގައި ދިމާވާ ގޮންޖެހުންތަކެވެ.

މި އެވޯޑާ ހަވާލުވަމުން އަނޫޕަރުނާ ބުނީ، އެ ފިލްމަކީ އެފަދަ ހިތްވަރުގަދަ އަންހެނުންނަށް ދިން ޓްރިބިއުޓެއް ކަމަށެވެ. ހަމައެއާއެކު އެ ފިލްމުގެ އެހީގައި އެފަދަ އަންހެނުންގެ އަޑުތައް އިއްވައިދީ އެފަދަ ވާހަކަތައް ބެލުންތެރިންނަށް ގެނެސްދިނުމުގެ ހިތްވަރު ކޮންމެ ފިލްމު އުފެއްދުންތެރިއަކަށް ލިބުމަކީ އޭނާގެ އުންމީދެއް ކަމަށް ވަނީ ބުނެފައެވެ.

މި ފެސްޓިވަލު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޑައިރެކްޓަރު އަނޫޕަރުނާ ރޯއި ވަނީ އިޒްރޭލުން ފަލަސްޠީނުގެ ކުޑަކުދިންނަށްދޭ ހަމަލާތަކާ ދެކޮޅަށް ވެސް އަޑު އުފުލާފައެވެ.

އަނޫޕަރުނާ ބުނިގޮތުގައި ކޮންމެ ކުއްޖަކީ ވެސް ސުލްހައާއި މިނިވަންކަން އަދި އަމާންކަން ހައްގު ކުއްޖެކެވެ. އަދި، ފަލަސްތީނުގެ ކުޑަކުދިން އެކަމުން އެއްކިބާކޮށްނުލެވޭނެ ކަމަށާއި އިޒްރޭލުން ފަލަސްޠީނުގެ ކުޑަކުދިން މަރަމުންދާ މަންޒަރަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަނޫޕަރުނާ ވަނީ ބުނެފައެވެ.

އިޒްރޭލާ ދެކޮޅަށް އޭނާ ވާހަކަދެއްކުމުން އެކަމަށް ތައުރީފުކޮށް އެއްވެސް މީހެއްގެ އަތްތިލަބަޑިއެއް ބޭނުން ނޫން ކަމަށާއި އޭގެ ބަދަލުގައި ކޮންމެ މީހެއްގެ ޒިންމާއަކަށް ވެސް ވާންޖެހެނީ ފަލަސްޠީނާ އެއްކޮޅަށް ތެދުވެ އަޑު އުފުލުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

މޮޅިވެރިކަމާ އެކު ވާހަކަދައްކަމުން އަނޫޕަރުނާ ބުނީ، ބައިނަލްއަގުވާމީ ސްޓޭޖެއްގައި އޭނާ ފަލަސްޠީނާ އެއްކޮޅަށް ވާހަކަދެއްކުމުން އަމިއްލަ ވަޠަންގެ ވަރަށް ގިނަ ބަޔަކު އެކަމާ މާޔޫސް ކުރުވާނެ ކަމަށާއި އެހެންނަމަވެސް އެކަމަށް ފަރުވާލެއް ނެތް ކަމަށް އަނޫޕަރުނާ ވަނީ ބުނެފައެވެ.

comment ކޮމެންޓް