ސައުތު ސިނަމާގެ އެންމެ ވަރުގަދަ ދެ އެކްޓަރުން އެކީގައި ފިލްމަކުން ފެނިދާނެކަމުގެ އިޝާރާތެއް

އިންޑިއާގެ ސުޕަސްޓާ އެކްޓަރުން ކަމަށްވާ ރަޖިނީކާންތު އަދި ކަމަލް ހާސަން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މީގެ 46 އަހަރުކުރިން އެކީގައި ސްކްރީނުން ފެނުނު ސައުތު ސިނަމާގެ އެންމެ ވަރުގަދަ ދެ ސުޕަ ސްޓާރުން ކަމަށްވާ ރަޖިނީކާންތު އާއި ކަމަލް ހާސަން އެކީގައި ފިލްމެއްގައި މަސައްކަތްކުރަން ހަމަޖެހިފައިވާ ކަމަށް ކަމަލް ބުނެފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ދުބާއީގައި ބޭއްވި ސީމާ އެވޯޑް ޝޯގައި މީޑިއާއާ ވާހަކަ ދައްކަމުން އެކްޓަރު ކަމަލް ބުނެފައި ވަނީ، އެ ދެ ތަރިން އެކީގައި ފިލްމަކުން ފެންނަން ބެލުންތެރިން އެދޭކަމަށްވާނަމަ އެކަން ކުރެވިދާނެ ކަމަށެވެ.

ބެލުންތެރިންނަށް އެކަމުން އުފާވެރިކަން ގެނެސްދޭނަމަ ވަރަށް އަވަހަށް ދެ ތަރިން އެކީގައި ފިލްމަކުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ކަމަލް ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކޮން ފިލްމެއް ކަމާއި އެ ޕްރޮޖެކްޓާ ގުޅޭ އެއްވެސް މައުލޫމާތެއް ކަމަލް ހިއްސާކޮށްފައެއް ނުވެއެވެ.

ރަޖިނީކާންތު އަދި ކަމަލް ހާސަން އެންމެފަހުން ބެލުންތެރިންނަށް ފެނުނު ފިލްމުގެ މަންޒަރެއް--ފޮޓޯ/ފިލްމުފެއަ

ސައުތު ސިނަމާގެ އެންމެ ތަޖުރިބާހުރި އެކްޓަރުންގެތެރޭ ހިމެނޭ ކަމަލް ބުނިގޮތުގައި ރަޖިނީކާންތުގެ ފިލްމެއް ޕްރޮޑިއުސް ކުރުމަކީ ވަރަށް ޝައުގުވެރިވާ ކަމެއް ކަމަށެވެ.

ހަމައެގޮތަށް ކަމަލްގެ ފިލްމެއް ޕްރޮޑިއުސްކުރުމުގެ ޝައުގުވެރިކަން ރަޖިނީކާންތު ވެސް މީގެކުރިން ފާޅުކޮށްފައިވާ ކަމަށާއި އެކަން ވެސް ވަރަށް އަވަހަށް ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ކަމަލް ވަނީ ބުނެފައެވެ.

ކަމަލް އާއި ރަޖްނީކާންތު އެކީގައި ކުޅޭ ފިލްމާ ބެހޭ މައުލޫމާތު ހާމަކޮށްފައި ނެތް ނަމަވެސް ބައެއް ރިޕޯޓުތައް ބުނާގޮތުން އެ ފިލްމަކީ ސައުތު ޑައިރެކްޓަރު ލޮކޭޝް ކަނަގަރާޖުގެ ޕްރޮޖެކްޓެކެވެ.

ކަމަލް އާއި ރަޖްނީކާންތު އެންމެފަހުން އެކީގައި ބޮޑު ސްކްރީނުން ފެނިފައި ވަނީ 1979 ވަނަ އަހަރު ގެނެސްދިން އިންޑިއަން ފެންޓަސީ ފިލްމަކުންނެވެ.

އެ ފިލްމަށްފަހު ދެ ތަރިން އެކީގައި މިހާތަނަށް ފިލްމެއްގައި މަސައްކަތްކޮށްފައި ނުވަނީ ދެ ތަރިންގެ މެދުގައި އޮތް ވާދަވެރިކަން ބޮޑު ކަމުން ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވީ ނަމަވެސް ކަމަލް ވަނީ އެކަން ދޮގުކޮށްފައެވެ.

comment ކޮމެންޓް