ކާޖަލް އެކްސިޑެންޓެއްގައި މަރުވިކަމަށް ބުނެ ފެތުރި ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް ބަތަލާ ބުނެފި

އިންޑިއާގެ ބަތަލާ ކާޖަލް އަގަރުވާލް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މި ހަފްތާ ފެށުނު ތަނާހެން ސައުތު ސިނަމާގެ ބަތަލާ ކާޖަލް އަގަރުވާލް ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މަރުވި ކަމަށް ބުނެ ބަޔަކު މީހުން ފެތުރީ ދޮގު ޚަބަރެއް ކަމަށް ބަތަލާ ބުނެފިއެވެ.

ކާޖަލްގެ ރަސްމީ އިންސްޓަގްރާމް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބަތަލާގެ ސަޕޯޓަރުންނަށް ކަށަވަރުކޮށްދިނީ ހެޔޮ ހާލުގައި ސަލާމަތުން ހުރި ކަމަށެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ކާޖަލް މަރުވި ކަމަށް ބުނެ ބަޔަކު މީހުން ފެތުރި ޚަބަރަކީ ވަރަށް ތާކުންތާކުނުޖެހޭ ޚަބަރެއް ކަމަށާއި އެފަދަ ޚަބަރުތައް ފެތުރުމުގެ ކުރިން ކޮންމެ މީހަކުވެސް ވިސްނާލުން ރަނގަޅު ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ބަތަލާ ކާޖަލް ފިލްމު "ސިކަންދަރު"ގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލާ

އުމުރުން 40 އަހަރުގެ ބަތަލާ ކާރު އެކްސިޑެންޓަކާ ގުޅިގެން މަރުވިކަމަށް ބުނެ ފެތުރި ޚަބަރާ ބެހޭ މައުލޫމާތު އެނގުނީ ވެސް ވަރަށް ފަހުން ކަމަށާއި އެ ޚަބަރު ފެނުމުން ހައިރާންކަމެއް ލިބުނު ކަމަށް ކާޖަލް ވަނީ ބުނެފައެވެ. ހަމައެއާއެކު އިންޓަނެޓުން ފެންނަ އެފަދަ ހަގީގަތެއް ނެތް ވާހަކަތައް ގަބޫލު ނުކުރުމަށް ކާޖަލް ވަނީ ސަޕޯޓަރުންގެ ކިބައިން އެދިފައެވެ.

ސައުތު ސިނަމާގެ އިތުރުން ބޮލީވުޑްގެ ފިލްމުތަކުން ވެސް ފެނިފައިވާ ބަތަލާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރު ރިލީޒްކުރި ސަލްމާން ޚާންގެ ފިލްމު "ސިކަންދަރު"ގެ ރޯލަކުންނެވެ.

ކާޖަލް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ކަމަލް ހާސަން ލީޑް ރޯލް ކުޅޭ ފިލްމު "އިންޑިއަން 3"އިންނެވެ. ފިލްމީ ރިޕޯޓުތައް ބުނާގޮތުން ކާޖަލް އަކީ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ ފިލްމު "ރާމަޔާނާ"ގެ ވެސް މުހިއްމު ރޯލެއް ކުޅޭ ބަތަލާއެކެވެ.

comment ކޮމެންޓް