ގިނަ ދިވެހީން އޮންލައިންކޮށް ވިޔަފާރިކުރާ އީކޮމާސް ޕްލެޓްފޯމެއް ކަމަށްވާ އަލީބާބާއާއެކު މި މަހު ބާއްވާ ޚާއްސަ ވޯކްޝޮޕުގައި ރާއްޖޭގެ ވިޔަފާރިވެރިންގެ މުދާ އަލީބާބާގައި ވިއްކޭނެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީއާއި، ދުނިޔޭގެ ނަން މަޝްހޫރު އީކޮމާސް ޕްލެޓްފޯމްތަކާއެކު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ މީހުންނަށް ޚާއްސަކޮށްގެން މިމަހުގެ 16 ވަނަ ދުވަހު އޮންލައިން ވޯކްޝޮޕެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ވޯކްޝޮޕްގައި މައުލޫމާތު ހިއްސާކުރާނީ އަލީބާބާގެ އެކްސްޕާޓުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީއާއި އަލީބާބާއާއެކު ކުރާ މަސައްކަތުގެ ސަބަބުން ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ މީހުންނަށް އަލީބާބާ.ކޮމް ޕްލެޓްފޯމްގައި އެ މީހުންގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާ އެކައުންޓް ހުޅުވޭނެ ފުރުސަތު ވެސް ފަހިވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއްކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލާ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދިނުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ.
ރާއްޖޭގައި ތަކެތި އުފައްދައިގެން އޮންލައިކޮށް ވިޔަފާރިކުރާ 400އަށް ވުރެ ގިނަ ވިޔަފާރިވެރިން އުޅޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހެދި އިންވެންޓްރީއަކުން ހާމަވެފައިވާ ކަމަށް މިނިސްޓަރު ސައީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އޭގެތެރޭގައި ހަމުގެ ފަރުވާކުރާ ޕްރޮޑަކްޓުތައް އުފައްދާ ފަރާތްތަކާއި އޮސްޓްރޭލިއާގެ ލެބަކުން ރިސާޗްކޮށްގެން ރާއްޖޭގެ މޫސުމަށް ސަންޓޭން ލޯޝަން އުފައްދާ ފަރާތްތައް ހިމެނޭކަން ސައީދު ފާހަގަކުރައްވާފައިވެއެވެ.
އަލީބާބާގެ އިތުރުން ވެސް ޓެމޫ، ޝެއިން ފަދަ އީކޮމާސް ޕްލެޓްފޯމްތަކުން އާއްމުގޮތެއްގައި ދިވެހީން އޮންލައިން ވިޔަފާރިކޮށް އުޅެއެވެ.