އަގު އުފުލިފައިވަނިކޮށް އެސްޓީއޯއިން އޮރެންޖު ކިލޯއެއް އެންމެ 35ރ. އަށް

ބާޒާރުމަތީގައި އޮރެންޖުތަކެއް ވިއްކަން ބަހައްޓާފައި: އަގު އުފުލިފައިވަނިކޮށް އެސްޓީއޯއިން އޮރެންޖު ކިލޯއެއް އެންމެ 35ރ. އަށް ވިއްކަން ފަށައިފި -- ސަން ފޮޓޯ

ބާޒާރުގައި ތަކްތީގެ އަގުތައް ވަރަށް ބޮޑަށް އުފުލިފައިވާ މި ދަނޑިވަޅުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އޮރެންޖު ކިލޯއެއް ހެޔޮ އަގުގައި 35 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ.

އާއްމުގޮތެއްގައި ދިވެހީން ބޭނުންކުރާ އާފަލާއި އޮރެންޖުގެ އަގު މިފަހުން ބާޒާރުމަތީގައި ހުރީ 10 ރުފިޔާއަށް ވުރެ މަތީގައެވެ.

މާލޭގައި ޒަރޫރީ ތަކެތީގެ އަގުތަކަށް މިދިޔަ މަހު އައި ބަދަލުތަކާ ގުޅޭ ގޮތުން ސްޓެޓިސްޓިކްސް ބިއުރޯއިން އެކުލަވައިލައިފައިވާ އެސެންޝަލް ކޮމޯޑިޓީސް ޕްރައިޒް އިންޑެކްސް އިއްޔެ އާންމުކޮށްފައިވާއިރު، އެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހު ޒަރޫރީ ތަކެތީގެ އަގުތައް ވަނީ އުފުލިފައެވެ.

އެ ތަފާސްހިސާބުގައިވާ ގޮތުން އެންމެ ބޮޑަށް އުފުލިފައިވަނީ މޭވާގެ އަގެވެ. އެގޮތުން މަހުން މަހަށް 6.13 ޕަސެންޓުގެ އިތުރުވުމެއް އައިއިރު، މިދިޔަ އަހަރާ އަޅައިބަލާއިރު 10.2 ޕަސެންޓުގެ އިތުރުވުމެއް ދައްކައެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ކާބޯތަކެތީގެ އަގު، ޚާއްސަކޮށް މޭވާއާއި ތަރުކާރީގެ އަގު އަތްނުފޯރާ ފަށަށް އަރަމުންދާ ކަމުގެ ކަންބޮޑުވުން އޮތީ އިތުރުވެފައެވެ.

ޚާއްސަކޮށް ދިވެހީން އެންމެ ގިނައިން ކާން ބޭނުންކުރާ އާފަލާއި އޮރެންޖުގެ އަގު އުފުލި، ކެފޭ ރެސްޓޯރެންޓުތަކުން ވެސް އަގުތައް ބޮޑުވަމުން އަންނަކަން ތަފާސްހިސާބުން ދައްކައެވެ.

comment ކޮމެންޓް