ބީއެމްއެލާއި މޯޕާ ގުޅިގެން ޕްލާސްޓިކް ރިސައިކަލް ކުރަނީ

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އާއެކުއު ސްޓްރެޓީޖިކް އެއްބަސްވުމެއްގައި ސޮއިކުރުން --- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ)އާ އެކު ޕްލާސްޓިކް ރިސައިކްލް ސްޓްރެޓީޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބީއެމްއެލުން ބުނީ، މި އެއްބަސްވުމުގެ މަގުސަދަކީ ރާއްޖޭގައި ރިސައިކަލް ކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތިމާވެއްޓާއި ރައްޓެހިގޮތަށް ޕްލާސްޓިކް މެނޭޖްކުރުމެވެ.

ބޭންކުން ބުނީ، މި އެސްބަސްވުމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ގާއިމުކޮށްފައިވާ މޯޕާގެ މެޓީރިއަލް ރިކަވަރީ ފެސިލިޓީގައި އިތުރު ފެސިލިޓީއެއް ގާއިމުކުރާނެ ކަމަށެވެ. މި ތަނުގައި ޕެޓް ޕްލާސްޓިކް ގްރައިންޑާތައް ގާއިމުކުރުމަށް ފަހު ޕްލާސްޓިކް ފުޅިތައް ގްރެނިއުލްސްއަށް ބަދަލުކުރާނެ ކަމަށާއި އަދި އިންޑިއާ އަދި މެލޭޝިއާގެ ރީސައިކްލިން ފެސިލިޓީތަކަށް އެކްސްޕޯޓްކުރާނެ ކަމަށް ބޭންކުން ބުންޏެވެ.

ކެޕްމޯޕާގެ މެޓީރިއަލް ރިކަވަރީ ފެސިލިޓީ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުން މޯޕާއާ ގުޅިގެން މަސައްކަތްކުރުމަށް ފުރުސަތު ލިބުނުކަމީ ލިބޭ އުފަލެއް ކަމަށެވެ. އަދި، ރާއްޖޭގެ ޕްލާސްޓިކް ރީސައިކްލިންގެ ގާބިލުކަން އިތުރުކޮށް ސަރަހައްދީ ފެސިލިޓީތަކަށް އެކްސްޕޯޓްކުރުމަށް މަގުފަހިކޮށްދެމުން ކަމަށް ބީއެމްއެލުން ބުންޏެވެ.

"އަޅުގަނޑުމެން މި ދަނީ ރާއްޖޭގެ ދެމެހެއްޓެނިވި މުސްތަގުބަލެއް ގާއިމުކޮށް ތިމާވެއްޓަށް ފައިދާ ހުރި ބަދަލުތަކެއް ގެނެވޭނެކަން ދައްކައިދެމުން،" އޭނާ ވިދާޅުވިއެވެ.

މޯޕާގެ ރައީސް އަޙްމަދު މައުމޫން ވިދާޅުވީ، ބީއެމްއެލާ އެކު ވެވުނު މި އެއްބަސްވުމަކީ އެ ފަރާތުން ގައުމީ ފެންވަރެއްގައި ހިންގާ ރީސައިކްލިން މަސައްކަތްތަކަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި، މި އާ ފެސިލިޓީ ގާއިމުކުރުމުން، ގިނަ އަދަދެއްގެ ޕްލާސްޓިކް ބޭނުންތެރި ރޯމެޓީރިއަލްއަށް ބަދަލުކޮށްލެވޭނެ ކަމަށާއި މި އެހީތެރިކަމުގެ ސަބަބުން ކުނި މެނޭޖްކުރުމަށް މުހިންމު މަސައްކަތްތަކެއް ފަށައި، ދެމެހެއްޓެނެވި ހަރުދަނާ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ތިމާވެށި ރައްކާތެރިކުރުމަށް ބީއެމްއެލްގެ ދުރުރާސްތާ އަމާޒުގެ ދަށުންކުރާ މަސައްކަތެކެވެ. އެގޮތުން، އީއެންވީ ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ބޭންކުން ވަކި އަދަދެއް ކަނޑައަޅައި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މަސައްކަތަށް ހޭދަކުރާނެއެވެ. މި ޕްރޮގްރާމަށް ކަސްޓަމަރުން ވެސް އަދި ވިޔަފާރިތަކުން ވެސް އެއްވެސް އިތުރު ޚަރަދެއް ކުރާކަށް ނުޖެހޭނެއެވެ. އެހެންކަމުން އީއެންވީ ޕޮސް މެޝިންތަކުގައި ކާޑުން ކުރާ ކޮންމެ މުއާމަލާތަކުން ކަސްޓަމަރުންނަށް ސީދާގޮތުން ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ކަނޑުފަރުގެ ދިރުންތައް އަންނައޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދެވޭނެއެވެ.

މި ޕްރޮގްރާމްގެ ދަށުން، ބީއެމްއެލުން ވަނީ ޕާލޭގެ އެއާ ސްޓްރެޓެޖީއަށް އެހީތެރިވެދީ ޕާލޭ މޯލްޑިވްސްއިން ޖަރުމަނުވިލާތަށާއި، ތައިވާނާއި މެލޭޝިއާއަށް ޕްލާސްޓިކް އެކްސްޕޯޓްކުރުމުގެ މަސައްކަތަށް ވެސް ކޮށްފައެވެ.

comment ކޮމެންޓް