މީޑިއާ ކޮންޓްރޯލް ބިލަށް ހުށަހަޅާ އިސްލާހުތައް އާއްމުކުރާނަން: އޭޖީ

ރައީސް މުއިއްޒާއި ބަންޑާރަނައިބު އުޝާމް: މީޑިއާ ކޮންޓްރޯލް ބިލަށް ހުށަހަޅާ އިސްލާހުތައް އާއްމުކުރާނެ ކަމަށް އުޝާމް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

މީޑިއާތައް ކޮންޓްރޯލްކުރުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލަށް ބަންޑާރަނައިބުގެ އޮފީހުން ހުށަހަޅާ އިސްލާހުތައް އާއްމުކުރާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލު ދިރާސާކުރަން މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ވެސް ވަނީ ސިއްރުކޮށްފައެވެ. އެކަމުގެ ސަބަބު ސާފުކޮށްދިނުމަށް އެދި ކޮމިޓީން ނުނިކުތް ނޫސްވެރިންތަކެއް, މަޖިލީހުގެ ސެކިއުރިޓީން ބޭނުންކޮށްގެން މިއަދު ވަނީ ގަދަކަމުން ކޮމިޓީ ބައްދަލުވުން އޮތް ރޫމުން ނެރެފިއެވެ.

އެ ފަހުން ނޫސްވެރިން ވަނީ ރައީސް އޮފީސް ކައިރީ މުޒާހަރާކޮށްފައެވެ.

އެ ތަނުގައި ތިބި ނޫސްވެރިންނާ ބައްދަލުކުރައްވައި އުޝާމް ވިދާޅުވީ، މީޑިއާ ބިލަށް ހުށަހަޅާ އިސްލާހުތައް އާއްމުކުރައްވާނެ ކަމަށެވެ. އިތުރު އެއްވެސް ތަފުސީލެއް ހާމައެއް ނުކުރައްވައެވެ.

މީގެ ކުރިން އެ ބިލާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވަނީ ބިލު އަނބުރާ ގެންދަންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ބަންޑާރަނައިބުގެ އޮފީހަށް 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މީޑިއާ ކައުންސިލުން ފޮނުވާފައި އޮތް ބިލެއްގެ ޑްރާފްޓެއް އެބައޮތް ކަމަށެވެ. އެ ބިލާއި މިހާރު ހުށަހަޅާފައި އޮތް ބިލާ މާ ބޮޑު ތަފާތެއް ނެތް ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް: އޭނާ ވިދާޅުވީ ބިލު ބޭރުކުރަން ނުޖެހޭ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

އެ ދުވަހު ބިލުގެ މައްސަލައިގައި، ހަގީގަތް އޮޅުވައިލައްވަނީކަމަށް ބުނެ އެ ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓްކޮށް، ރައީސް އޮފީހުން ނޫސްވެރިން ވަނީ ނުކުމެފައެވެ.

'ކޮންޓްރޯލް' ބިލާ ގުޅިގެން ރާއްޖޭގެ ނޫސްވެރިންނާއި ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާތަކުގެ އިތުރުން ރާއްޖޭގެ އެޗްއާރުސީއެމްއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތަކާ ހިލާފު މާއްދާތަކެއް މި ބިލުގައި ހިމެނޭ ކަމަށް ބުނެއެވެ. މި ބިލަކީ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ބިލެއް ކަމަށް ފުރަތަމަ ސަރުކާރުން ބުނި ނަމަވެސް ޕީއެންސީގެ މަޖިލިސް މެންބަރުން ވެސް ވަނީ މި ބިލުގެ ދިފާއުގައި ވާހަކަދައްކަވައިފައެވެ.

ސަރުކާރުގެ މެންބަރުންނާއި ސަރުކާރުގެ ވެރިން ބުނަނީ މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބާރު ރައީސަށް ދޭ މި ބިލަކީ ދޮގު ވާހަކަތައް ފެތުރުން ހުއްޓުވަން ކޮންމެހެން މުހިންމު ބިލެއް ކަމަށެވެ. ނަމަވެސް، ނޫސްވެރިންނާއި މިނިވަން މީޑިއާގެ ހައްގުގައި ވަކާލާތު ކުރާ މީހުން ބުނަނީ މިފަދަ ބިލެއް ހުށަހެޅުމުގެ މަގުސަދަކީ ސިޔާސީ މީހުން ކުރާ ވައްކަންތަކާއި ކޮރަޕްޝަންގެ ވާހަކަތައް ލިޔުނަ ނުދިނުން ކަމަށެވެ.

ހައްނާން ހުށަހެޅުއްވި ބިލުގައި އޮތީ ކީކޭ؟

  • މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުން.
  • ކޮމިޝަންގައި ރައީސް އައްޔަންކުރައްވާ ތިން މެންބަރުން ތިއްބަވާނެ.
  • ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުން.
  • ކޮމިޝަންގެ ރައީސް އައްޔަންކުރައްވާނީ ރައީސް.
  • ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފި ނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް.
  • ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ.
  • މައްސަލައެއް ބަލަން ފަށައި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބޭ.
  • ކޯޓު މަރުހަލާ ނުނިމެނީސް، ނޫހުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ.
  • ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓިވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް.
  • ކޮމިޝަން އުފެދުމުގެ އަހަރެއް ކުރިން ހިނގި ކަންކަން ވެސް ކޮމިޝަނަށް ބެލޭނެ.

ރައީސް ވަނީ މީޑިއާ ކޮންޓްރޯލް ކުރަން ޝައުގެއް ނެތް ކަމަށާއި އެ މަނިކުފާނަށް ބާރުތައް ނުލިބޭ ގޮތަށް ބިލު ފާސްކުރަން ޕީއެންސީގެ މެންބަރުންނަށް އަންގަވާފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް