ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، މުހިންމު އެހެން ބާވަތްތައް ވެސް އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް އެތެރެ ކުރަން ކެބިނެޓުން މިއަދު ނިންމަވައިފިއެވެ.
މީގެ ކުރިން އާއްމުކޮށް ހަތަރު ރުފިޔާ އާއި ފަސް ރުފިޔާއާ ދެމެދުގެ އަގަކަށް ލިބޭ އާފަލާއި އޮރެންޖުގެ އަގު މިހާރު ވަނީ 13 ރުފިޔާއަށް ވުރެން ބޮޑުވެފައެވެ. މީގެ އިތުރުން ވެސް ބައެއް ކާބޯތަކެތީގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި ފުޑް ސެކިޔުރިޓީ ގާއިމުކުރުމަށް އެމަނިކުފާން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ބަދަލުތަކެއް ގެނައުމަށް މިއަދު ކެބިނެޓުން ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި, އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.
އެސްޓީއޯއިން މިއަދު ވަނީ އޮރެންޖު ކިލޯއެއް 35 ރުފިޔާއަށް ވިއްކަން ފަށާފައިވާ ކަމަށް ބުނެފައެވެ. އަދި މީގެ ކުރިން ވެސް އާއްމުކޮށް ބޭނުން ކުރާ ބައެއް ބާވަތްތަކުގެ އަގު ބޮޑުވުމުން އެސްޓީއޯއިން އެތަކެތި ގަނޑުކޮށް ގެނެސް އަގު ހެޔޮ ކުރުމަކީ އާއްމުކޮށް ކުރާ ކަމެކެވެ. މިފަހުން މާލޭގެ ބާޒާރުގައި ކާށީގެ އަގު އުފުލުމުން އެސްޓީއޯއިން ވަނީ ގަނޑުކޮށް ބޭރުން ކާށި އެތެރެކޮށް ވިއްކަން ފެށިއެވެ.
ހަމައެހެންމެ ހުރިހާ ސަރުކާރެއްގައި ވެސް ރޯދަ މަހު, ކާބޯތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށް އެސްޓީއޯ މެދުވެރިކޮށް, އާއްމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ތަކެތި ގެނެސް ވިއްކުމަކީ ކުރާ ކަމެކެވެ.
ކާބޯތަކެތި ހިމެނޭހެން ގިނަ ބާވަތްތަކެއްގެ އަގުތައް ބާޒާރުގައި އުފުލިފައިވާއިރު ވިޔަފާރިވެރިން ބުނަނީ އެހެން އެކަން ދިމާވާ ސަބަބަކީ މުދާ އެތެރެ ކުރަން ޑޮލަރު ގަންނަން ޖެހޭ އަގު ބޮޑުވުން ކަމަށެވެ. މީގެ ކުރިން ބްލެކް މާކެޓުން ޑޮލަރެއް ގަންނަން 16 ރުފިޔާއަށް ނުވަތަ އެއަށް ވުރެން ކުޑަތަންކޮޅެއް ބޮޑުކޮށް ލިބޭއިރު މިހާރު ޑޮލަރެއްގެ އަގު 20 ރުފިޔާއިން މަތީގައި ހުންނަތާ އެތައް ދުވަހެއް ވަނީ ވެފައެވެ.
ކާބޯތަކެތީގެ އަގުތައް މަތިވުމަކީ އާއްމުންގެ ބޮޑު ކަންބޮޑުވުމެކެވެ. ތަކެތީގެ އަގުތައް އުފުލުމުގެ އިތުރުން ވިޔަފާރިތައް ދަށްވެ, ހިންގަން ދަތިވާ ހިސާބަށް ގޮސްފައިވާ ކަމަށް އެތައް ވިޔަފާރިވެރިންނެއް ދަނީ ބުނަމުންނެވެ. ވިޔަފާރި ދަށްވާ މައިގަނޑު ސަބަބެއް ކަމަށް ވިޔަފާރިވެރިން ބުނަނީ ރާއްޖޭގައި މިހާރު ގިނަ ތަރައްގީގެ މަޝްރޫއުތަކެއް ނުހިނގާތީ އިގްތިސާދުގައި ދައުރުވާ ފައިސާ މަދުވުމެވެ.